ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުލް ލަތީފް މުހައްމަދާ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ހއ. އަތޮޅުގެ ކައުންސިލް މެންބަރުންނާ، ދިއްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ކަމަށާއި އަދި އެއް ފަންގިފިލާގެ ސާވިސް ބްލޮކަކާ، ވަށާފާރެއް ރާނާނެ ކަމަށެވެ. މިއީ 185.5 މިލިއަން ރުފިޔާއަށް 780 ދުވަހުން ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
4000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ދިއްދޫ ދުވާލަކު އެތައް ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެ ވެރިކަން ކުރާ ރަށްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ދިއްދޫ އަތޮޅު ހޮސްޕިޓަލް ބާވެ، ހިދުމަތް ފުޅާނުވުމަކީ ރައްޔިތުން އަބަދު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ.
ދިއްދޫ އަދި އަތޮޅު ރައްޔިތުންގެ އުންމީދަކީ ކުޅުދުއްފުށި ސިޓީ އާއި މާލެ ސިޓީއަށް ދާން ނުޖެހި ޒަމާނީ ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެހިގެން ދިއުންކަން އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ދިއްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމާއެކުގައި ތިލަދުންމަތީގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
