ކުދިންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އޮންނަން ޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން އަމީނިއްޔާ ސުކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަފީއު ވިދާޅުވީ ދަރިވަރުންގެ ކަންކަމުގައި އިހުތިރާމާ އެކު، އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކޮށް މައުލޫމާތު ބަދަލުކުރެވެން ޖެހޭނެ ކަމަށާއި، އެގޮތަށް އަމަލު ކުރުމަކީ ކުދިންނަށް ދިމާވާ މައްސަލަތަކަށްވެސް އެންމެ ފަސޭހައިން ހައްލު ހޯދޭނެ ގޮތް ކަމަށެވެ.

އެއާއެކު ޝަފީއު ވިދާޅުވީ ދަރިވަރުންގެ މުސްތަގުބަލު ގުޅިފައިވަނީ ކިޔަވައިދެއްވާ މުދައްރިސުންނާކަމަށާއި، ދަރިވަރުންގެ މައިންބަފައިންގެ އިތުރުން ކިޔަވައިދެއްވާ މުދައްރިއްސުންނަށް ދަރިވަރުން އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. ދަރިވަރުންގެ ކިބައިން މިނިސްޓަރު ވަނީ މިފަދައިން އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ދިރާސީ އާ އަހަރުގައި ވެސް ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ކަންތައްތަކެއް ތަންފީޒު ކުރާނެ ކަމަށެވެ. އެގޮތުން މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭ ކޮންޓެންޓު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ފަހު 216 ސްކޫލެއްގައި މިއަދު ކިޔަވައިދޭން ފަށައިފައިވާ އިރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގައި 90،000 ދަރިވަރުން ކިޔަވާނެ ކަމަށް އެޑީއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ، މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000 އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވަނީ ވައްދާފައި ކަމަށެވެ. މި ދިރާސީ އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާއިރު، އަތޮޅުތެރޭގެ އެއް ސުކޫލްއިން އަނެއް ސްކޫލްއަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައި ވެއެވެ.

މިއަހަރު 11000 މުދައްރިސުން ހަރަކާތްތެރިވާ އިރު ސަރުކާރުގެ ސްކޫލްތަކުގައި 10000 މުދައްރިސުން މަސައްކަތް ކުރަމުންދާނެއެވެ.