ރާއްޖޭގެ ކުޅުންތެރިންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާ ކަމަށެވެ.
"ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ވާނީ ހަމަޖެހިފައި." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވަނީ މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
