ސައިބްރޯތުގެ ވާހަކަ އެހިސާބަށް ދިއުމުން ސަކޭރާއަށް އާ ހިތްވަރެއް ލިބުނު ކަހަލައެވެ. ސައިބްރޯތުގެ ވިސްނުން އެހުރީ ކުރިއާ މުޅިން ތަފާތު ގޮތަކަށެވެ. ކުރިން އޭނާއަށް އެޅުނީ ޅަ އެއްޗެއްކަން ގަބޫލުކޮށް އެކަން ރަނގަޅުކުރަން ބޭނުވެފައިވާކަން ދޭހަވިއެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން ޒޯއީއަށް ފެނުނު މަންޒަރު ސައިބްރޯތަށް ކިޔައިދޭން ސަކޭރާ ފެށިއެވެ. ސައިބްރޯތުގެ ބޮޑު އަތް ތިލަ ސަކޭރާގެ މޫނާ ދިމާއަށް ހުރަސްކޮށްލީ ދެން ބަހެއް ނުބުނާށޭ ބުނާ ފަދައަކުންނެވެ. ސައިބްރޯތު އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑުއަހަން ބޭނުން ނުވާ ކަހަލައެވެ. ދެކުދިންގެ ކައިރިއަށް ގޮސް އެ ދެކުދިންގެ ބޮލުގައި ދެއަތުން ފިރުމާލަމުން ނިތްކުރީގައި އޭނާ ހިފަހައްޓާލިއެވެ. އެވަގުތު ސައިބްރޯތުގެ ދެލޮލަށް ފެންނަމުން ދިޔައީ އެކުދިން ދުނިޔެއަށް ދަތުރު ކުރި ދުވަސްތަކުގައި ކަންތައް ވެފައިވާ ގޮތެވެ. އެކުދިން ދިޔަ ތަންތަނާ، އުޅުނު ގޮތެވެ. އަދި އެންމެ ފަހުން އެކުދިން ދުނިޔެއަށް ގޮސް ޒޯއީ ބަލިވާން މެދުވެރިވީ ސަބަބެވެ.

*** *** *** *** *** ***

ތުވާލި އޮޅައިގެން ގިފިލިން ނުކުމެ ޟިރާރު ފިޔަވަޅު އަވަސްކޮށްލީ އިބްޒީމާ ކައިރިއަށެވެ. ގޯތިތެރޭ ތެއްޔެއް ބަހައްޓައިގެން އިބްޒީމާ އިނީ ބިންމަތީ އިށީންދެގެންނެވެ. އެ ތެލީ ތެރެއަށް ވަޅި ލައިގެން އޭގައިވާ ހާލުގެ ލޭތައް ގަށާލަ ގަށާލަ އޭނާ އިނީ ތުންތަޅުވާލަ ތަޅުވާލައެވެ. ޟިރާރު އައިސް އެތަނަށް ހުއްޓެމުން ވަށައިގެން ބަލާލިއެވެ. އެއްފަރާތެއްގައި އެ ރަތްހާ މަރުވެފައި އޮތެވެ. ހިކި އަނަރޫފަވެފައިވާ ހާލުގެ ކަރު އޭތީގެ ހަށިގަނޑާ ވަކިނުވެ އިނީ ހަމަ ކުޑަ ތަންކޮޅެކެވެ.

އިބްޒީމާ ކަރުކެހިލި އަޑަށް ޟިރާރު ބަލާލީ އެދިމާއަށެވެ. މޫނާމޫނު ޖެހޭހާ ކައިރީ ހުރި އިބްޒީމާ ފެނުމުން ޟިރާރު ސިއްސައިގެންގޮސް ހަޅޭއް ލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. އިބްޒީމާގެ ބޮޑު ދެލޮލާ ހޭވިފައިވާ އސްތަށިގަނޑުގެ ސަބަބުން އޭނާއެކޭ ފުރޭތައެކޭ ތަފާތެއް ނެތެވެ. އިބްޒީމާގެ އެދުމަށް ޟިރާރުގެ އުނަގަނޑުން ތިިރި ނިވާ ކުރަން އަނދެފައިވާ ތުވާލި ނައްޓާލަމުން މުޅި މީހާ ބަރަހަނާ ވިއެވެ. އަދި އުޑުފައިން ބިންމައްޗަށް އޭނާ ތިރިވިއެވެ. ހާލުގެ ލެއިން ފުރާފައިވާ ތެލި ނަގާ ޟިރާރުގެ ބޮލަށް އިބްޒީމާ އޮއްސަމުން ތުންތަޅުވަމުން ދިޔައެވެ. ޟިރާރު ވެސް އިބްޒީމާ ކިޔައިދީގެން ދަސްކޮށްފައިވާ ކިޔެވެލިތައް ކިޔަވަލުން ދިޔައެވެ. އޭނާގެ ބޮލަށާއި ދެކޮނޑަށް އެ ތެލީގައި ހުރި ލޭތަށް އެކީ އަޅާ ހުސްކޮށްލިއެވެ. ތުންތަޅުވަމުން ކިޔަވަމުން ދިޔަ ޟިރާރުގެ މޫނުމަތިން އޮހިގެން ދިޔަ ލޭތައް އޭނާގެ އަނގަޔަށް އެޅެމުން ދިޔައެވެ.

ހުސް ތެލި ބިންމަތީ ބަހައްޓަމުން އިބްޒީމާ ޟިރާރަށް އިޝާރާތް ކޮށްލިއެވެ. ޟިރާރު އެއިން ތަނުން ތެދުވެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އިބްޒީމާއަށް ފުރަގަސްދެމުން ގަސްތަކާ ދިމާއަށް އޭނާ ބަލާލިއެވެ. ވަލުތެރެއަށް ދެވެން ހުރި އެ ބިޔަ ގަސްތަކުގެ ތެރެއިން ރަތް ކުލައިގެ ދެލޯ ދިއްލުނެވެ. ބަރަހަނާ ހާލުގައި ލެއިން ތަތްތެޅިގެން ހުރެ އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އެ ގަސްތަކާ ދިމާއަށެވެ. ހިނގަމުން ގޮސް ޟިރާރު އެ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލެން ދެން އިބްޒީމާ ބަލަން ހުއްޓެވެ.

އެއަށްފަހު އިބްޒީމާ އިސް އުފުލާލަމުން ފުރިހަމަ ހަނދާ ދިމާއަށް ބަލާލީ ހިނިތުންވަމުންނެވެ. އެ ހިނިތުންވުން ހިނިގަނޑަކަށް ބަދަލުވެ ބަރުއަޑުން ބާރު ބާރަށް އިބްޒީމާ ހޭން ފެށިއެވެ. ގިފިލީ ފާރުމަތީ އިން ކާޅު ފިޔަތަޅުވާލަމުން ވަލާ ދިމާއަށް އުދުއްސައިގަތީ ހަމަ އެވަގުތުއެވެ.

*** *** *** *** *** ***

ކާޅުތަކުގެ ގޮވެލީގެ އަޑު މުޅި ރަށުތެރޭ ފެތުރިފައިވާ އިރު އެ އަޑަކީ އެހެންޏާ އައްޑޫ އިން އިވޭވެސް އަޑެއް ނޫނެވެ. މެންދަމުގެ ވަގުތު ރަށުތެރޭ މީހުން ނިދާ ހަމަހިމޭންވުމާ އެކީ ދޫނި ސުފާސޫފި ވެސް އެއްއެއްޗެތީ ހާއްޔަށާ ހޮރުހޮރަށް ވަދެ ހަމަހިމޭންވެއެވެ. ނަމަވެސް މިރޭ އެހެން ރޭތަކާ ހިލާފެވެ.

ވައިގެ ގަދަވެ ގަސްތަކުގެ ފަތްތައް ހެލެމުން ދިޔައެވެ. ކަޅުކަން ގަދަ ވެލިގަނޑު ނުފެންނަވަރަށް ބިންމަތީ ވިއްސިވިހާލިވެފައިވާ ހިކިފަތްތައް ވައިރޯޅިއާ އެކުވެ ފަސްގަނޑުމަތީ ކޭތެމުން އެއްފަރާތަކަށް ދަތުރުކުރަމުން ދިޔައެވެ. ރަތްކުލައިގެ ސާލެއްހެން ވައިގެތެރޭ ވިހުރެމުން ދިޔަ ރަތް ފޮތިގަނޑު ވައިރޯޅި މަޑުވެލާ އިރަށް ބިންމައްޗަށް ވެއްޓި ދެއެވެ. އަނެއްކާ ވައިރޯޅީގެ އިޝާރާތަށް އެ ފޮތިގަނޑު ބިންމަތީ ހުރި ކުނިބުނިތަކާ އެކުވެ ކޭތެމުން ވައިހުރި މިސްރާބަށް ދަތުރުކުރަމުން ދިޔައެވެ.

މޫނުމަތީ ފޮތިގަނޑެއް އެޅުމާއެކީ ބަރުވެފައިވާ ދެލޯ ހުޅުވާލަމުން ނައުރީންގެ އަތް ހަރަކާތްކޮށްލީ އެ ފޮތިގަނޑު ތިރިކޮށްލާށެވެ. ނިވާކަމެއް ނެތް އެހަށިގަނޑުގައިވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިފައިވަނީ މެންދަމުގެ ވަގުތު އޭނާގެ ހަށިގަނޑަށް އިހްސާސްވަމުން ދިޔަ ފިނިކަމުންނެވެ. އުޅަނބޮށި ވިއްދާލަމުން ތެދުވަން އޭނާ މަސައްކަތްކުރީ ވަޔާ އެކުވެ ހެލެމުން ދިޔަ ނިކަގަހުގެ އަޅޯތަކާއި ދިމާއަށް ބަލަމުންނެވެ. ސިހެމުން އެކި ދިމަދިމާއަށް ނައުރީންގެ ކަޅި ހިންގާލެވުނީ އެތާ އިތުރު މީހަކު އުޅޭކަމުގެ އިހްސާސެއް ކުރުމުންނެވެ. އަތުގައި އޮތް ރަތް ހެދުން ދެއަތަށް ހެޔޮވަރުކޮށްލުމަށްފަހު ހެދުމުގެ ކަރުވަޅަށް ބޯ މަހާލީ މީހާ ހުރި ހާލަތު އެނގި ހަށިގަނޑު ނިވާކޮށްލުމުގެ ބޭނުމުގައެވެ.

ހެދުމުގެ ފަސްބައި ދަމާ ތިރިކޮށްލަމުން އެއިން ތަނުން ތެދުވަން ނައުރީން މަސައްކަތް ކުރީ އާ ހިތްވަރަކާ އެކީގައެވެ. ހެދުން އޭނާގެ ގައިން ވަކިކޮށްލާފައި ވަނީ ގަދަކަމުންނެވެ. ހެދުމުގެ އެތަން މިތަނުން ވީދިފައި ހުރުމުން ނައުރީން އެތަންތަނުގައި ހިފަހައްޓާ މީހާ ގޮނި ވެލީ އެ ހުރިހާލަތުގައި ގެއާ ހަމައަށް ދާނެ ގޮތެއް ނުވިސްނުނީމައެވެ. ކޮރެއް ޖަހަމުން ނިކަގަހާ ދުރަށް ދާން ފިޔަވަޅު އޭނާ އަވަސްކޮށްލިއެވެ.

ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ ހިޔަނި ނަށަމުން ދާ ހެން ހީވާތީ ނައުރީން ދެއަތަށްކަޅި ހިނގާލަމުން ގަސްތަކުގެ ހިޔަނިތަކަށް ބަލާލައެވެ. ގަސްތަކުގެ އަރިއަރިން ނުކުމެފައިވާ ގޮފިތަކުގައި ފަތްތައް ނެތުމުން އެ ގޮފިތަކުގެ ހިޔަނިތައް ސިފަވަނީ ނާމާން ގޮތަކަށެވެ. ހުޅުވިފައިވާ ބޮޑު އަތްތިލައެއް ފަދައެވެ. ނިޔަފަތިތައް ދިގުވެފައިވާ އެ އަތްތިލަ ނައުރީންގެ ފަހަތުން އަންނަހެން ހީވެއެވެ. ފަހަތުން ދެންމެ ދެންމެ ހިފާފާނެހެން ހީވުމުން ފަޔަށް ލެވުނު ބާރެއްލާ ކުރިއަށް ހިނގައިގަތެވެ. ފަސް އެނބުރި ބެލުމެއް ނެތި އެތަނުން ދާން ނައުރީން ދުއްވައިގަތީ އެހެން ރޭރޭވެސް އޭނާ ގެއަށް ދާން ނުކުންނަ މަގާ ދިމާއަށެވެ.

*** *** *** *** *** ***

ރޭގަނޑުގެ ކެއުމަށްފަހު ހަލަނބޮލިވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައި ބޭރަށް ނުކުތް ހޫދަށް ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. އަތިރިކައިރީ ހުރި ޖޯލިފަތީގައި އޮވެ އެކި ކަންތައްތަކާ ދޭތެރޭ ވިސްނާ ފިކުރުކުރަމުން ދަނިކޮށް އޭނާގެ ލޮލަށް ނިދި ސާވަރުވެ ނިދުނީއެވެ.

ފެންތިއްކެއް ޖެހުމާއެކީ މޫނު ކުނިކޮށްލަމުން އޭނާ ދެލޯ ހުޅުވާލިއެވެ. ހާމަކޮށް އޮތް ތަނެއްކަމުން އުޑުމަތި ބަނަކުރަމުން އައި ފުސް ވިލާގަނޑު ފެނި ވާރޭ އޮއްސާލަނީކަން އޭނާއަށް ޔަގީންވިއެވެ. އޮތްތަނުން ތެދުވެ ޖީބުން ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. 2:30 ވީކަން އެނގުމުން ހޫދު ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ކުރިމަތީ ހުރި ސައިކަލަށް އަރާ ސްޓާރޓް ކޮށްލުމަށްފަހު ވާރޭ އޮއްސާނުލަނީސް ނުތެމި ގެއާ ހަމައަށް ވާސިލްވުމުގެ ބޭނުމުގައި ދުއްވާލީ ފުދޭވަރަކަށް ބާރަށެވެ.

މަގުގެ ދެފަރާތުން ހެދިފައިވާ ބިޔަ ގަސްތަކުގެ ސަބަބުން މަގުމައްޗަށް ވެރިވެފައިވާ އަނދިރިކަމުން އެ މަންޒަރު ވަރަށްވެސް ބިރުވެރިއެވެ. މަގުގެ ދެފަރާތުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ އެއްވެސް އަލިކަމެއް ނެތެވެ. ސައިކަލުގެ ހެޑްލައިޓުން މަގު މެދަށް އެޅިފައިވާ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ފެންނާކަށް ނެތެވެ. ތުނިކޮށް ވާރޭ ވެހެން ފެށުމުން ސައިކަލުގެ ސްޕީޑް ބާރުކޮށްލަން ގިއަރަށްލާ ހިފާލި ވަގުތު ހޫދަށް ސިހުމެއް ލިބުނީ ސައިކަލު ކުރިމަތީ ހުރި އަންހެންމީހާ ފެނުމުންނެވެ.

މޫނުމައްޗަށް ދެއަތް ހުރަސްކޮށްގެން ހުރި އަންހެންމީހާ ލައިގެން ހުރީ ވީދިފައިވާ ރަތްކުލައިގެ ހެދުމެކެވެ. ބުރެއްކަށް ހިފާލަމުން ހޫދުގެ ސައިކަލުގެ މިސްރާބު ބަދަލުކޮށްލަން ހުންގާނުވެސް އަނބުރާލިއެވެ. ތާރުގަނޑުމަތިން ކަހާލައިގެން ސައިކަލާއެކު ހޫދު ގޮސް ވެއްޓުނީ އެއްފަރާތެއްގައި ހުރި ގަސްތަކުގެ ތެރެއަށެވެ. ކަކޫ ޖެހި ގޭނުމުގެ ސަބަބުން ޗޫސް ދަމާލަމުން ސައިކަލު ހިއްލާލަން ހޫދު މަސައްކަތް ކުރިއެވެ. ސައިކަލު ދަށުވެފައިވާ ފައިގެ ކަކުލާ ދިމާލުން އޭނާގެ ޖިންސުވަނީ ވީދިފައެވެ. ޒަޚަމްވެފައިވާ ދިމާލުން ލޭއަންނަކަން އެނގުނު ނަމަވެސް އޭރު ފެނުނު އަންހެންމީހާ ކޮބާތޯ ބަލާލަން ފަސްއެނބުރި އެދިމާއަށް ހޫދު ބަލާލީ ޖެހިލުންވެ ހުރެއެވެ.

މީހަކު ފެންނާކަށް ނެތެވެ. އެހެންވިއްޔާ އެމީހަކު ހޫދު ބަލާލަން ވާއިރަށް ދުވެ ފިލީކަމަށް އޭނާ ނިންމިއެވެ. އެ އަންހެންމީހާ އާ މެދު ހޫދަށް ވިސްނާލެވުނެވެ. އެއީ ކުރިން ފަހަރު ވަލުތެރެއިން ހުދު ހެދުމެއްގައި ފެނުނު އަންހެންމީހާ ކަމާ މެދު ޝައްކު ވިއެވެ. އެއް އިސްކޮޅަކާ ރޫފައެވެ. އެފަން އިސްތަށިގަނޑެވެ. ނަމަވެސް މިހާ ދަންގަނޑިއެއްގައި މީހުން ނޫޅޭ ހިސާބަކުން އޭނާ ފެނުމުން އަޖައިބުވިއެވެ. އެ އަންހެންމީހާ ހުރި ހާލު ހޫދުގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. އޭނާ ލައިގެން ހުރި ހެދުން ވަނީ އެތަން މިތަނުން ވީދައިގެން ގޮސްފައެވެ. މޫނު މައްޗަށް ދެއަތް ހުރަސްކޮށްގެން ހުރި އިރު އޭނާގެ ދެއަތުގެ މުލައްދަނޑިން ހަންގޮސް ލޭ ފޭދިފައި ހުއްޓެވެ. އިސްތަށިގަނޑު ހޭވިފައިވާ އިރު އޭނާގެ ހަށިގަނޑުގައި ވަނީ ކިލައާ ވެއްޔެވެ.

ވާރޭ ކަނި ޖަހަމުން ދިޔަކަން އިހްސާސްވުމުން ހޫދު ސައިކަލު ދުއްވާލަން ހުންގާނުގައި ހިފާލިއެވެ. މައްޗަށް ބަލާލި ވަގުތު ބޯމަތިން އުދުހިފައި ދިޔަ ކާޅުތައް ފެނުމުން ހޫދުގެ ވިސްނުން މުޅިން ބަދަލުވިއެވެ. ކާޅު ފެނުމަކީ ރަނގަޅުކަމެއް ނޫންކަން އޭނާ ގަބޫލު ކުރެއެވެ. އަދި އެއްފަހަރާ އެހާ ބައިވަރު ކާޅެއް އެއްދިމާއަކަށް ދަތުރު ކުރާ ތަން ފެނުމުން އޭނާ އިތުރަށް ހައިރާން ވިއެވެ. ސައިކަލު ސްޓާރޓް ކޮށްލަމުން އޭނާ ދުއްވާލީ އެ ކާޅުތައް ދާ މަންޒިލަކީ ކޮބައިތޯ ބެލުމުގެ ބޭނުމުގައެވެ.

*** *** *** *** *** ***

ގޭތެރެއަށް ވަނުމަށްފަހު ދޮރު ލައްޕާލަމުން ކޮޓަރިއަށް ވަންނަން ނައުރީން ހިނގައިގަތީ ސިއްރު ސިއްރުންނެވެ. މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ އަޒީމަށް ހޭލެވިދާނެތީ އެކަމަށް ވިސްނައިގެންނެވެ. ގަދައަށް ނިދާފައި އޮތް އަޒީމާ ދިމާއަށް ބަލާލަމުން ކޮޓަރި ތެރެއަށް ނައުރީން ވަންނަން ފިޔަވަޅު އަވަސްކޮށްލީ ކޮޓަރީގެ މެދުގައި އޭނަ ކުރެހި އަކަތަކާ ދިމާއަށް ބަލަމުންނެވެ. އެ އަކައިގެ ފާހަގަ ވަނީ ކޮންމެވެސް ވަރަކަށް ފޮހެވިފައެވެ. އަކައިގެ ތެރޭ އޭނާއަށް ހުރެވުނު ނަމަވެސް އެވަގުތު އެ މާރިދަށް ނައުރީންގެ ހަށިގަނޑަށް ބާރު ފޯރުވުނީ ކީއްވެ ކަން އެހިސާބުން އެނގުނެވެ.

ބިންމަތީ ކަކޫޖަހާ އިށީން އިރު ނައުރީންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހެނީއެވެ. އަނދިރިކަމުގެ ތެރޭގައި އަކައިގެ ވަށައިގެން ހަރުކޮށްފައިވާ އުއްބައްތި ހޯދުމުގެ ބޭނުމުގައި ތަޅުންމަތީ އަތް ހާކާ ބަނޑުޖަހައިގެން އޮވެ މުޅިތަނުގައި ފެތުރުމުގެ ސަބަބުން އެ އަކައިގެ ފާހަގަތަކުން ބައެއްވަނީ ފޮހެވިފައެވެ. ތަޅުންމަތީ ހުރި ފާހަގަތައް އަތުން ފޮހެމުން ދިޔައިރު ނައުރީނަށް ރޮވެނީއެވެ. ވިސްނާ ނުލާ ކުރެވުނު ކަމެއްގެ ސަބަބުން މިރޭވެސް އެ މާރިދު ކައިރިއަށް އޭނާއަށް ހާޒިރުވާން މަޖުބޫރުވީއެވެ.

އަޑު ވީއްލާ ރޯން ބޭނުންވިޔަސް ރޮވޭކަށް ނެތެވެ. ދެތުންފަތް ފިއްތާ ބާރުކޮށްލަމުން އެނދުގައި ނިދާފައި އޮތް އަޒީމާ ދިމާއަށް އޭނާ ބަލާލިއެވެ. އުއްބައްތިތައް ނަގައިގެން ގޮސް އަލަމާރިއަށް ލީ އިރު ޑްރެސިންގް ޓެބަލް މައްޗަށް ކަޅި ހިންގާލީ ފޮތްމަތިން ހަނދާންވުމުންނެވެ. ޑްރެސިންގް ޓޭބަލްމަތީ ހުޅުވާފައިވާ ފޮތް ލައްޕާލަމުން އެ ފޮތް މެއާ ލާ ބޮނޑިކޮށްލީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. އެއްއަތުން ދެލޯ ފޮހެލުމަށްފަހު އަލަމާރިއަށް ފޮތްލާ ތަޅުލިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާއާ ދިމާއަށް ދަމުން އެނދުގައި އޮތް އަޒީމާ ދިމާއަށް ބަލާލިއެވެ. ފިޔަވަޅު މަޑުޖެހުނީ ނައުރީންގެ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ.

އޭނާގެ ހިތުގައި ފުނިޖެހިފައިވާ ވާހަކަތަކާއި ސިއްރުތައް އަޒީމަށް ކިޔައި ދޭންވީއޭ ހިތަށް އެރިއެވެ. މާފަށް އެދި މިކަމުން ސަލާމަތްކޮށް ދޭން އެދެންވީއޭ ހިތަށް އެރިއެވެ. ނައުރީން ކުރިއަށް ފިޔަވަޅެއް އެޅީ އަޒީމަށް ގޮވަމުންނެވެ.

"ކަލޭތީ ހަމަ ތާކު ހުރި ބޮޑު މޮޔައެއް؟..."

އިބްޒީމާގެ އަޑު އިވުމާއެކީ ސިހިފައި އަޑުއައި ދިމާއަށް ނައުރީން ބަލާލިއެވެ. މިއޮއްފަދަ ގަޑީގައި އެގެއަށް އިބްޒީމާ އައީ ކޮން ބޭނުމަކު ހެއްޔެވެ. ހިން ދިރުވާލަމުން ދައްކާނެ ވާހަކައަކާ ދޭތެރޭ ނައުރީން ވިސްނާލިއެވެ. އިބްޒީމާ ލައިގެން ހުރި ހައުސްކޯޓުގަނޑު އަރުވާ ޖަހަމުން އެކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

"މާ ރަނގަޅުވެފަ އަޒީމް ކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭންތަ ތިއުޅޭނީ... އަވަހަށް ގޮވާފަ ކިޔައިދީ... ބުނޭ.. ކަލެއާ އަޒީމް އިނީވެސް ފަންޑިތަ ހަދައިގެންނޭ... މި ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔައިދީ... 20 އަހަރުވަންދެން ކޮންމެ ސާޅީހަކުން ކަލޭ ފަންޑިތަ އާކޮށްގެން ކުޅެމުން އައި ކުޅިގަނޑު އެއްކޮށް ކިޔައިދޭން ވީނު..."

ނައުރީނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މިފަދަ ވަގުތެއްގައި އެގެއަށް އިބްޒީމާ އައުމުން ނައުރީންގެ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތިވިއެވެ. އިބްޒީމާއަށް އޭނާގެ ހުޅި ނެއްޓިގެން ޖެހުނު މުސީބާތްގަނޑު އެނގުނީ ބާއެވެ. ނޫނީ އިބްޒީމާ ގެއަށް ވަދެ އޭނާގެ ސިހުރު ބާތިލް ކުރާ ފޮތް ވަގަށް ނެގި ވާހަކަ ޟިރާރު ކިޔައި ދިނީ ހެއްޔެވެ. ޟިރާރަށް އެވަރުގެ އިތުބާރެއް ކުރެވުނު މޮޔަކަމޭ އޭނާގެ ހިތަށް އެރިއެވެ. ދިފާއުގައި ބުނާނެ އެއްޗެއް ނައުރީނަކަށް ނުވިސްނުނެވެ. ހުރިހާ ކަމެއްގެ ފެށުމަކީ ޚުދު ނައުރީންކަން އޭނާ ގަބޫލު ކުރިއެވެ.

މަޑު ފިޔަވަޅުތަކެއްގައި އިބްޒީމާ ކުރިއަށް ހިނގައިގަތުމުން ނައުރީން އިސް ޖަހާލިއެވެ. އިބްޒީމާއާ ހަތަރުކަޅި ހަމަކުރަން އޭނާ ބޭނުމެއް ނޫނެވެ. އޭނާ އައިސްފައި ހުރި ރުޅިން އެއްޗެހި ކިޔާނެވަރު ނައުރީނަށް އިހްސާސް ކުރެވުނެވެ.

"އަޒީމަށް ކިޔައިދީގެން ވާނީ ކީއް؟ އަންނާނީ ރުޅި.. ކަލޭ ވަރިކޮށް އެއްލާލާނީ..." ޟިރާރުގެ އަޑު ޖެހުމާ އެކީ ނައުރީންއަށް ސިހިފައި ކުރިއަށް ބަލާލެވުނީ އޭނާ އެތަނަށް އައިގޮތެއް ނުވިސްނުނީމައެވެ.

އިބްޒީމާގެ ހޭވިފައިވާ އިސްތަށިގަނޑު ކުރުވެ މުޅި މީހާގެ ސިފަބަދަލުވަމުން ގޮސް ޟިރާރުގެ ސިފައަށް އޭނާ ބަދަލުވިއެވެ. އަންތަރީސްވެ ނައުރީންގެ ދެލޯ ބޮޑުވިއެވެ. މިތާ މިހުރީ އިންސާނެއް ނޫންކަން ނައުރީންއަށް ޔަގީންވީ އެހިސާބުންނެވެ.

"ކަލެއަށް އެހީވެވޭނެ އަދި ވާނެ ހަމަ އެކަކުވެސް ނެތް.. ކަލޭގެ އުމުރު ހުސްވެގެން ދާނީ އަހަންނާ އެކީ..."

ޟިރާރުގެ ސިފައަށް ބަދަލުވެގެން ހުރި ޝައިތޯނު އައިސް ނައުރީންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. އަތުގައި އޮތް ތުވާލި ދޫކޮށްލުމަށްފަހު އިސްތަށިގަނޑުގައި ނައުރީން އަތްޖައްސައިގެން ހުރީ ކަރުމައްޗަށް ޖަހައިގެންނެވެ. އެނދުގައި ނިދާފައި އޮތް އަޒީމާ ދިމާއަށް ބަލާލަމުން ނައުރީން ހަޅޭއްލަވައިގަތީ ސަލާމަތްވާނެ އިތުރު ކޮޅެއް ނުފެނުނީމައެވެ.

"ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް އަޒީމެއް ނުހޭލާނެ... އޭނާއަށް ކަލޭ ތިލަވާ ހަޅޭކު އަޑެއް ނީވޭނެ... ޝްޝްޝް.."

ޟިރާރުގެ ހޫނު ނޭވާ ނައުރީންގެ މޫނުގައި ބީހެމުން ދިޔައިރު އޭނާއަށް ދުވަމުން ދިޔައީ ފަރުހަކިވަހެވެ. ޟިރާރުގެ ލޮލުން ރަތްކުލައިގެ ވިދުމެއް ފާޅުވިއެވެ. ދަހިވެތި ގޮތަކަށް ނައުރީންގެ ހަށިގަނޑަށް މަތިން ތިރިއަށް އޭނާ ބަލާލިއެވެ. އަދި މޫނާ މޫނު ކައިރިކޮށްލުމުން ނައުރީންގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޟިރާރު އަނގަ ހުޅުވާލިއިރު ދަވަތަކެއްހެން އޭނާގެ އަނގައިން ސޮނިތައް ފައިބަމުން ދިޔައެވެ. ނައުރީންގެ ކޯތާފަތުގައި އޭނާގެ ދޫ ކާތާލީ ކުއްތާއެއް ފަދައިންނެވެ. ލޮނދިވެފައިވާ ދަވަތައް ނައުރީންގެ މޫނުގައި ޖެހުނުކަން އިހްސާސްވުމުން ދެލޯ މަރާ ފިއްތާލީ ފަކުރުން ހުރެއެވެ.

ނައުރީންގެ ކަންފަތް ދަށަށް އޭނާ ގާތްވެލަމުން އިތުރަށް އިސްތަށިގަނޑުގައި ހިފާ ފަހަތަށް ދަމާލިއެވެ. ވައިއަޑުން އެ މާރިދުގެ ދުލުން ބޭރުކުރި ބަސްތައް އިވިގެން ދިޔައިރު އަނގައިން ނުކުތް ހޫނު ނޭވާ ކަންފަތުގައި ޖެހުމުން ނައުރީން ކޮނޑު އަރުވާލިއެވެ.

"ތީ އަހަރެންގެ ހައްގެއް...."

(ނުނިމޭ)