މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފިއެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމައި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި އޮންލައިން ޕޭމެންޓު ސިސްޓަމް، ޕޭޕަލްގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ އިއްޔެއެވެ.
މިކަމާ ގުޅިގެން މިއަދު އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ލައިސަންސް އާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމް ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެކަމަށެވެ. އަދި މި ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސް އެއް ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ކަމަށެވެ. އުރީދޫއިން ބުނީ މި ލައިސަންސްގެ ދަށުން އަމިއްލަ ފަރުދުން ހާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިން އަދި އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.
ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލްކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި ލައިސަންސްގެ ސަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ދޭ އަހްމިއަޔަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޕޭޕަލް އާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނެއުމަށް ކުރަމުންދާ މައިގަނޑު އެއް ލަނޑުދަނޑި ހާސިލްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.