މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފިއެވެ.

އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތަރު އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ، 9 އެޕްރީލް ވާ އަންގާރަ ދުވަހު ކަމަށެވެ. އެ ގޮތުން ފުރަތަމަ ފްލައިޓް، QR672، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ތާވަލުކުރެވިފައި ވަނީ މާދަމާ ހެނދުނު 08:15 ގައި ކަމަށް އޭނާ ވިދާޅުވިއެވެ

މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކަށްފަހު، ރާއްޖެއާއި މެދުއިރުމައްޗާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ބަދަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގަތަރު އެއާވޭސް ފަދަ ބޮޑު އެއާލައިނެއްގެ ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބި، ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ މި ސިނާއަތް އޭގެ ފުރިހަމަ ބާރުމިނުގައި ހިނގައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފިރާގް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގަތަރު އެއާވޭސްއަކީ މުހިންމު ދައުރެއް އަދާކުރާ އެއަާލައިނަކަށް ވާއިރު، މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމެކެވެ. މެދުއިރުމަތީގައި ހިނގަންފެށި ހަމނުޖެހުމާއެކު ގަތަރު އެއާލައިންސްގެ ދަތުރުތައް ހުއްޓާލާފައި ވަނީ، ފެބްރުއަތީ 28 ވަނަ ދުވަހުއެވެ.