ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާއަކީ ވާރުތަވެރިންނަށް ބަހަން ބަހައްޓާ އެއްޗަކަށް ނުހަދައި އެ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވެއްޖެއެވެ.
މުފީދު މިހެން ވިދާޅުވީ ޕެންޝަން ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުގެ ތަޅުމުގައި ހުށަަހަޅުއްވަމުންނެވެ. އޭނާ ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވާ މީހުންނަށް އެ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށާއި އެއީ ވަރަށް ގިނަ ރައްޔިތުންނަށް މަންފާ ވާނެ ކަމެއް ކަމަށެވެ.
ހަމައެއާއެކު ޕެންޝަން ފައިސާއަކީ އިންސާނާ ދުނިޔެ ދޫކޮށް ދިއުމުން ވާރުތަވެރިންނަށް ބަހަން ހުންނަ އެއްޗެއްގެ ގޮތުގައި ނުބަހައްޓާ، ދިރި ދުނިޔޭގައި ހުއްޓާ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ އެއްޗަކަށް ހަދަން ޖެހެ ކަމަށް މުފީދު ވިދާޅުވިއެވެ. މި ބިލު ކޮމިޓީ މަރުހަލާގައި ނިމިގެން އަންނަ އިރު އެގޮތަށް ފަރުމާވެގެން ދިއުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއްގެ ގޮތުގައި މުފީދު ފާހަގަ ކުރެއްވިއެވެ.
މުފީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުގައި ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގޭނެ ކަމަށެވެ. "ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.
އެ ގޮތުން ސިއްހީ ހާލަތާ ހުރެ އުންމީދު ކަނޑާަލައި ދުނިޔޭގައި އަހަރަކަށް ވުރެ ގިނަ މުއްދަތުގައި ނުހުންނާނެ ކަމަށް ޑޮކްޓަރުން ބުނާ ހާލަތުގައި އެމީހެއްގެ ޕެންޝަންގައި ހުރި ފައިސާ އެއްފަހަރާ ނެގޭނެއެވެ. އެ ހާލަތުގައި ވާ މީހަކު ޕެންޝަން ސޭވިންސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ދޫކުރެވޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.
މީހެ އިތުރުން އެ ބިލުގައި އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައި ވެއެވެ. ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
