މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފިއެވެ.

އެޗްޑިސީން ބުނި ގޮތުގައި މި ހިދުމަތް ތައާރަފް ކުރީ ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމުގެ މަގްސަދުގައެވެ.

މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކުއެވެ. އަދި މި ހިދުމަތް ފެށިއިރު، މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރުމަށް ނިންމާފައިވެއެވެ.

އެޗްޑީސީން ބުނީ، މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ހިދުމަތްތައް ފުޅާކުރުމަށްވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީ ފެރީ ޝެޑިއުލް:

  • މާލެއިން ކުޑަގިރިއަށް - ހެނދުނު 06:30
  • މާލެއިން ކުޑަގިރިއަށް - ހެނދުނު 08:00
  • މާލެއިން ކުޑަގިރިއަށް - ހެނދުނު 09:30
  • ކުޑަގިރިން މާލެއަށް - ހަވީރު 16:00
  • ކުޑަގިރިން މާލެއަށް - ހަވީރު 17:30
  • ކުޑަގިރިން މާލެއަށް - އިރުއޮއްސި 19:00

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެއެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުޑަގިރި

އާންމުންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ކުޑަގިރިއަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ޒިޔާރާތްކޮށްފައެވެ. ް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ.