އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާރްއެސްޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައި ވަނީ ހިރިލަންދޫ އޮޑިވެރިންނަށް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް، އަން އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިލަންދޫއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއް ކަން ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރާނޭ އިތުރު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނޭ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވިއެވެ. އަދި ރަށުގެ ތަރައްގީގެ ޕްލޭންތައް ތައްޔާރު ކުރުމުގައި އެ ބިމުން ކުރާނޭ ބޭނުންތައް ވެސް ހިމެނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިރިލަންދޫގައި ވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާ ކުރުމާއި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި، ހިރިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި، އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމާ ބެހޭ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން، އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހިރިލަންދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް، ދިރާސީ އާ އަހަރު ބޭނުންކުރެވޭ ވަރަށް، ވަސީލަތްތައް ހަމަކޮށްދެއްވައި، ނިންމަވައި ދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއްގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.