ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ގެނެސްފައިވާ "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސް" އިކޮނޮމިކް މިނިސްޓްރީން ޝާއިއުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ރިކުއާމެންޓްސްގައި ހަމައެކަނި ދިވެހިންނަށް ވިޔަފާރިކުރެވޭނެ އިތުރު ދައިރާތައް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ގާނޫނޫގެ ދަށުން ދިވެހިން ކުރިއަރަމުން އަންނަ ސިނާއަތްތަކާ، ދައިރާތަކުން ދިވެހިންނަށް ހާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަލަށް ދިވެހިންނަށް ހާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު އިސްލާހުތަކެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދިވެހީންގެ ހުނަރާއި ގާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަސަ ކުރެވިފައިވާއިރު އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން ބަންކަރިންގެ ހިދުމަތާއި، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިމެނެއެވެ.
އިތުރަށް އިކޮނޮމިކް މިނިސްޓްރީން ބުނީ 2040ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލުވުމަށް ބޭރުގެ ފަރާތްތަކަށްވެސް ދިވެހިންގެ ތަޖުރިބާ އެހާބޮޑަށް ނެތް ދާއިރާތަކުން ފަހި ފުރުސަތުތަކެއް އައު އިންވެސްޓްމެންޓް ރިކުއާމެންޓްސްގެ ތެރެއިން ލިބޭނެ ކަމަށެވެ.