ކޮންމެ ގައުމެއްގެ ވެސް ހުންގާނުގައި ހިފަންތިބީ އެގައުމުގެ ޒުވާނުން ކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. ގައުމަށް ވަފާތެރި ގައުމު ފަހުރުކޮށްދޭ ދަރިން ތިބުމަކީ އެ ގައުމަކަށް ފައިދާކުރާނެ ކަމެއްކަން ގައިމެވެ. އެކި ދާއިރާތަކުން އެފަދަ ޒުވާނުން ދިވެހީން ފަހުރުވެރިކޮށްދޭ އިރު ރާއްޖެއަށް ރީތި ނަން ހޯދައިދޭ ކޮންމެ ޒުވާނަކީ ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ޒުވާނެކެވެ.
އެގޮތުން މި ލިޔުންވެސް ހާއްސަ މިކޮށްލަނީ އެފަދަ ޒުވާނަކަށެވެ. ރާއްޖޭގައި އުފެދުނު މޮޅު އަންހެން ދުވުންތެރިއެއް ކަމަށްވާ އައިމިނަތު ޖައިޝާ ޖުނީޒްގެ ވާހަކައަށެވެ.
މާލެއަށް އުފަން ޖައި ޕްރައިމަރީ ސްކޫލުގެ ދުވަސްތައް ހޭދަކުރީ ކަލާފާނު ސްކޫލުގައެވެ. އެއަށްފަހު ސާނަވީ ހަޔާތް އަމީނިއްޔާ ސްކޫލްއިން ނިންމުމަށްފަހު ވެސް ޖައިޝާގެ ހުރިހާ ކަމެއް ހުސްކުރީ އޭނާ އެކަމެއް އެންމެ ކުރާހިތުން ކުރާ ކަންތައް ކަމުގައިވާ ދުވުމަށެވެ. 2016 އިން ފެށިގެން 2023 އާއި ހަމައަށް އެ ދާއިރާއިން ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ޖައި މިވަގުތު ހުރީ ބްރޭކެއްގައެވެ.
ބާސްކެޓް ބޯޅަ ކުޅެމުން އައި ޖައި، ދުވުން ހިޔާރު ކުރީ އުންމީދު ވެސް ނުކުރާހާ ގޮތަކަށް
މަންމަ އަކީ ވެސް އެތްލީޓަށް، ވަކީން ހާއްސަކޮށް ދުވުމަށް ލޯބި ކުރާ މީހެއް ކަން ފާހަގަކޮށް ޖައި ބުނީ، ސްކޫލް ދުވަސްވަރު ފުރަތަމަ ކުޅެން ފެށީ ބާސްކެޓް ބޯޅަ ކަމަށެވެ. އޭރު ބާސްކެޓް ކުޅުނީ އެކަމަށް ޝައުގުވެރިކަން ހުރުމުގެ ސަބަބުން ކަމަށާއި ގްރޭޑް 6، 7 އަދި އަމީނިއްޔާގައި އުޅުން ދުވަސްވަރު ވެސް އިންޓަ ސްކޫލް މުބާރާތްތަކުގައި ކުޅުނީ ބާސްކެޓް ކަމަށް ޖައި ކިޔާދިނެވެ. ނަމަވެސް ސާނަވީ ދުވަސްވަރު ސްކޫލު ސްޕޯޓްސް މީޓް ބޭއްވި އިރު ދުވުމުގައި ބައިވެރި ވުމަކީ އެ ކުޅިވަރުގެ ފެށުން ކަމަށް އޭނާ ބުންޏެވެ.
ބާސްކެޓް ކުޅުން ދޫ ކޮށްލުމަށްފަހު ދުވުމުން ކުރިއަށްދިއުމަށް ވިސްނީ އެ ދުވަސްވަރު ކުރިއަރަމުން ދިއުމުގެ އިތުރުން އެއީ އަމިއްލައަށް ކުރިއަށް ދިއުމަށް އޮތް ފުރުސަތަކަށް ވުމުން ކަމަށް ޖައި ބުންޏެވެ. އަދި އެ ރޮނގުން ކުރިއަށް ދެވުމަކީ ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ޖައި ދެކެއެވެ.
ދުވުމުގެ ދާއިރާއިން ޖައި ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި
މި ދާއިރާއިން ކުރިއަށް ދެވޭ ގޮތާ މެދު ވަރަށް ހިތް ހަމަޖެހިފައި ހުރި ޖައި ބުނީ، 2016 އިން ފެށިގެން 2023 އަށް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވުނު ކަމަށެވެ. ފުރަތަމަ ދުވަން ފެށީ ސްޕްރިންޓުގައި ކަން ފާހަގަކޮށް ޖައި ބުނީ، އެ ދުވަސްވަރު ހާސިލް ކުރެވުނީ ބްރޯންޒް މެޑަލް ކަމަށެވެ.
އަދި ފުރަތަމަ ގޯލްޑް ލިބުނީ ރިލޭ ދުވުމަކުން ކަމަށާއި އެއީ ސީނިއާ މީހުންނާ އެކު ވާދަކޮށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް ޖައި ބުންޏެވެ. އެއަށްފަހު ގޯލްޑް މެޑަލް ލިބެން ފެށީ 2018 ވަނަ އަހަރުން ފެށިގެން ލޯންގް ޓީމަށް (ދިގު ދުވުންތައް ދުވާ) 800 މީޓަރާއި 1500 މީޓަރާއި 5000 މީޓަރު ދުވުމުން ކަމަށް ވެއެވެ. އަދި ދިގު ދުވުމަކުން ފުރަތަމަ ރަން މެޑަލް ލިބުނީ 800 މީޓަރާއި 1500 މީޓަރުގެ ދުވުމަކުން ކަމަށް ޖައި ކިޔާ ދިނެވެ. އޭރު އޭނާ އެ ކާމިޔާބީ ހާސިލް ކުރީ ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެންނެވެ. އަދި މިފަދަ ބޮޑު ކާމިޔާބީއެއްގެ ފަހަތުގައި އެންމެ އިސް ރޯލެއް އަދާ ކުރީ އަބުޅޯ ކޯޗް ކަމަށް ޖައި ބުންޏެވެ.
އެއަށްފަހު ވެސް ވަރުބަލިކަމެއްނެތި ޖައި އެންމެ ބޮޑު އިސްކަމެއް ދިނީ ރެކޯޑުތަކުގެ ޓައިމިންގް އާއި ކައިރިކޮށް ދުވުމަށެވެ. އެކަމުގެ އަޒުމާއެކު ކުރިއަށް ދިޔުމުގެ ފޮނި ނަތީޖާއަކަށްވީ ނޭޝަނަލް ރިކޯޑުތައް ހާސިލް ކުރެވުން ކަމަށް އޭނާ ހިއްސާ ކުރިއެވެ.
"ފުރަތަމަ ދިޔައީ 1500 ގެ ރިކޯޑު، އެއީ ނެޝަނަލް މުބާރާތުގައި ވާދަކޮށްގެން. އޭރު ބިންދާލެވުނީ 8 އަަހަރުގެ ރިކޯޑެއް." ލިބުނު ކާމިޔާބީއާއި މެދު ހިތް ހަމަޖެހިފައި ހުރެ ޖައި ބުންޏެވެ.
ލިބުނު ކުޑަ އިންޖަރީއަކާއެކު ބްރޭކެއް ނަގައިގެން ހުއްޓަސް އެނބުރި އައުމަށް ޖައި ދަނީ ތައްޔާރުވަމުން!
އިންޑިއާގެ ޓީމަކާއެކު ލިބުނު ތިން މަސް ދުވަހުގެ ޓްރެއިނިންގައި އުޅެނިކޮށް ލިބުނު އިންޖަރީ އާއެކު ޖައި މިހާރު ހުރީ ދުވުމުން ބްރޭކެއް ނަގައިގެންނެވެ. އެ ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނު ކަން ފާހަގަ ކުރަމުން ޖައި ބުނީ، އިންޖަރީ އާއި ގުޅިގެން ގިނަ ދުވަސްތަކެއް ގެއްލިގެން ދިޔަ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ޖައި ފާހަގަ ކުރީ މުހިންމު މުބާރާތެއްކަމަށްވާ އައިއޯޖީގައި އޭނާގެ އެންމެ ބެސްޓު ނުދެވުނު ކަމެވެ.
އިންޖަރީވި ދުވަސްވަރު މެންޓަލީ ވެސް ވަރަށް ބޮޑަށް މީހާ ޑައުންވި (ވެއްޓުނު)ކަން ފާހަގަކޮށް ޖައި ބުނީ އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. "އަސްލު ވަރަށް ޓްރައި ކުރިން ކުރިއަށް ދެވޭ ތޯ. ކިތޭ ބަޔަކުވެސް ހިތްވަރުދީ ޖައިގެ ފަހަތުގައި ތިބި. އެކަމަކު ހަމަ ކުރިއަށްދާނެ އެ ސްޓްރެންތް ނެތީ. އެގޮތަށް އަހަރު ދުވަސް މި ފާއިތުވީ" ދުވުމާއި ދުރަށް ފިޔަވަޅު އެޅި ގޮތް ކިޔާދެމުން މާޔޫސް ކަމާއެކު ޖައި ކިޔާދިނެވެ.
އޭރު އެގޮތަށް ކަންތައް ވި ނަމަވެސް ޖައި ހުރީ މި ދާއިރާއިން ދޫ ދޭ ގޮތަކަށް ނޫނެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ދުވުމުން އަނެއްކާވެސް ފެނިގެންދާނެއެވެ. "އަދި އަންނާނަން ކުރިއަށް ވުރެ ވަރުގަދަކޮށް" އާ އަޒުމަކައިގެން ކުރިއަށްދާން އަތުކުރި އޮޅާލައިގެން ހުރި ޖައި ބުންޏެވެ.
ބޭރުގެ މުބާރާތްތަކުގައި ވާދަ ކުރާއިރު އެންމެ އުނދަގުލީ މޫސުމަށް އަންނަ ބަދަލު
ބޭރު ގައުމުތަކުގެ އެކި މުބާރާތްތަކުގައި ވެސް ޖައި ވަނީ ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ރާއްޖެއިން ބޭރުގައި ވާދަ ކުރާ ގައުމުތަކުގައި ޗެލެންޖަކާ ކުރިމަތިލާން ޖެހެއެވެ. އެއީ އެ ގައުމުތަކާއި ރާއްޖޭގެ ފިނި ހޫނުމިނެވެ. ނަމަވެސް އެ ޗެލެންޖުތަކާއެކު ވެސް އެފަދަ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދުނު ކަމަށް ޖައި ބުންޏެވެ.
ދުވުމަކަށް ތައްޔާރުވާއިރު ޖައި އިސްކަންދެނީ މި ކަންކަމަށް
ކޮންމެ މުބާރާތަކަށް ވެސް ދެ ދުވަސްވަރު ކުރިން ތައްޔާރު ވާން ފަށާ ޖައި ބުނީ މުބާރާތް އޮންނަ ދެ ދުވަހުގެ ކުރިން ވަރަށް ގިނައިން ފެން ބޯ ކަމަށެވެ. އަދި ހަށިގަނޑު ވީހާވެސް ހައިޑްރޭޓް ކޮށް ބެހެއްޓުމަށް މަސައްކަތް ކުރާ ކަމަށާއި އެ ދުވަސް ވަރަކީ ގިނަ ވަގުތު ހޭދަ ކުރަނީ ޕްރެކްޓިސް ކޮށް މެންޓަލީ ޕްރިޕެއާ ވާން ކަމަށް ވެއެވެ. އަދި ކޯޗުގެ އިރުޝާދުތަކަށް އަބަދުވެސް އިސްކަންދޭ ކަމަށާއި ކާމިޔާބީ ތަކުގެ އަސްލަކީ ވެސް އެއީ ކަމަށް ޖައި ބުންޏެވެ.
"ދުވާ ދުވަހުގެ ކުރިއަށް ތައްޔާރުވާން ފަށަން. އެއްކަމަކީ ގިނައިން ފެންބޮއެ މެންޓަލީ ރެޑީވުން. ދެން ދުވާ ދުވަހު ބަލަން މީހުންނާ އެހާ ގިނައިން ކޮމިއުނިކޭޓް ނުކޮށްވޭތޯ. އަދި ދުވަން ފީލްޑަށް ވަދުމަށްފަހު އިތުރު އެއްވެސް މީހެއްގެ އަޑެއް ނީވޭނެ. އެ ވަރަށް މެންޓަލީ ޕްރިޕެއާ ވަން" ދުވަން ތައްޔާރުވާ ގޮތް ޖައި ހިއްސާ ކުރިއެވެ.
ޖައި އަށް މި ދާއިރާއިން އެންމެ ހާއްސަ ވަގުތުތަކަކީ މިއީ
ކޮންމެ ކާމިޔާބީއެއް ލިބޭ ދުވަހަކީވެސް ވަރަށް އުފާވާ ދުވަހެއް ކަމަށާއި ނަމަވެސް ވަކިން ހާއްސަކޮށް އުފާވި ދެ ދުވަހެއް ވާ ކަމަށް ޖައިޝާ ކިޔާދިނެވެ. އެގޮތުން ފުރަތަމަ 800 މީޓަރާއި 1500 މީޓަރުން ރަން މެޑަލް ލިބުނު ދުވަހަކީ އޭގެ ތެރެއިން އެއް ދުވަސް ކަމަށް ޖައި ބުންޏެވެ. އަދި ހަމަ އެހެންމެ 2023 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާއިން އަހަރުގެ އެންމެ މޮޅު އެތްލީޓްގެ ފަހުރު ލިބިގެން ދިޔުމަކީ ވެސް މި ދާއިރާގައި ވަރަށް ހާއްސަ ދުވަހެއް ކަމަށް ޖައި ބުންޏެވެ.
ދާއިރާއިން ކުރިއަށްދާން އެންމެ ހިތްވަރު ލިބެނީ އާއިލާއާއި ކޯޗުގެ އެއްބާރުލުމާއެކު
މިހާ ހިސާބަށް ވާސިލް ވުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކޮށް ޖައި ބުނީ އެ މަސައްކަތުގެ އަސްލަކީ މަންމަ އާއި ބައްޕަ ކަމަށެވެ. އަދި މާމަ އަކީ ވެސް ފާހަގަ ކޮށްލެވޭ ފަރާތެއްކަން ޖައި ފާހަގަ ކުރީ އެންމެންގެ ފަރާތުން ލިބެމުންދާ ހުއްޓުމެން ނެތް ހިތްވަރާއި ތަރުހީބަށް ޝުކުރުވެރިވާ ހާލުއެވެ. އަދި ހަމަ އެހެންމެ ކޮންމެ މުބާރާތެއްގެ އިތުރުން ޕްރެކްޓިސްގައި ހިތްވަރުދޭ އަބުޅޯ ކޯޗް އަކީ ވަރަށް ހާއްސަ މީހެއް ކަމަށް ޖައި ބުންޏެވެ. އަދި ކޯޗުގެ ސަބަބުން އަބަދުވެސް ކުރިއެރުމަށް ހިތްވަރު ލިބޭ ކަމަށް އޭނާ ކިޔާދިނެވެ.
މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ޖައި ދިން ނަސޭހަތަކީ އަޒުމެއް ކަނޑައެޅުމެވެ. އެ އަޒުމް ކަނޑައެޅުމަށްފަހު ހުއްޓާ ނުލާ އެކަން ހާސިލް ކުރުމަށް ބުރަކޮށް މަސައްކަތް ކުރުމަކީ ވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް ޖައި ބުނީ، ކުރާ ހިތުން ކުރާނަމަ މިއީ އެއްވެސް އުނދަގޫ ކަމެއް ނޫން ކަމަށެވެ.