އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރިކަމުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކަނޑުމަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އާއްމުންގެ ބޯޓުތަކުގެ ގާފިލާގައި ހިމެނޭ މައި ބޯޓަށް ޑްރޯން ހަމަލާއެއް ދީފައެވެ.

'ގްލޯބަލް ސުމުދު ފްލޮޓިލާ'ގެ ނަމުން ނަންދީފައިވާ މި ގާފިލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 44 ގައުމެއްގެ އާއްމު ރައްޔިތުން ބައިވެރިވަމުންދާ އިރު މ ގާފިލާގެ މިވަގުތު އޮތީ ތޫނިސްގައެވެ. އަދި މި ގާފިލާގެ މައި ބޯޓަށް ޑްރޯން ހަމަލާ ދީފައިވަނީ ތޫނިގެ ސަރަހައްދުގެ ތެރޭގައި އޮއްވައެވެ. ރޭގެ ވަގުތެއްގައި މި ހަމަލާ ދިން އިރު އެ ބޯޓުގައި ހަތަރު މީހަކު ތިބި ކަމަށާ އެހެން ނަމަވެސް މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މި ކަން އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ ޑްރޯން ހަމަލާ ދީފައިވަނީ ބޯޓުގެ ކުރިއަށް ކަމަށާ ހަމަލާގެ ސަބަބުން ބޯޓުުގައި އަލިފާން ރޯވި ކަމަށެވެ. އަދި ބޯޓުގައި ތިބި ފަޅުވެރިން އަލިފާންގަނޑު ނިއްވާލި ކަމަށާ މި ބޯޓުގެ ތެޔޮ ޓޭންކު އިންނަނީ ބޯޓުުގެ ކުރީގައި ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ސުމުދު ފްލޮޓިލާގެ މައި ބޯޓަކީ މި މިޝަންގައި ބައިވެރިވާ އެންމެ މަޝްހޫރު މީހުން ދަތުރުކުރަމުން ދާ ބޯޓެވެ. މީގެ ތެރޭގައި ސުވިޑަން ޒުވާން އެކްޓިވިސްޓް ގްރެޓާ ތުންބާގް ހިމެނެއެވެ. މި ހަމަލާ ދިން އިރު ތުންބާގް ބޯޓުގައި ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ޑްރޯން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނުނަގައެވެ.

އިސްރާއީލުން ގާޒާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެސަރަހައްދަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުން މުޅިންހެން ހުއްޓުމަކަށް އައިސްފައިވާ އިރު ގްލޯބަލް ސުމޫދު ފްލޮޓިލާގެ މައިގަނޑު މަގްސަދަކީ އިސްރާއީލުގެ އަނިޔާވެރި ހިސާރު ނައްތާލާ ގާޒާއާ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގެއް ހުޅުވާލުމެވެ.

މިއީ އިންސާނީ އެހީއަށް މަސައްކަތް ކުރާ ފަރާތްތަކުން ގާޒާއަށް އެހީ ވެއްދުމަށް މިގޮތަށް ބޯޓުތައް ފޮނުވާ 13 ވަނަ ފަހަރަށްވީ އިރު މިއީ އެންމެ ގިނަ ގައުމުން އެންމެ ގިނަ ބޯޓު މިފަދަ މަސައްކަތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މަސައްކަތުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވާ އިރު ގާޒާއަށްދާ ބޯޓުތަކުން ދެ ދިވެހިންނަށް ޖާގަ ދޭނެ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ.