އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެޗްޑީސީން ބުނީ އިއްޔެ ހަވީރު އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ އުސްފަސްގަނޑު ސަރަހައްދުގައި އިންޖިނިއަރިންއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބެހެއްޓި ކަމަށެވެ. މި ސްޓޯލްއަށް ގިނަ ކުދިންނެއްގެ ސަމާލުކަން ލިބިފައިވާއިރު، މި ސްޓޯލް އިން ބްރިޖް އަދި ސާވޭ އާލާތްތައް ދައްކާލުމުގެ އިތުރުން ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންއާ ގުޅޭ މައުލޫމާތު ހިއްސާކުރެވުނު ކަމަށާއި، ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓާޕަވާ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދެވުނު ކަމަށެވެ.
މީގެއިތުރުން އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، މިދިޔަ ބުރާސްފަތި ދުވަހު ހާއްސަ ޓުއާއެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެޗްޑީސީން ބުނީ މި ޓުއާ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ 5 ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ކަމަށެވެ.
އެގޮތުން މި ޓުއާގައި އެޗްޑީސީން ކުރަމުން އަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލުމާ އެ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިން ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އަދި ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުން ހިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ރާއްޖޭގެ ތަރައްގީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި މި ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.