ހއ ދިއްދޫ އިސްލާމިކް ސެންޓަރު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓާ، ނޮވެންބަރު 3 ގައި ޝަހީދުވި އެރަށު ޝަހީދު އުމަރު އަހްމަދުގެ ނަމަށް ކަމަށެވެ.
ދިއްދޫގައި އިމާރާތްކޮށްފައިވާ އިސްލާމިކް މަރުކަޒަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ. މި މަރުކަޒުގައި ނަމާދުކުރުމަށް ހާއްސ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނާ ރޫމުގެ އިތުރުން ޕޭންޓްރީ ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒު ހުޅުވޭ ދުވަހު އިސްލާމީ ލައިބްރަރީ އާއި ގުރުއާން މަރުކަޒުގެ އައުޓްރިޗް ސެންޓަރު ވެސް ހުޅުވިގެންދާނެ ކަމަށެވެ.
ދިއްދޫ އިސްލާމިކް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫއަކީ 50.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަޝީދު ކާޕެންޓްރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރުއުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
