އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޝެއިހް މުހައްމަދު އިބްރާހިމް (ނައިފަރީ) އާ ބައްދަލު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިނިސްޓަރު ޝަހީޟް ޝެއިހް މުހައްމަދު އާ މިއަދު ބައްދަލު ކުރައްވާފައިވާ އިރު އޭނާ އަށް ވަނީ އެ މިނިސްޓްރީގެ ވާއިޒެއްގެ މަގާމު ދެއްވާފައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދީނީ ދައުވަތު ފެތުރެއްވުމަށްޓަކައި ޝައިހް މުހައްމަދު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްްކަތްތަކަށް މިނިސްޓަރު ވަނީ ތައުރީފް ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
އަދި ޝައިހް މުހައްމަދު އިބްރާހިމް އެ މިނިސްޓްރީ އާ ގުޅިވަޑައިގަތުމަކީ މިނިސްޓްރީ އާއި ދީނީ ދައުވަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.
ވާއިޒެއްގެ މަގާމަށް ޝެއިހް އިއްޔެ އައްޔަން ކޮށްފައިވާ އިރު މީގެ ކުރިން ޝެއިހް ހުންނެވީ، މަދުރަސަތުލް އިފްތިތާހްގެ އިސްލާމް ޓީޗަރެއްގެ މަގާމާގައެވެ. ނަމަވެސް ޅ. ނައިފަރަށް އުފަން ޝައިހު މުހައްމަދު އިބްރާހިމް ސިއްހީ ހާލަތު ގޯސްވެ، ދެލޮލުގެ ފެނުން ގެއްލި އަދި އެހެނިހެން ސިއްހީ މައްސަލަތައް ހުރުމުން މަސައްކަތާ ދުރުގައި ނޯޕޭ ލީވްގައި އުޅުއްވާތާ 4 އަހަރު ވެއްޖެއެވެ.
މަދީނާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައިހް އިބްރާހިމް ވަނީ ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އަދި ލޮލުގެ ފެނުން ގެއްލުމާ ހަމައަށް އައި އިރު ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް ވެސް ލިޔުއްވާފައި ވެއެވެ އޭނާގެ ބައެއް ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއްސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެއެވެ.
