ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ ބްރާންޗް ރ. ދުވާފަރުގައި ހުޅުވައިފިއެވެ.

ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި މި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބުގެ އިތުރުން ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދުވާފަރުގައި ހުޅުވުނު މި ބްރާންޗަކީ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން ގާއިމުކުރެވިފައިވާ ބްރާންޗެއް ކަމަށާއި، މި ބްރާންޗުގައި ހިދުމަތް ދެމުންދާނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ދުވާފަރުގައި ގާއިމުކުރެވުނު ބްރާންޗާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗާއި، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 188 އޭޓީއެމްގެ ހިދުމަތް މިހާރު ދެމުން ދާ ކަމަށެވެ.

އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މި އަދަދުތަކުންވެސް މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ހިދުމަތެއްކަން ހާމަވާކަމަށް ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވެފައެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން މަސައްކަތް ކުރަމުންދަނީ ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ކަމަށެވެ.