ކުރީގެ ރައީސް މުހައްމަދު ނަޝީދު އިރާނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކަށް، އީރާން އެމްބަސީން ރައްދު ދީފިއެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުވައިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުން ދަނީ އިންސާނީ ކަރާމާތް ހޯދުމަށާއި، ދިރިއުޅުމުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށް ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ އީރާނުގެ ރައްޔިތުން މަސައްކަތް ކުރަމުން ދަނީ އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަން ޖެހިފައިވާ އަނިޔާވެރިކަމާއި ފިއްތުންތަކުން މިންޖުވުމަށް ކަމަށެވެ. އެވާހަކަ އޭނާ ވިދާޅުވަނީ އީރާނުގެ ސަރުކާރަށް އަމާޒު ކުރައްވައެވެ.
އިތުރަށް ވިދާޅުވީ، އެއީ އަހަރެމެންގެ މުސްލިމް އަހުންނާއި އުހުތުން ކަމަށާއި އީރާނުގެ ރައްޔިތުންނާ އެކު ބައިނަލްއަގުވާމީ މުޖުތަމައުން ތެދުވަން ޖެހޭ ކަމަށެވެ. އަދި އީރާނުގެ ސަރުކާރު ހިމާޔަތް ނުކުރުމަށް ވެސް ނަޝީދު ގޮވާލައްވައެވެ.
މި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި ލަންކާއާ މުއާމަލާތު ކުރުމަށް ލަންކާގައި ގާއިމު ކޮށްފައި ހުންނަ އީރާނު އެމްބަސީން ބުނެފައި ވަނީ، ހުސްވި އަހަރުގެ ޖޫން މަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި ޔަހޫދީ އިޒްރޭލުން އީރާނުގެ އެކިއެކި ތަންތަނަށް ހަމަލާދީ އުމްރާނީ ވަސީލަތްތައް ހަލާލު ކޮށްލައި، ވަކިވި ފަރުދުންނަށް އަމާޒުކޮށް ހަމަލާ ދީ އެފަރާތްތައް މަރާފައިވާކަމަށް ރައްޔިތުން ހެކިވާ ކަމަށެވެ.
އަދި ޔަހޫދީ ދައުލަތުން އީރާނުގައި މިހާރު ހިންގާ އުދުވާނަކީ ސީދާ އެމެރިކާގެ ބައިވެރިވުމާއެކު ހިންގާ އުދުވާނެއް ކަމަށާއި އީރާނުގެ މަގުތައް ހަލަބޮލި ކޮށްލައި ނުތަނަވަސްކަމަކަށް ގެންދިޔުމަށް ހިންގާ އުދުވާނެއް ކަމަށެވެ.
އަދި މިފަހަރު ޔަހޫދީ މޮސާޑުން ހިންގާ ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށް ވެފައި ވަނީ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ވެސް ބުނެފައި ވެއެވެ.
މިސްކިތްތަކުގައި ހުޅުޖަހާއި، ހޮސްޕިޓަލްތަކަށް ގެއްލުންދީ މަގުމަތީގައި އުޅޭ އާންމު ރައްޔިތުންނާއި އެމީހުންގެ ފިހާރަތަކަށް ހަމަލާ ދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކްތަކަށް ގެއްލުން ދެމުން ދާއިރު ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ ވެސް އެމްބަސީން ވަނީ ސުވާލު ކޮށްފައެވެ.
އިގުތިސޯދީ ހީނަރުކަމާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައިގައި އީރާނުގައި މިހާރު މުޒާހަރާ ކުރަމުން ދާއިރު، މި މުޒާހަރާތައް ހޫނުވެ އެތަންމިތާނގައި މުޒާހަރާގެ ބައިވެރިން ދަނީ އަލިފާންވެސް ރޯކުރަމުންނެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 544 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ޒަހަމްވެފައި ވާ މީހުންނާއެކު އީރާނުގެ ވެރިރަށާއި އެހެން ބައެއް ސިޓީތަކުގެ ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ހުޅަނގުގެ މީޑިއާ ރިޕޯޓުތައް ވެސް ބުނެއެވެ. ޒަހަމްވި މީހުންގެ ސީދާ ޖުމްލަ އަދަދުތައް އަދި ސާފުވެފައި ނުވި ނަމަވެސް، ވެރިރަށް ތެހެރާނާއި އެހެން ބައެއް ސިޓީތަކުގައި ހަމަނުޖެހުން ހިންގާ އާންމު ބައެއް ތަންތަނާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.
