ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުން އެ ދެކަނބަލުންނަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. މިއީ ރައީސް ޑރ. މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ކަންކަން ކުރިއަށްދިޔައީ ސްރީލަންކާގެ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި ޝަރަފުގެ ގާޑެއް އިންސްޕެކްޓްކުރެއްވުމަށްފަހު، ދެ ގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފައެވެ.
މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނޭ ގޮތަށް 20 ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްރީލަންކާ ސަރުކާރުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ދެ ގައުމުގެ ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ތައުލީމާއި، ޞިއްހަތާއި، ފަތުރުވެރިކަމާއި، ޒުވާނުންގެ ތަރައްޤީގެ އިތުރުން ދިފާޢީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 61 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ފަހިކުރުމަށްޓަކައި ވިޔަފާރިވެރިންނާއެކު ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
