އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމު ކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަަށް ހާއްސަ ރޭޓިން އެއް ކަނޑައަޅައިފިއެވެ.

މިއީ "ސީފުޑް ވޮޗް" ގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިން އެއް ކަނޑައެޅި ފުރަތަމަ ފަހަރުވެސް މެއެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަން ކުރުމުގައި މިއީ ރާއްޖެ އަށް ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށެވެ.

އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާގުޅޭ ކަނބޮޑުވުންތަކެއް ހުރި ނަމަވެސް މުޅި ސަރަހައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހްތިޔާރު ކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓް ކޮށްފައެވެ.

މިއީި ދިވެހި މަސްވެރިންނާއި މަސް ގަނެ ޕްރޮސެސް ކުރާ ފަރާތްތަކާއި ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެ އަށް ފަހުރުވެރި ވަގުތު ކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ގައުމަކަށް ހާއްސަކޮށް ދޭ ރޭޓިންއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ދެމެހެއްޓެނިވި ކަމާއި ޒިންމާދާރު ކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލް އަގްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

"ސީފުޑް ވޮޗް" ޕްރޮގާމްރާމުގައި ބަލާ މިންގަނޑުތައް، ރާއްޖެއަށް ލިބުނީ "ބެސްޓް ޗޮއިސް"

އަދި މިއީ އިގްތިސާދު ބިނާ ކުރުމާއި ކަނޑުފަޅުތައް ރައްކާތެރި ކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާ ކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ. ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ރޭޓިންގްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި، ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރިހޯދުމަށް މަގުފަހި ވެގެންދާނެ އެވެ.

މި ބަދަލަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ތަރައްގީކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ބާރަކަށް ވީ ހިނދު، ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓުވަޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓިފިކޭޝަން ވަނީ މިދިޔަ މަހު ރާއްޖޭގެ ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށްވެސް ލިބިފައެވެ.