ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް މިއަދު ދައްކާލުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޖުލައި 26 އާ ގުޅިގެން ތައްޔާރުކުރި ފުޅަނދުތައް އެންމެ ފުރަތަމަ ދައްކާލަން ތާވަލު ކުރީ ހުސްވި ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ވިއްސާރަ ވުމާއި ގުޅިގެން ފުޅަނދުތައް ދައްކާލުން ތާރީހެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.
އެއާއެކު މިއަދު އެޗްޑީސީން ބުނީ، ޖުލައި 26 އާ ގުޅިގެން ތައްޔާރުކުރި ފުޅަނދު ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ހަވީރު 16:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ފުޅަނދުތައް ދައްކާލުމަށް ވަނީ ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތަކަށްވާއިރު އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.
މާޒަކީ ކުރިއަށްއޮތްތަނުގައި ވެސް އެފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.