ލޯކަލް ޓޫރިޒަމް މުޅި ރާއްޖެއަށް ފުޅާވަމުން އަންނަ އިރު، ފަތުރުވެރިންނަށް ހާއްސާކޮށް އުފައްދާ ތަކެތި ވިއްކާ ފިހާރަތައް އަންނަނީ ރަށްރަށުގައި ވެސް އިތުރުވަމުންނެވެ. އެގޮތުން ގެސްޓްހައުސްތައް އިތުރުވަމުން އަންނަ ރަށްރަށުގެ ތެރެއިން ކ. ދިއްފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ރަށެވެ.
ރަށު ތެރެއަށް ބަލާލައިފި ނަމަ ގެސްޓުންނަށް ހާއްސަ އެތައް ފިހާރައެއް ފެންނަން ހުންނަ އިރު ރޯދަ މަހަށް ހާއްސަކޮށް 'ދަ ޕްރެސް' އިން ގެނެސް ދޭ "މީހުން" ސެގްމެންޓްގައި މިއަދު މި ހާއްސަކޮށްލަނީ އެފަދަ ސްވެނިއާ ޝޮޕެއް ހިންގަމުން އަންނަ އަންހެން ވިޔަފާރިވެރިއަކަށެވެ. ފާތުން މި މަސައްކަތް ކުރާތާ މާ ގިނަ އަހަރުތަކެއް ނުވި ނަމަވެސް އޭނާ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖައްސަން ހުރީ ހިތްވަރާ އެކު ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައެވެ.
އުމުރުން 43 އަހަރުގެ ފާތިމަތު އަލީ އަކީ މާލެއަށް އުފަން މީހެކެވެ. ދިއްފުށީ މީހަކާ ކައިވެނީގެ ގޮތުން ގުޅިގެން ފާތުން އެރަށަށް ދިރިއުޅުން ބަދަލު ކުރީ މީގެ 3 އަހަރު ކުރިންނެވެ. އެ ރަށަށް ބަދަލުވުމަށް ފަހު ހުހަށް ގޭގައި ހުރުމަށް ވުރެ މަސައްކަތެއް ކޮށް އާމްދަނީ ހޯދުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް ފާތުން ބުނެއެވެ. އެ ރަށަކީ ޓޫރިޒަމްގެ ގޮތުން ކުރި އަރަމުން އަންނަ ރަށަކަށް ވެފައި ގެސްޓްހައުސްތައް އިތުރުވެ، ފަތުރުވެރިކަމުން އާމްދަނީ ހޯދޭނެ ވިޔަފާރިއެއް ފެށުމަށް ފާތުން ނިންމިއެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ފާތުން ފެށި ސްވެނިއާ ފިހާރައިގައި ތަފާތު ގިނަ ބާވަތްތަކުގެ މުދާ ވިއްކަން ހުންނަ ތަނެކެވެ. މީގެ ތެރެއިން ބައެއް މުދަލަކީ މާލެއިން ގެންނަ މުދާތައް ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ގޮތަށް މާލެއިން މުދާ ގެންނަ އިރު އެ ރަށުގައި ހުންނަ އެހެނިހެން މިފަދަ ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލާއި ދާދި އެއް ޑިޒައިންތަކެއް ހުރުމުން ފާތުން ބޭނުންވީ ތަފާތު އެއްޗެއްހި ތަކެއް އެ ފިހާރައިން ލިބޭނެ މަގެއް ކޮށާށެވެ.
އަންނައުނުގެ ގޮތުގައި ގެންނަ ބައެއް ތަކެތި ތަފާތު ކުރުމަށް ފާތުން އަމިއްލައަށް ފަހައިގެން ބައެއް ތަކެތި އެ ފިހާރައިގައި ވިއްކަން ފެށިއެވެ. މި ތަކެތި ފެހުމަށް ބޭނުންވާ ތަފާތު ފޮތި މާލޭގެ ފިހާރަތަކުން ހޯދައިގެން ތަފާތު ޑިޒައިންތަކަށާއި ސައިޒުތަކުގެ ހެދުންކޮޅާއި ހަރުވާޅާއި ހުޑީތައް ފާތުން ފަހައި ވިއްކަން ފެށިއެވެ. ފަތުރުވެރިންގެ ޑިމާންޑާ އެއްގޮތަށް ތަފާތު ކުލަތަކުން ރާއްޖޭގެ ދިވެހިވަންތަ ސަގާފީ ކުލަތަކާއި ޑިޒައިންތައް ފެންނަ ގޮތަށް ފަރުމާކޮށްގެން އޭނާ ފަހަން ފެށި އެއްޗިއްސަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ދުވަސްވަރު މާލެއިން ގެނެސްގެން ވިއްކާ އެފަދަ އެއްޗިއްސަށް ވުރެ ފާތުންގެ އަމިއްލަ އުފެއްދުންތައް ވިކި ހުސްވަމުން ދިޔައީ ހީވެސް ނުކުރާ ފަދަ ސްޕީޑެއްގައެވެ. އެތަކެތި އެހާ އަވަހަށް ވިކި ހުސްވަމުން ދިޔަ ސަބަބެއް ކަމަށް ފާތުން ގަބޫލު ކުރީ، އެ ތަކެއްޗަކީ އެ ރަށުގެ އެހެން ސްވެއިނާ ފިހާރައަކުން ލިބޭ އެއްޗިއްސަށް ނުވުމެވެ. އާންމުކޮށް ގެސްޓު ފިހާރަތަކުގައި ހުދު ކުލައިގެ އަންނައުނުތައް ގިނަ ވިޔަސް ތަފާތު ކުލަތަކާއި ޑިޒައިންތަކުގެ އަންނައުނު އެ ފިހާރައިން ލިބުން ވެގެން ދިޔައީ ވިޔަފާރިއަށް ލިބިގެން ދިޔަ ކުރި އެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
ފެހުމުގެ އިތުރުން ވެސް ފާތުންނަކީ ކުރެހުމަށް ވެސް ލޯބި ކުރާ އެކަމުގެ ހުނަރުވެސް ލިބިފައިވާ ފަރާތެކެވެ. އެގޮތުން އެ ފިހާރައަށް ގެންނަ ބައެއް ކުރެހުންތަކަކީ ވެސް ފަތުރުވެރިންނަށް ވަރަށް ކަމުދާ ކުރެހުންތަކަށް ވެ، ޑިމާންޑަށް ބަލައި ފާތުން އަމިއްލައަށް ކުރަހަން ވެސް ފެށިއެވެ. ދިއްފުށީގެ ރީތި މަންޒަރުތަކުގެ ތެރެއިން އެ ފިހާރަ ހުންނަ ސަރަހައްދުގެ އަތިރިމަތިން ފެންނަން ހުންނަ ދިއްފުށީގެ ނަން ބޯޑު ޖަހާފައިވާ އުނދޯލި ހަރުކޮށްފައިވާ ގިޑިގެއަކީ އެރަށަށް އަރާ އެތައް މެހެމާނުންތަކަކަށް ވަރަށް ކަމުދާ ތަނެކެވެ.
އިންސްޓާގްރާމް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ގިޑިގެއަކީ ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. އެގޮތުން ފާތުންގެ ފިހިން އެ ގިޑިގެ ހުރި މަންޒަރު ކުރަހާފައިވަނީ ތަފާތު ގޮތްގޮތަށެވެ. އިރުއޮއްސޭ ވަގުތާއި އިރު އަރައިގެން އަންނަ އިރު އެ މަންޒަރު ފެންނަން ހުންނާނެ ގޮތަށް ފާތުންގެ ފިހިތަކުން ޖާދުވީ އެތައް މަންޒަރުތަކެއް ކުރަހާފައި ވެއެވެ.
މީގެ އިތުރުން ކަރުގައި އަޅާ ފަށާއި އަތުގައި އަޅާ ކެވެލިކޮޅުތައް ފަދަ ގަހަނާތައް ފާތުން ހަދާފައި އެބަހުއްޓެވެ. އަމިއްލަ އުފެއްދުން ވިއްކާ އިރު ލިބޭ އާމްދަނީ ރަނގަޅު ކަން އެނާ އަށް ތަޖުރިބާ ކުރެވިފައިވުމުން މިއަދު ފާތުން ދެކެމުން އަންނަ ހުވަފެނަކީ އަމިއްލަ ބްރޭންޑެއް އުފައްދައި އެ ފިހާރައަކީ ފާތުންގެ އަމިއްލަ އުފެއްދުންތައް ލިބެން ހުންނާނެ ތަނަކަށް ހެދުމެވެ. މުސްތަގްބަލުގައި ފާތުންގެ އަމިއްލަ އުފެއްދުންތަކާ އެކު އިތުރު ފިހާރައެއް ހުޅުވައި އެ ވިޔަފާރި ފުޅާ ކުރުމަކީ ވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.
މި ވިޔަފާރި ފެށި އިރު ފުރަތަމަ ދުވަސްކޮޅު މާ ރަނގަޅު އާމްދަނީއެއް ނުލިބުނު ސަބަބަކީ ބޭނުންވާ ވަރަށް މުދާ ނެތުމާއި އެހެން ފިހާރަތަކުން ވެސް ލިބެން ހުންނަ މުދާ އެތަނުގައި ހުރުން ކަމަށް ފާތުން ގަބޫލު ކުރެއެވެ. އެހެންކަމުން މުދާ އިތުރު ކުރުމަށާއި ތަފާތު ޑިޒައިންތައް އުފެއްދުމަށް ފާތުން ކުރި ބުރަ މަސައްކަތުން ވިޔަފާރި ކުރިއަރައިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އޮފް ސީޒަން ތެރޭގައި މާ ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ސީޒަން ދުވަސްވަރު ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދިއުމުން ގެއްލުންވި ބައި ފޫބެއްދޭ ކަމަށް އޭނާ ބުނެއެވެ.
ވަޒީފާއަކަށް ނުގޮސް ގޭގައި ތިބޭ އަންހެނުން އަމިއްލަ މަސައްކަތެއްގެ ގޮތުގައި މިއީ ކުރަން ރަނގަޅު ކަމެއް ކަމަށް ފާތުން ބުނެއެވެ. ޓޫރިޒަމް މުޅި ރާއްޖެއަށް ފުޅާވަމުން އަންނަ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިއުމަކީ މިފަދަ ވިޔަފާރިތަކުގެ މުސްތަގްބަލު އުޖާލާވާނެ ކަން ދޭހަވާނެ ކަމެއް ކަމަށް ފާތުން ބުނެއެވެ. ލިބޭ އާމްދަނީއަށް ބަލައި ފާތުން ބުނީ ކުޑަ އިންވެސްޓްމަންޓަކުން ފެށި މި މަސައްކަތުގައި ހޭދަވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހީވެސް ނުކުރާ ވަރުގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ.
މި މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ފިރިމީހާގެ ފަރާތުން ކަން ފާހަގަކޮށް ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ފިރިމީހާގެ ނަން އޭނާ ފާހަގަ ކުރިއެވެ. ފިހާރައެއް ހުޅުވުމަށް ފާތުންގެ ސިކުނޑީގައި އަތުރާފައިވާ ހިޔާލާ އެއްގޮތަށް އެގޭގައި ފިހާރައެއް ހަދައިދީ އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އެތަނުގެ އިންޓީރިއާ އަކީ ވެސް އޭނާގެ ފިރިމީހާ އަމިއްލަ އަތުން ކުރި މަސައްކަތް ކަމަށް އޭނާ ބުނެއެވެ.
ފާތުންގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް ފިރިމީހާ ދޭ އެއްބާރުލުން އެއީ އެންމެ ބޮޑު ހިތްވަރު ކަމުގައި ދެކެއެވެ. އަދި މި މަސައްކަތް ފުޅާކޮށް ކުރިއަށް ދިއުމަށް ވެސް ދެކެމުންދާ އުންމީދުގައި ވެސް ކުލަޖެހޭނެ ކަމަށް ފާތުން ގަބޫލު ކުރެއެވެ. މިއީ އެއް އަހަރު ދުވަހުގެ މަސައްކަތުން މިއަދު ފާތުންނަށް އާދެވުނު ހިސާބު ކަމަށާއި މަސައްކަތެއް ކުރުމުގެ ފޮނި އަޒުމެއް އޮވެގެން އެ ހުވަފެން ހަގީގަތަކަށް ހަދަން ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށް ފާތުން ގަބޫލު ކުރެއެވެ. ބޭނުންވަނީ ނުގުޑާނެ ފަދަ ގަދަ އަޒުމަކާއި ހިތްވަރެއް ކަމަށް ފާތުން ބުނެއެވެ.
