ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބަދަލުތަކުގެ ތެރޭގައި ހަ ވުޒާރާއެއް އުވާލެއްވުމާއި، މުޅިން އަލަށް އެއް ވުޒާރާ އުފެއްދެވުން ހިމެނެއެވެ.

މި ބޮޑު ބަދަލު ގެންނަވާފައި މިވަނީ، ކެބިނެޓުގައި ތިއްބެވި 10 ވަޒީރަކު އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ވަޒީރުން އިސްތިއުފާ ދެއްވީ ސަރުކާރު ހިންގުމުގެ ނިޒާމަށް ރައީސް ގެންނަވަން ބޭނުންފުޅުވި ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އެއާއެކު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކޮށް، އަލަށް އައްޔަނުކުރެއްވި 12 ވަޒީރަކު ވަނީ އިއްޔެ މަގާމުގެ ހުވާކުރައްވާފައެވެ.

އުވާލި ވުޒާރާތަކާއި އަލަށް އުފެއްދި ވުޒާރާ

  1. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
  2. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  3. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  4. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
  5. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް
  6. މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ

އަދި މުޅިން އަލަށް އުފައްދާފައިވަނީ "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ" އެވެ.

ނަން ބަދަލުކުރި ވުޒާރާތައް

ސަރުކާރުގެ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން 11 ވުޒާރާއެއްގެ ނަމާއި މެންޑޭޓަށް ވަނީ ބަދަލު ގެނެސްފައެވެ.

  1. ދާހިލީ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ" އަށް
  2. މާލީ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް
  3. ތައުލީމީ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވައި، މަތީ ތަޢުލީމާ ގުޅޭ ކަންކަން އެ ވުޒާރާގެ ދަށަށް ވަނީ ބަދަލުކޮށްފައި
  4. ސިއްހީ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ" އަށް
  5. އިގްތިސާދީ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އަށް
  6. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" އަށް
  7. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް
  8. ކުޅިވަރާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް
  9. އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް" އަށް
  10. މަސްވެރިކަމާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް" އަށް
  11. ސަގާފަތާ ބެހޭ ވުޒާރާގެ ނަން - "މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް" އަށް

އިދާރާތަކުގެ ބެލެނިވެރިކަމަށް އައި ބަދަލު

ވުޒާރާތައް އުވައިލެއްވުމާއި ނަން ބަދަލުކުރެއްވުމާ ގުޅިގެން، ދައުލަތުގެ މުހިންމު ގިނަ އިދާރާތަކެއްގެ ބެލެނިވެރިކަން ވަނީ އެހެން ވުޒާރާތަކުގެ ދަށަށް ބަދަލުކޮށްފައެވެ. އެގޮތުން، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ އެޖެންސީ (އެންސްޕާ) އާއި ކުޑަކުދިންގެ ހިޔާތައް ފަދަ ތަންތަން މިހާރު ހިނގަމުންދާނީ ސިއްހީ ވުޒާރާގެ ދަށުންނެވެ.

މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އާއި ޕޮލިޓެކްނިކް ފަދަ ތައުލީމީ އިދާރާތައް ތައުލީމީ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައިވާއިރު، ގައުމީ ކުތުބުހާނާއާއި ގައުމީ އަރުޝީފު ފަދަ ތަންތަން ހިނގަމުންދާނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުންނެވެ. އަދި މޫސުމާބެހޭ ގައުމީ އިދާރާއާއި ތިމާވެއްޓާ ގުޅޭ ރެގިއުލޭޓަރީ އޮތޯރިޓީތައް ހިނގަމުންދާނީ އަލަށް އުފެއްދެވި ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ދަށުންނެވެ.

މި ބަދަލުތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރައްވައި، ސަރުކާރު ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމުގެ މަގްސަދުގައި ރައީސް މުއިއްޒު އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ކެބިނެޓުގެ ސައިޒު ކުޑަކުރެއްވުމާއެކު، ގުޅުންހުރި ދާއިރާތައް އެއް ވުޒާރާއެއްގެ ދަށަށް ގެންނެވުމުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.