"އަހަރެން ނައުރީންދެކެ ލޯތްބެއް ނުވޭ.. އަހަރެންނަކަށް ނޭނގެ އަހަރެން އެކައިވެނި ކުރީ ކީއްވެގެން ކަމެއް... މީގަ ވަރަށް ބޮޑު ނުބައެއް އެބަ އުޅޭ... މަށަށް ހީވަނީ... މަންޝާއާ އަހަރެން ދުރުވެގެން މިއުޅެނީ ޖިންނި ކަމަކުން ހެން... މަންޝާއާ ކުރިންވެސް ޖިންނިއެއް އަވަލައިގެން އުޅުނު... މިކަން ބަލައިދޭން އާދެބަލަ.. އާދޭސްކޮށްފަ ބުނަނީ... އަހަރެން ޓިކެޓްވެސް ހަމަޖައްސަފާނަން..." އަޒީމްގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކަކީ އަސްރާރު ބޭނުންވާ ގޮތެވެ. އަޒީމަށް އެހީވާން އޭނާ އައްޑޫއަށް ދާނަން ކަމަށް ބުނެ އެކުވެރިޔާއަށް ހިތްވަރުދީ ނަސޭހަތްތެރިވަމުން އަސްރާރު ފޯނު ކަނޑާލީ ރިޔާޒަށް އެ އުފާވެރި ޚަބަރު ހިއްސާކުރާށެވެ.

*** *** *** *** *** ***

ރޭގަނޑުގެ ހަމަހިމޭންކަން ނަގާލަމުން ދިޔައީ ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑާއި ވަޔާއި އެކީ ގަސްތަކުގެ ފަތްތައް ހެލި ނަށަމުން ދިޔައަޑުތަކުންނެވެ. އަތިރިމަތީ ޖަހާފައިވާ އަލިފާންގަނޑަށް ނަޒަރު ހުސްކޮށްލައިގެން އިން ހޫދުގެ ހިތުގައި ބިރުވެރިކަމެއްވަނީ އަށަގެންފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ކަންތައްތަކަށް ބަރޯސާވާއިރު އޭނާއަށް ފާހަގަކުރެވެމުން ދިޔައީ ރޫހާނީ ކޮންމެވެސް އުނދަގޫތަކެއް ކަމަށް ހިތުގެ އަޑިން އޭނާ ގަބޫލުކުރެއެވެ. އެފަދަ ކަންތައްތަކެއް ޝާޔާމެންނަށް ދިމާވާންވީ ސަބަބަކީ ކޮބާ ހެއްޔެވެ.

އެކި ހިޔާލުތަކަށް ގެއްލިފައި އިން ހޫދުއަށް ސިއްސައިގެން ގޮސް ހަޅޭއްލަވައި ނުގަނެވުނީ ކިރިއާއެވެ. ހޫދުގެ ކޮނޑުގައި ފިނިއަތްތިލައަކުން ހިފާލިކަން އިސްސާސްވުމުން ފުންމައިގެން ތެދުވެ ފަސްއެނބުރި އޭނާ ބަލާލީ ޖެހިލުންވެ ހުރެއެވެ. "ކަލޯގެއާ... ބިރުން އަވަދިނުވީ ކިރިޔާއެއްނު... މިތާ ހުންނަތާ ކޮންއިރެއް؟ ކަލޭ ހާދަ ލަސްވީ..." އެނބުރި ހިލަގަނޑުމަތީ އިށީންނަމުން ހޫދު ވާހަކަ ދެއްކީ މޭގައި އަތް އަޅައިގެން ހުރެ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާގެ މޫނުމަތިން ހާސްކަމުގެ ކުލަތައް ފާޅުވޭވޭ ހުއްޓެވެ. ރާއިދު ހިނިތުންވާން މަސައްކަތް ކުރަމުން ހޫދުއާ ތަންކޮޅެއް ދުރުގައި ހުރި ހިލަ ގޮނޑިއެއްމަތީ އިށީނދެ ދެއަތް ޖޯޑުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. "މަންމަމެން ނިދަންދެން މި މަޑުކޮށްލީ... އެހެންވެ ލަސްވީ.." ގަޑިއަށް ނާދެވި ލަސްވި ސަބަބު ރާއިދު ހާމަކުރީ ވަރަށް ކުރުކޮށެވެ.

"ހޫމް.. ބުނެބަލަ ކޮން ވާހަކައެއް ދައްކަންތަ އެކަހެރިކޮށް މިކަހަލަ ތަނަކުން ބައްދަލުވާން އެދުނީ... ގޭތެރޭގަ ނުދެއްކޭ ކަހަލަ ވާހަކައަކީތަ؟.." ދަނޑިބުރިއަކުން އަލިފާންގަނޑުގައި އަނދަމުންދިޔަ ދަރުތައް ހާވާލަމުން ހޫދު ސުވާލުކޮށްލީ ސީދާ މައުލޫއަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. "އާން.. އެއީ ކޮންމެ ކޮންމެ ތާކު ހުރެ ދެއްކޭ ކަހަލަ ވާހަކައެއްނޫން... އެއީ އަސްލު މީހަކަށް... ހޫމް އެވާހަކ ބާއްވާ.. ފުރަތަމަ މަކުރާ ސުވާލުތަކަކަށް ޖަވާބުދީ.. އަހަރެންނަށް އިނގޭ ހޫދު މިރަށަށް އައީކީ އަސްލު ގެސްޓް ހައުސް މަސައްކަތްތަކުގައެއް ނޫންކަން... ދެން ރީއްޗަށް ބުނަންވީނު މިތަނަށް އައި ބޭނުން... ކޮންމެ ކޮންމެ ދުވަހަކު ޝީންމެން ގޭ ކައިރީ މުގޯލި އެޅުމާ މީހުންނަށް ފާރަލަމުން ތި ދުވަނީ ކޮންމެވެސް މަގްސަދެއް އޮތީމަތާ؟..." ރާއިދުގެ ކޮނޑުގައި އަޅާފައިވާ ދަބަސް ބާލާ އޭނާ ހުރި ދިމާލުން ބިންމަތީ ބާއްވަމުން ވާހަކަ ދެއްކީ ހޫދުއާ ދިމާއަށް ބަލާވެސް ނުލައެވެ. ރާއިދު ހުރީ ހޫދުއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައެވެ. ރާއިދުގެ މޫނުމަތީ ކުލަވަރުތަކުން ކަމެއް ފާހަގަވެދާނެތީ އޭނާ ހުރީ ކަންތައް ބޮޑުވެފައެވެ.

ރާއިދުގެ ވާހަކަ ހުރި ގޮތުން ހޫދުގެ ހަރަކާތް ހުއްޓުމަކަށް އައީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ބޭއިޚްތިޔާރުގައި އޭނާގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔައީ އޭނާގެ ހަގީގަތް ހާމަވެދާނެތީ ޖެހިލުންވެ ހުރެއެވެ. ހޫދުގެ ފަރާތުން ޖަވާބެއް ނުލިބި ލަސްވަމުން ދާތީ ރާއިދު ހާސްވިއެވެ. ހޫދުގެ އަނގައިން އެއްޗެއް ބޭރުކުރަން ބޭނުމިއްޔާ އޭނާއަށް އެނގޭ އެއްޗެއް ހާމަކުރަން މިވަގުތު މަޖުބޫރުވިއެވެ. ބިންމަތީ ބެހެއްޓި ދަބަސްނަގާ އޭގެ ޒިބު ހުޅުވާލުމަށްފަހު އޭގެތެރެއިން އޭނާގެ މަންމަގެ ޑައިރީ ނަގާ ހޫދުއާ ދިމާއަށް ދިއްކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. "ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ.. މީ އަހަރެން މަންމަގެ ޑައިރީއެއްނު.. މި އޮތް ތާކުން ކަލޭ ހޯދައިގެން ފޮރުވައިގެން ކިޔާ ދިރާސާ ތިކުރަނީ ކޮން ބޭނުމަކު.. އަހަރެންގެ މަންމަ ފަލީހަތް ކުރަންތަ؟.. މިކަން ކުރަން ކަލޭ މިރަށަށް އައި ބޭނުމެއްވެސް އޮންނާނެ ދޯ!.. ކަލޭތީ އިންވެސިޓިގޭޓްކުރާ އޮފިސަރެއްތަ... ނޫނީ ތިކަމެއް ތި ކުރަނީ މީހަކު ބުނެގެންތަ؟..." ރާއިދުގެ އަޑަށް ބާރުލަމުން އޭނާގެ ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލުތައް ބޭރުކޮށްލީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

"ކިހިނެއް ތި ޑައިރީ ލިބުނީ؟..." ހައިރާންވެފައި ހުރެ ހޫދަށް ކޮށްލެވުނީ ސުވާލެކެވެ.

"ފުރަތަމަ މަކުރި ސުވާލުތަކަށް ޖަވާބެއް ދީ؟ ކަލޭ ތީ ކާކުހޭ..." ރާއިދަށް އެ ހިލަ ގޮނޑިމަތީ އިށީނދެގެން ހުރެވޭ ގޮތެއް ނުވިއެވެ. ތެދުވެ އެ ޑައިރީ ހޫދުގެ ފައިބުޑަށް ހޫރާލީ އޭނާގެ ހިތުގައި އަނދަމުންދިޔަ ހުޅުގަނޑަށް ލުއެއް ހޮދުމުގެ ބޭނުމުގައެވެ."އަސްލު އަހަރެން ހުޅުދޫއަށް އައީ ހޫދު މަންމައަށް ފާރަލާކަށް ނޫން... މިރަށަށް އައީ މަންޝާއަށް ފާރަލާން... އަހަރެންނަށް ކިޔަނީ ހޫދެއް ނޫން.. އަސްލު ނަމަކީ ޒައިކް... އަހަރެންގެ މަންމައާ މަންޝާއަކީ ގާތް އެކުވެރިން... މަންމަގެ އެދުމަށް މަންޝާގެ ހާލަތު ބަލާ ސާފުކުރަން މިރަށަށް އައީ.. އަހަރެން މަންޝާމެން ކޮޓަރި ހޭވީ މަންޝާއާ ގުޅުންހުރި އެއްޗެއް ލިބޭތޯ... އެތަނުން ފެނުން ޑައިރީއެއްތީ.. އެއްގޮތަކަށްވެސް އަހަރެން ރާއިދުގެ އާއިލާއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން... ރާއިދު އަހަރެން...."

އޭނާ ދައްކަމުން ދިޔަ ވާހަކަތައް ރާއިދު ގަބޫލުކޮށްފާނެ ކަމާ މެދު ޝައްކު އުފެދިފައިވުމުން ޖިންސުގެ ފަހަތު ޖީބުގައިވާ އޭނާގެ ވޮލެޓު ނަގާ އައިޑީ ކާޑް ރާއިދާ ދިމާއަށް ދިއްކޮށްލިއެވެ. ރާއިދު ކުރިއަށް ޖެހިލަމުން ހޫދުގެ އަތުގައި އޮތް އައިޑީކާޑަށް ބަލާލިއެވެ. ދެބުމަ ގޮށް ޖަހައިގެން ހުރެ ހޫދުގެ މޫނަށް އޭނާ ރަނގަޅަށް ބަލާލީ ސުވާލުތަކެއް އޭނާގެ ހިތުގައި ފުނި ޖެހެމުން ދާތީއެވެ. ނަމަވެސް ކުރާނީ ކޮން ސުވާލެއްކަން ނޭގި ހިނދުކޮޅަކު އޭނާއަށް ހިމޭނުން ހުރެވުނެވެ.

"މަށަށް އެނގޭ ރާއިދު އަހަރެން މި ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެކަން... އަހަރެންނަށް މި ވާހަކަތައް އެއްވެސް މީހަކާ ހިއްސާކުރަން ނުކެރުނު. އެކަމަކު މިރަށަށް އައިސްގެން ރާއިދުއާ ދިމާވިކަމަކީ އަހަރެންގެ ނަސީބުކަމެއް ނޭނގެ.. އަހަރެންނަށް ރަނގަޅު އިތުބާރު ކުރެވޭ ރައްޓެއްސަކު ލިބިއްޖެކަން އަހަރެން ގަބޫލު ކުރަން.. ރާއިދަށް ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔައިދޭން މަ ބޭނުން..." އައިޑީކާޑް އަނބުރާ އޭނާގެ ވޮލެޓުތެރެއަށް ޖަހާލަމުން ފުންނޭވާއެއް ބޭރުކޮށްލީ ރާއިދުގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލަމުންނެވެ.

ރާއިދު ބިންމައްޗަށް ގުދުވެ އޭނާގެ މަންމަގެ ޑައިރީނަގާ އެ ފޮތަށް ބަލާލިއެވެ. އަދި އެއަށްފަހު އަލިފާންގަނޑުގެ ތެރެއަށް އެ ފޮތް ކޮށްޕާލުމަށްފަހު ގޮނޑީގައި އިށީނދެ ރާއިދު ހަމަޖެހެން މަސައްކަތް ކުރިއެވެ. "އެފޮތުގައިވާ އެއްވެސް އެއްޗެއް އިތުރު މީހަކަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫން.. އަދި އޭގައިވާ އެއްވެސް ވާހަކައެއް އަހަރެންނާވެސް ހޫދު.. އައި މީން ޒައިކްވެސް ދައްކައިގެން ނުވާނެ... އިތުރު މީހަކާވެސް ހިއްސާކޮށްގެން ނުވާނެ.. މިއިން އެއްވެސްކަމެއް ހިނގައިފި ނަމަ އަހަރެންނާ ޒައިކްއާ ދެމެދުގައި މިއޮތް ގުޅުންވެސް ނޯންނާނެ... އަހަރެންގެ މަންމައަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކުރާނަންކަން ހަނދާން ބަހައްޓާތި..."ރާއިދުގެ ނިންމުމަށް ތާއިދު ކުރުމުގެ ގޮތުން ޒައިކް ބޯޖަހާލިއެވެ. ހިލަ ގޮނޑިމަތީ އިށީދެގެން ދެ އެކުވެރިން ތިބީ އަލިފާންގަނޑުގެ ތެރޭގައި އަނދަމުންދިޔަ ޑައިރީއާ ދިމާއަށް ބަލާށެވެ.

*** *** *** *** *** ***

ގޭގެ ރަނގަބީލު ޖަހާލި އަޑަށް މީރާ ގޮސް ދޮރު ހުޅުވާލީ ސޯފާގައި އިށީނދެގެން އިން ރިޔާޒްގެ އެދުމަށެވެ. ޓީވީ ރިމޯޓް ނަގާ ޓީވީގެ އަޑު މަޑުކޮށްލަމުން ސޯފާއިން ރިޔާޒް ތެދުވީ ގެއަށް އައި މެހެމާނުންނާ މަރްހަބާ ކިޔާށެވެ. ދޮރު ހުޅުވާލުމާއެކީ މީރާގެ މޫނުމަތިން ފާޅުވީ އުފާވެރިކަމެވެ. ދޮރުމަތީ ހުއްޓިގެން ހުރީ އޭނާގެ ޒަމާންވީ ރަހްމަތްތެރި ޒުހާއެވެ. އެތައް އަހަރުތަކަކަށްފަހު ޒުހާ ފެނުމުން ބަޔާންކުރަން ދަތި އުފާވެރިކަމެއް އޭނާއަށް އިހްސާސްކޮށްފިކަން ދޭހަވީ މީރާގެ އުފާވެރި މޫނު ފެނިފައެވެ. ދެއަތް ފުޅާކޮށްލަމުން މީރާ ކުރިއަށް ޖެހިލީ އެކުވެރިޔާގެ ގައިގާ ބައްދާލާށެވެ. ޒުހާގެ ހާލަކީވެސް އެއީއެވެ. މީރާ ފެނުމުން އޭނާވެސް ހުރީ އުފަލުން ފޮޅިފައެވެ. މަންމަގެ ފަރާތުން ފެނުނު މަންޒަރަށް ބަލަން ޒަފްރީން ހުރީ އަޖައިބު ވެފައެވެ. މީރާގެ ގައިން ދޫކޮށްލަމުން ޒުހާގެ މަގަތުގައި ހުރި އޭނާގެ އަންހެން ދަރި ޒަފްރީން މީރާއަށް ތައާރަފް ކޮށްދިނެވެ.

"ޒަފްރީން... އަޅެ ބޮޑުވެއްޖެދޯ... ބޭބީ އިރު ވަރަށް ލޯބިކޮށް ހުންނާނީ.. ބިސްބިސްކޮށް... މިހާރު މުޅީން ހިކިއްޖެ ދޯ... އާދޭ އެތެރެއަށް..." ގޭތެރެއަށް ވަނުމަށް ދައުވަތުދެމުން މީރާ އެތެރެއަށް ދިޔައީ އެމީހުންނަށް ސައި ހަދާށެވެ. ބަދީގޭގައި މަސައްކަތްކުރަން އުޅުނު ބިދޭސީ އަންހެންމީހާ ގާތު ފަސްމީހުންނަށް ސައި ތައްޔާރުކުރަން ބުނެފައި މީރާ އެނބުރި ސިޓިންގް ރޫމަށް އައެވެ. "ދަރިފުޅާ މުނާޒް... އާދެބަލަ.. މީނީ މަންމަގެ ވަރަށް ގާތް ފްރެންޑެކޭ..." މީރާ އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. ޒުހާ ސޯފާގައި އިށީދެގެން އިނީ މީރާގެ ހުރި ހަމައެކަނި ދަރިފުޅު ދެކިލުމުގެ ބޭނުމުގައެވެ. ފޭސްބުކަށް ލާ ފޮޓޯއަކުން މެނުވީ އެއިންކުއްޖަކު އޭނާ ނުދެކެއެވެ. އެހެންކަމުން ހަމަލޮލުން ބަލާލަން އޭނާ އިނީ ކެތްމަދުވެފައެވެ. ފޯނާ ކުޅެމުން ސިޓިންގް ރޫމަށް ނުކުތް މުނާޒްގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން ޒަފްރީނެވެ. މަޑު ފިޔާތޮށިކުލައިގެ ޝޯލަކުން އޭނާގެ ބޯ ނިވާކޮށްފައި ވާއިރު އޭނާގެ ދޮން މޫނާއި މަޑު ފިޔާތޮށި ކުލައަށްދާ ތުންފަތުގެ ފުރިހަމަކަން ދޭހަވެއެވެ. ޒަފްރީން ފެނުމާއި އެކީ މުނާޒްގެ މޫނަށް ޖައްސާލެވުނު ވައްތަރު އެތާ ތިބި އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. މުނާޒް ފެނުމާ އެކީ ޒަފްރީނަށްވެސް ވީ ހަމަ އެހެންނެވެ. ޒަފްރީންގެ ބޮޑު ދެލޯ ބޮޑުކޮށްލަމުން އެސްފިޔަތައް އަވަސްކޮށް ތަޅުވާލަމުން އޭނާ އިސްޖަހާލީ ލަދުންނެވެ. އެދެމީހުންނަށް އެކަކު އަނެކަކު އެނގޭކަހަލައެވެ. ދެކުދިންގެ ހަރަކާތް ހުރިގޮތުން މީރާއާ ޒުހާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

"ޒަފްރީން.. މުނާޒް ދަންނަންތަ؟..." ޒުހާ ސުވާލުކުރުމުން ޒަފްރީން ދިޔައީ ސިއްސައިގެންނެވެ. އެތާ ބަޔަކު ތިބިކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ލަދުން އިނދެ އިސްޖަހާލަމުން ނޫނެކޭ އޭނާ ބުނީ އެމީހުންގެ ދެމެދުގައިވާ ގުޅުން އޮޅުވާލާށެވެ. މުނާޒް ކަރުކެހިލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

މީރާއަށް އެވަގުތު ބަލާލެވުނީ ސޯފާގައި ހިމޭނުން އިން ރިޔާޒްގެ މޫނަށެވެ. ޒުހާ މިއަދު މިތަނަށް ގެނައީ ކޮންމެވެސް މުހިއްމު ކަމަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަންކަން އޭނާއަށް އެނގެއެވެ. އަދި މިފަދަ ވާހަކައެއް ކުދިން ބައިތިއްބައިގެން ދެއްކުމަކީ ބުއްދިވެރިކަމެއް ނޫންކަން އޭނާ ގަބޫލު ކުރެއެވެ. ރިޔާޒްގެ އިޝާރާތަކަށް ބަލަން ހުރި މީރާއަށް ސިގްނަލެއް ދެމުން ރިޔާޒް ކަރުކެހިލީ ޒުހާއާ ސަލާމްކޮށްލަމުންނެވެ. "ކިހިނެއްތަ؟ ކޮބާ ނަވާފް..." މު

ނާޒާއެކީ ޒަފްރީން އެތެރެއަށް ފޮނުވާލަން އޭނާ ރަނގަޅު ގޮތެއް ރާވާލެވޭތޯ ވިސްނާލިއެވެ. ރަނގަޅު ހިޔާލެއް އައުމުން އެކަން ހާމަކޮށްލީ ސިޓިންގް ރޫމުގައި ތިބި އެނމެންގެ މޫނަށް ވަކިވަކިން ބަލާލަމުންނެވެ. "މުނާޒް... ދޭބަލަ ޒަފްރީން ގޮވައިގެން އެތެރެއަށް.. މަންމަމެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ވެގެން މިއުޅެނީ... ދެކުދިންވެސް ވާހަކަ ދައްކާލަން ވާނެއްނު... ރައްޓެހިންގެ ދަރިންގެ ދަރީންނަށް ދާންދެން މި އެކުވެރިކަން ދެމެހެއްޓޭތޯ މަސައްކަތް ކުރަން ވާނެއްނު ދޯ... ދޭބަލަ މުނާޒްގެ އާރޓް ސްޓޫޑިއޯ ދައްކާލަން..."

އިސްޖަހައިގެން އިން ޒަފްރީން އެތަނުން ތެދުވީ ޒަފްރީންގެ ގައިގާ ޒުހާ ކޮއްޓާލާފަ މުނާޒާ އެކީ ދާށޭ ބުނުމުންނެވެ. މުނާޒުގެ މަންމަ އެދުނު ކަންތަކުގެ ސަބަބުން މުނާޒްވެސް ހުރީ ހިސާބަކަށް ހައިރާންވެ ފަސްޖެހޭ ގޮތްވެފައެވެ. ޖެހިލުންވެފައި ހުރިވަރުން ބޮލުގެ އިސްތަށިތަކާއި އަތުން ކުޅެމުން ޒަފްރީންއާ އެކީ އެތެރެއަށް ދިޔައެވެ. އެކުދިން ލޮލުކޮޅަށް ގޮސް ގެއްލުމުން ޒުހާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. "ޒައިކްގެ ހަބަރެއް ވެއްޖެތަ؟.."ޒުހާ ބަލާލީ ރިޔާޒްގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާއަށް ކޮންމެވެސް ކަމެއް އެނގޭ ކަހަލައެވެ. ހިޔާލަކަށް ގެއްލިފައި އިން ރިޔާޒަށް ސިހިފައި ޒުހާއާ ދިމާއަށް ބަލާލީ ކަރު ކެހިލަމުންނެވެ. "ޒައިކްގެ ޚަބަރެއް ނުވޭ... އެކަމަކު އަޒީމް ގުޅި... އޭނާ ވާހަކަ ދެއްކުން ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ގޮސްގެން އުޅޭ ކަހަލަ.. ކުރިން ކިތަންމެ ވަރަކަށް އަހަރެމެން ގުޅިއަސް މަންޝާ ރަނގަޅޭ ކިޔާ، ވާހަކަ އޮޅުވާލަން އުޅޭނީ... މިހާރު އޭނާގެ ވާހަކަ ދެއްކުމާއި ރާގު ގަނޑުވެސް މުޅިން ބަދަލުވެއްޖެ... އަހަރެމެން މިއުޅެނީ ވަރަށް އަވަހަށް އައްޑޫއަށް ފުރަން ކަމަށް..."

"ކީކޭ؟... ރަށަށް ދާށޭ... ރިޔާޒް ނުގޮސް ތިކަން ވާކަށް ނެތީތަ؟..." ހައިރާންވެފައި ހުރެ މީރާއަށް ކޮށްލެވުނު ސުވާލުން ޒުހާއާ ރިޔާޒަށް ބަލާލެވުނީ މީރާއާ ދިމާއަށެވެ. "ރިޔާޒަށް އިނގޭނެ އަހަރެން ބިރުގަންނަ ވަރު.. ރިޔާޒް ނުލާ އަހަންނަކަށް ނޫޅެވޭނެ.. އަދިވެސް މަންޝާގެ ސިފައިގައި އެ ޖިންނި ފެނުނު ދުވަސް އަހަރެން ހަނދާން އެބަހުރި... އެކޮޅުކޮޅުން ހަތަރު މޮށްގަނޑު ޖަހައިގެން އިދިކޮޅަށް އޮވެ ސިޑިން ފައިބެގެން މަގޭ ފަހަތުން އެ ޝައިތާނާ އައި ގޮތް މަގޭ ސިކުނޑިން ފިލައިގެން ނުދޭ... އޭގެ ފަހުން ވިހި އަހަރު ވީ އިރުވެސް އަދިވެސް އެ މަންޒަރުތައް އަހަންނަށް އުނދަގޫ ކުރޭ."

މީރާގެ ކަންބޮޑުވުން އޭނާ ހާމަކުރީ އެކަނިމާ އެކަނި ގޭގައި ހުންނަން ބޭޏުން ނުވާތީއެވެ. މުނާޒަކީ ގިނަވަގުތު ގޭގައި އުޅޭނެ ކުއްޖެއްވެސް ނޫނެވެ. ރިޔާޒް ރަށުގައި ނެތި އެކަނިމާއެކަނި ހުންނަން އޭނާ ފަސްޖެހުނެވެ. "މީރާ... އެހެންވެއޭ މިތަނަށް ޒުހާ މިގެނައީ...މަ ބުނިންދޯ ވަރަށްބޮޑު ކަމަކުއޭ މިގެންނަނީ... އަހަރެންނަށް ރަށަށް ނުގިސް މިކަން ކުރެވޭކަށްނެތް... ރުގްޔާ ކިޔަވަން އަހަންނާއެކީ އައްޑޫއަށް ދަނީ ލޮލަށް ނުފެންނަމީހެއް.. އޭނާއަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނެ... އަދި މަންމަގެ އެދުމެއްވެސް އެބައޮތް.. ބައްޕަގެ އުޅުން ހުރިގޮތުން މަންމަ އުޅެނީ ނުލާހިކު ބިރުން... ދެން އެވާހަކަ ބާއްވާ... ޒުހާއަށް މިގޭގަ މީރާމެން ކައިރީ މަޑުކުރެވޭނެތަ... މިގެ ރައްކާތެރިކުރަން ކިޔަވާފަ އަހަރެމެން ދާނީ.... ދެން އަސްރާ އެދޭ ގޮތަށް ހަތް ދުވަސް ވަންދެން ތިމީހުން ކަންތައްކުރީމަ ހުންނާނީ ރަނގަޅަށް..." ރިޔާޒްގެ އެދުން ހާމަކުރުމުން ޒުހާ ފުންނޭވާއެއް އެތެރެކޮށްލިއެވެ.

"މަންޝާ ރަށަށް ގެންދެވޭނެކަމުގެ ކިހާ ޔަގީންކަމެއް އޮތީ..." ޒުހާ ބޭނުންވަނީ އަޒީމްގެ ވަކިތަކުން މަންޝާ ސަލާމްތަކުރާށެވެ. މަންޝާއަށް ލިބެމުންދިޔަ ވޭނާ ކެކުޅުމުގެ ވާހަކަ މަދީހާ ވަނީ ޒުހާއާ ހިއްސާކޮށްފައެވެ. އެ ވާހަކަތައް އެނގުނު ފަހުން އޭނާގެ ފިރިހެންދަރިފުޅު އައްޑޫއަށް ފޮނުވައިގެން މަންޝާގެ ކަންތައްތައް ބަލަމުން އެދަނީ އޭނާ އަނބުރާ ކާށިދޫއަށް ގެނެވޭނެ މަގެއް ފަހިވޭތޯއެވެ.

"މިހާރު ތިހެން ބުނާކަށް ނޭނގޭނެ. އެކޅަށްގސް ކަންތައް ހުރިގޮތް ބަލާލީމަ އެއްޗެއް ބުނަން އެނގޭނީ... މިފަހަރު މަންޝާ ގޮވައިގެން ނޫނީ އަހަރެން އެނބުރި ނާންނާނަން..." އަޒުމްވަރުގަދަކޮށް ރިޔާޒް އޭނާގެ ނިންމުން ހާމަކުރިއިރު މީރާގެ ހިތް ބިރުން ތެޅިފޮޅެނީއެވެ. ކުރިން ދިމާވި ކަންތަކުގެ ކުޅިގަނޑު ހަމަލޮލުން ފެނިފައިވާތީ އޭނާ ހުރީ އިންތިހާއަށް ބިރުގެންފައެވެ.

"އަހަރެން ނަވާފާ ވާހަކަ ދައްކާލާފަ ގޮތެއް ނިންމަންތަ؟... ނަވާފްގެ ހިޔާލެއްވެސް ހޯދަން ވާނެ ނޫންތަ؟.." ޒުހާގެ ނިންމުން އަދި ހާމަކުރަން ފަސްޖެހުނީ އޭނާގެ ފިރިމީހާގެ ހުއްދައެއް ހޯދުމުގެ ބޭނުމުގައެވެ. ޒުހާގެ ގައިގާ އެ ހުންނަ މާތް ސިފަތަކަކީ ކޮންމެ މީހަކުވެސް އޭނާ ދެކެ ލޯބިވާނެ ސިފަތަކެކެވެ. ބަދިގެ ފަރާތުން ނުކުތް ބިދޭސީ އަންހެން މީހާ ހިނިތުންވެލަމުން ވާހަކަ ދެއްކީ މީރާއާ މުހާތަބު ކުރަމުންނެވެ. "މެޑަމް... ސައި ރެޑީ...."

*** *** *** *** *** ***

ވަލުތެރޭ ގަސްތަކުގެ ތެރޭ ފިލާ އޮތް ޟިރާރު ކުރިއަށް ޖެހިލީ ސިއްރުސިއްރުން އަޑެއް ބަޑެއް ނުލައްވައެވެ. އޭނާގެ ކަޅި އަމާޒުވެފައިވަނީ ހިރުނދު ގަސްދޮށިގައި އިން ރަތް ހާލެވެ. އިބްޒީމާ ބުނި ފަދައިން ކަންކުރަން ރަތްހާލެއް އޭނާ ހޯދާތާ ތިން ރޭ ވީއެވެ. ނަސީބު ރަނގަޅުކަމުން މިރޭ މިއޮތީ އިބްޒީމާ ސިފަކޮށްދިން ފަދަ ރަތްހާލަކާ އަތުޖެހިފައެވެ. މީހުން ބުނާތީ ޟިރާރަށް އެނގިފައިވާ އެއްޗެއް އޮވެއެވެ. ރަތް ހާލަކީ އެހާ ފަސޭހައިން ހިފޭނެ އެއްޗެއް ނޫނެވެ. މިރޭ އެ ހާ ހިފޭތޯ ޟިރާރު މަސައްކަތް ކުރާތާ ދެ ގަޑިއިރު ވީއެވެ. އަދިވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ގަސްދަށުގައި ހުރި ކުނިބުނިތައް އޭތީގެ ތުނބުން ކޮއްޓަމުން އިރުއިރުކޮޅާ ދެފަރާތަށް ބޯއަބުރާލާ ބަލާލައެވެ. އޭއްޗަށް ހަމަލާއެއް އަންނަން އުޅޭކަހަލަ އިހްސާސެއް ކުރާތީ ބިރުން އުޅޭ ކަހަލައެވެ. ދޭތެރެއަކުން އެސޮރު ކުކުރާލައެވެ. އަޑެއް ބަޑެއް ނުލައްވާ ޟިރާރު މަޑުމަޑުން އެ ގަސްތަކުގެ ތެރެއިން ބޭރަށް ފިޔަވަޅެއް އެޅީ ދަނޑިވަޅުގެ ބޭނުން ހިފަން ތައްޔާރުވެ ހުރެއެވެ.

ހާލުގެ ފަސްފަހަތުން މަޑު ފިޔަވަޅުތަކެއްގައި އޭނާ ކުރިއަށް ޖެހެމުން ދިޔައިރު އޭނާގެ ހިތްގަނޑު ނެގިނެގިފައި ޖެހެމުންދިޔައެވެ. ޟިރާރު ނޭވާަ ހިފަހައްޓާއިގެން ހުރީ މިފަހަރަކީ އޭނާއަށް ކާމިޔާބު ވާނެ ފަހަރުކަން ޔަގީންވުމުންނެވެ. އެހެންޏާ އޭތިކައިރިއަށް ނުދެވޭހާ ކައިރިއަށް އާދެވިއްޖެއެވެ. ދެފޫޓުގެ ދުރުމިނުގައި ހުރި ޟިރާރާ ދިމާއަށް އެ ހާ އެނބުރިލަން މަސައްކަތް ކުރަންއުޅޭހެން ހީވުމުން ފުންމައިގެން ހާލާ ދިމާއަށް ޟީރާރު ޖެހިގަތީ އޭނާގެ އަތުން އޭތި ބީވާން ބޭނުން ނުވީމައެވެ.

(ނުނިމޭ)