އަހަންނަކީވެސް ނޫސްވެރިއަކަށް ވީ ހިނދު ބޭރު ގައުމެއްގެ ނިއުސް ސްޓޭޝަނެއްގައި މަސައްކަތް ކޮށްލުމަކީ ދެކޭ ހުވަފެނެކެވެ. ރާއްޖޭގެ ނިއުސް ސްޓޭޝަންތަކާއި ބޭރުގެ ނިއުސް ސްޓޭޝަންތަކުގެ މަސައްކަތް ކުރުމުގެ ވައްޓަފާޅި އަޅާކިޔާލަން ބޭނުންވެއެވެ. ފަހަރުގައި އަހަރެންގެ ހުވަފެން ހުވަފެނެއްގެ ގޮތުގައި އޮވެދާނެއެވެ.

ނަމަވެސް ހިތަށް ލިބޭ ހަމަޖެހުމަކީ އަހަރެން ކަހަލަ އެހެން ދިވެއްސަކަށް ބޭރު ގައުމެއްގެ އެންމެ ބޮޑު ނިއުސް ސްޓޭޝަން ކަމަށްވާ އަލް-ޖަޒީރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމެވެ.

އެގޮތުން އައްޑުއަށް އުފަން އަމީރާ އޮސްމަންއަގިޗް ނޫންނަމަ 'އަމީ' އަކީ ދިވެހީންގެ ތެރޭގައި އާ މޫނަކަށް ނުވާނެއެވެ. ޓިކްޓޮކުންނާއި އެހެނިހެންވެސް ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުން ދެކެފަރިތަ އަމީ އަކީ ހުނަރުން ފުރިގެންވާ ފަހުރުވެރި ދިވެއްސެކެވެ. މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން މެލޭޝިއާގައި މިހާރުވެސް ތައުލީމް ހާސިލް ކުރަމުންދާ އަމީއަކީ ކޮންޓެންޓް ކްރިއޭޝަން އާއި ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން ލިޔުންތެރިއެއްވެސް މެއެވެ.

އައްޑޫއިން ޕްރައިމަރީ ތައުލީމް ހާސިލް ކުރުމަށްފަހު ލިބުނު ސްކޮލާޝިޕެއްގައި އަމީ ގްރޭޑް އަށަކަށް ބަދަލުވީ އަމީނިއްޔާ ސްކޫލަށެވެ. ނަމަވެސް މާލޭގެ ހަލަބޮލި މާހައުލު އޭނާއަށްވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. އެއާއެކު އޯލެވެލްގެ ބާކީ ކިޔެވުން ނިންމުމަށް އެނބުރި ދިޔައީ އައްޑުއަށެވެ. އެއަށްފަހު މަތީ ސާނާވީ ހަޔާތް ވެސް އަމީ ނިންމާލީ އައްޑޫ އިންނެވެ.

އަމީ ތައުލީމީ ހަޔާތުގެ ބޮޑުބައި ނިންމާލީ އައްޑޫއިން

"ތައުލީމހަޔާތުގެ ބޮޑު ބައި ހޭދަ ކުރީ ހަމަ އައްޑޫގައި، ގްރޭޑް 7 ނިންމާފައި އޭރު އަމީނިއްޔާއިން އޮފާ ކުރާނެ އަމީން ދީދީ ސްކޮލާޝިޕް، އެ ސްކޮލާޝިޕް ލިބިގެން މާލެއަށް ބަދަލުވިން. އެކަމަކު މާލެއަކީ އެހާ އުޅޭ ހިތްވާ ތަނެއް ނޫން. އެހެންވެ އަނެއްކާ އައްޑުއަށް ބަދަލުވެ ގްރޭޑް 9، 10 އަދި އޭލެވެލް ވެސް ނިންމާލީ" އަމީ ހިއްސާ ކުރިއެވެ.

ކުޑައިރުވެސް އަލްޖަޒީރާގެ ހަބަރު ބެލުމަށް ލޯބި ކުރި އަމީ، މިހާރު އިންޓާންޝިޕް އަދާކުރަނީ އެތަނުގައި

އަލް-ޖަޒީރާއަކީ އެންމެ ކުޑައިރުއްސުރެވެސް މަސައްކަތް ކުރާ ހިތްވާ ތަނެއްކަން ފާހަގަކޮށް އަމީ ބުނީ އެކަމުގެ ޝައުގުވެރިކަން އުފެދުނީ ކުޑައިރު ބައްޕަ އާއި އެކު ހަބަރު ބެލުމަށް ހޭދަ ކުރި ވަގުތުތައް ކަމަށެވެ. ބައްޕައަކީ ބޮސްނިއާގެ ހަނގުރާމައިން ސަލާމަތްވެގެން އައިސްހުރި މީހެއްކަމުން އޭރު ބަލަނީ އަލް ޖަޒީރާއިން ދެއްކި ހަނގުރާމައިގެ ހަބަރުތައް ކަމަށާއި ދެ މީހުން އެކުގައި ހަބަރު ބެލުމަށް ހުސްކުރާ ވަގުތުތަކަކީ އަލް-ޖަޒީރާއަށް ލޯބި ޖެހުނު ގޮތް ކަމަށް އަމީ ކިޔާދިނެވެ.

"އެންމެ ކުޑައިރުއްސުރެވެސް ބޭނުންވޭ އަލް-ޖަޒީރާގައި މަސައްކަތް ކުރަން. ބައްޕަ އަބަދުވެސް ޓީވީން ބަލާނީ އަލް-ޖަޒީރާ. ބައްޕައާއެކު އެހެން ޓީވީ ބަލަން ހޭދަ ކުރާ ގަޑީގައި ފެންނާނެ އިސްލާމް އާބާދުގެ ކޮރަސްޕޮންޑޭންޓެއް އުޅޭނެ ކަމާލް ހައިދަރު. ދެން ކޮންމެ ދުވަހަކުވެސް އޭނަ ފެންނާނެ އަފްގާނިސްތާންއާއި ޕާކިސްތާންގެ އަޕްޑޭޓް ދޭތަން. އެ ގަޑީގައި ޓީވީ ބަލަން ހުރެފައި ކަމާލް ސައިން އޮފް ކުރާ ގަޑީގައި އޭނާގެ އަޑުދަށުން ބައްޕަ އާއި އަމީއާ ދެ މީހުން އަބަދުވެސް ކިޔާނެ 'ކަމާލް ހައިދަރު - އިސްލާމް އާބާދު' އެގޮތަށް އަބަދު ފެނި އިންޓަރެސްޓު އުފެދުނީ. އަދި މިހާރުވެސް ބައްޕަ އާއި ދެމީހުން ޚަބަރު ބަލާ ގަޑީގައި އެހެން ކިޔާނެ"
ކުޑައިރުގެ ފުން ހަނދާންތައް އާ ކުރަމުން އަމީ ބުންޏެވެ.

އޭރުން ފެށިގެން އަލް-ޖަޒީރާގައި މަސައްކަތް ކުރުމުގެ ފޮނި ހުވަފެން ދެކެމުން އައި އަމީ، އެކަން ހާސިލް ކުރުމަށް ދިޔައީ ކެނޑި ނޭޅި ބުރަ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުނިވާސިޓީގައި ކިޔަވަން ބެލިއިރުވެސް ބެލީ އަލް-ޖަޒީރާއިން އިންޓާންޝިޕެއް ހޯދުމުމުގެ ހުވަފެންތަކެވެ. އަދި އިންޓާންޝިޕެއް ނުލިބޭ ޕްރޮގްރާމެއްގައި ނޫނީ ބައިވެރި ނުވުމަށް އަޒުމް ކަނޑައެޅި ކަމަށާއި ކިޔެވުމުގެ ތެރެއިންނާއި ބޭރުން ވެސް މަސައްކަތް ކުރީ އަލް-ޖަޒީރާއަށް ވަދެވޭނެ ގޮތްތައް ހޯދާ ބެލުމަށް ކަމަށް އަމީ ކިޔާދިނެވެ.

އަމީގެ މަންމައާއި ބައްޕައާއެކު، އަލްޖަޒީރާއަށް ޝައުގުވެރިކަން އުފެދުނީ ބައްޕަ އާއެކު ހަބަރު ބަލަން ހޭދަކުރި ވަގުތުތަކުން

ރާއްޖޭގައިވެސް އަމީ ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައި

ތައުލީމް ހާސިލް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިންވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިކަން ފާހަގަކޮށް އަމީ ބުނީ، އެންމެ ފުރަތަމަ މަސައްކަތް ކުރީ 'އައްޑޫ ލައިވް' ގައި ކަމަށެވެ. އޭގެ ފަހުން ޓައިމްސް އޮފް އައްޑޫގައިވެސް މަސައްކަތް ކުރި ކަމަށާއި އެ ދުވަސްވަރު ވެސް ވަރަށް ގިނަ ބައެއްގެ ފަރާތުން ލިޔުމުގެ ކަންކަން ކުރިއެރުވުމަށް ގިނަ އެހީތަކެއް ލިބުނުކަން އަމީ ފާހަގަ ކުރީ ޝުކުރުވެރިވަމުންނެވެ.

އަލް-ޖަޒީރާގައި އިންޓާންޝިޕްގައި މަސައްކަތް ކުރަމުންވެސް އަމީ ދަނީ ޕާޓް ޓައިމްކޮށް 'ދަ އެޑިޝަން' ގައި މަސައްކަތް ކުރަމުންނެވެ. އަމީ ދަ އެޑިޝަންގައި މަސައްކަތް ކުރަން ފެށީ ކިޔަވަމުންނެވެ. އިންޓާންޝިޕް ފެށުމުގެ ކުރިން ކިޔަވަމުން ނޫހެއްގައި މަސައްކަތް ކުރަން ނިންމީ އެ ދާއިރާގައި އުޅޭ އެހެން މީހުންގެ ވެސް ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އޭނާ ކިޔާދިނެވެ.

"އެ މީހުން ބުނީ ޕާޓް ޓައިމްކޮށް އެހެން ތަނެއްގައި މަސައްކަތް ކުރީމަ ލިޔުމާ އެއްޗިސް ފަރިތަވާނެއޭ," އިތުރު ތަނެއްގައި މަސައްކަތް ކުރަން ފެށި ގޮތް ހިއްސާ ކުރަމުން އަމީ ކިޔާދިނެވެ.

ދެ ތަނުގައި މަސައްކަތް ކުރުމަކީ ވަރަށް ޗެލެންޖިންގް ކަމެއްކަން ފާހަގަކޮށް އަމީ ބުނީ ރައްޓެހިންނާއެކުވެސް މަޖާކޮށްލާ ބޯ ހަމަޖައްސާލަން ދާނެ ވަގުތެއް ގިނަފަހަރު ނުވާ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ރައްޓެހިންނާއެކު ބޭރަށް ދާ ނަމަވެސް ދެވޭ ފަހަރަކުވެސް ދަނީ ލެޕްޓޮޕް ހިފައިގެން ކަމަށް އަމީ ކިޔާދިނެވެ.

އަމީ އެހެން ހޮސްޓަކާއެކު އުރީދޫ އައްޑޫ ކަލާ ރަން ހޮސްޓު ކުރަނީ

އަދި ހަބަރެއް ލިޔަން ޖެހިއްޖެނަމަ ހަބަރު ހެދުމަށް އިސްކަންދޭ ކަމަށާއި ލިޔެ ނިންމުމަށްފަހު އަނެއްކާވެސް ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރާ ކަމަށް ވެއެވެ. މިފަދަ އުނދަގޫ ވަގުތެއްގައި އުޅުނު ނަމަވެސް ރައްޓެހިންގެ ފަރާތުން ލިބޭ ސަޕޯޓް އަމީ ފާހަގަ ކުރީ އުފަލުންނެވެ. ދެ ތަނެއްގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް އޭނާގެ ހުވަފެން ހަގީގަތަށް ހެދުމަށް އަމީ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

"ހެނދުނު މިދަނީ އިންޓާންޝިޕަށް، ހަވީރު 4 ޖަހާއިރު ނިންމާފަ ގެއަށް އައިސް އަނެއްކާ 'އެޑިޝަން' ވޯކް މި ސްޓާޓް ކުރަނީ. ދެން ނިދަން ދެން އެ މަސައްކަތުގައި އިނދެފަ، 4-5 ވަރަކަށް ގަޑިއިރު ނިދާލާފަ އަނެއްކާ ހަމަ ސޭމް ރޫޓިން ރިޕީޓް ކޮށް ކޮށް މި ހުންނަނީ" އޭނާގެ ބިޒީ ޝެޑިއުލް ކިޔާ ދެމުން އަމީ ބުންޏެވެ.

ޖާނަލިސްޓެއްގެ އިތުރުން އަމީ ދަނީ ކުޑަކުދިންނަށް ހާއްސަ އެކި ފޮތްތައް ވެސް ނެރެމުން

ކޮވިޑް ތެރޭގައި ކުއްލިއަކަށް ލިބުނި ހިޔާލާއެކު އަމީ ކުޑަކުދިންގެ ވާހަކަ ލިޔުނީ ހަމަ އެ ދުވަސް ވަރުއެވެ. ނަމަވެސް ވާހަކަ ލިޔެ ނިންމުމަށްފަހު ޕަބްލިޝްކުރީ އޭގެ ދެ އަހަރުވަރު ފަހުން ކަން ފާހަގަކޮށް އަމީ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ވާހަކަ ލިޔުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކަމަށެވެ.

"ކޮވިޑް ދުވަސްވަރު ބޮޑު ދައިތައެއް ވަރަށް ބަލިވެގެން މަސް ދެތިން މަސް ވަރު ހޭދަ ކުރިން ހޮސްޕިޓަލުގައި. ދެން އެ ދުވަސްވަރު އެ ހިޔާލު އައިސް އޭގެ ހަފްތާއެއް ފަހުން ވާހަކަ ލިޔަންވެސް ލިޔުނިން. އެކަމަކު އޭރު ޕަބްލިސް ކުރާނެ ގޮތެއް ނޭނގިފަ ހުރީ. ދެން އެނބުރި މިކޮޅަށް [މެލޭޝިއާއަށް] އައިސް ފޮތް ޕަބްލިޝަކުރީ. އެއިރު ކުރެހުންވެސް ނިމިފައި ހުރީ"
އެ ހިޔާލު އައި ގޮތް 'ދަ ޕްރެސް' އާއި ހިއްސާ ކުރަމުން އަމީ ކިޔާ ދިނެވެ.

އެގޮތުން މިހާތަނަށް އަމީ ވަނީ ދެ ފޮތެއް ޝާޢިއުކޮށްފައެވެ. އެއީ (ރޯޒީ ދަ ރެއިން ޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް އާއި ލާމަސީލު) މި ދެ ފޮތެވެ. ރޯޒީ ދަ ރެއިންޑްރޮޕް މި ވާހަކަފޮތް އަމީ ވަނީ ދިވެހިން ވެސް ޝާޢިއުކޮށްފައެވެ. އަދި މި ހިނގާ 2025 ވަނަ އިތުރު ދެ ފޮތް ނެރޭނެ ކަމަށްވެސް އަމީ ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަ ރޯޒީ ދަ ރެއިން ޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް އާއި ލާމަސީލު މި ދެ ފޮަތް އަމީ ވަނީ ނެރެފައި

މީގެ އިތުރުންވެސް މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދިވެހިންނަށް އަމީ ވަނީ ފޮތް ޝާޢިއު ކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާ ކޮށްފައެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފައިވާ ވީޑިއޯއިން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ އަގުހުރި މައުލޫމާތު ލިބިގެންދާނެއެވެ.

ކޮންޓެންޓް ކްރިއޭޓް ކުރުމަށް އެއްވެސް ވަރަކަށް ވިސާނާފައި ނުވޭ، އެކަމަކު އެ ދާއިރާގައި ވެސް އަމީ އަކި ފާހަގަ ކޮށްލެވޭ މީހެއް

އާންމު ދިރިއުޅުމުގައި ޕްރައިވެޓް ދިރިއުމެއް އުޅުމަށް ލޯބި ކުރި އަމީ ބުނީ މިހާރު އުފައްދާ ގޮތަށް ކޮންޓެންޓް އުފެއްދުމަކީ ދުވަހަކުވެސް ހިޔާލަށް ނުގެނެވޭ ކަމެއް ކަމަށެވެ. އެކަމަކު އެ ވައްޓަފާޅި މުޅިން ބަދަލުވީ މެލޭޝިއާއަށް ކިޔަވަން ދިއުމަށްފަހު ހިޔާރު ކުރި ކޯހެއްގެ ސަބަބުން ކަމަށް އަމީ ކިޔާދިނެވެ. މިހާރު ކިޔަވަމުންދާ 'މާސް ކޮމިއުނިކޭޝަން' ގައި ބައިވަރު މޮޑިއުލްސް ހުންނަކަން ފާހަގަކޮށް އަމީ ބުނީ، އޭގެ މޮޑިއުލްއެއްގައި 4 ވަރަކަށް ހަފްތާ ވަންދެން ޕަބްލިކް އެކައުންޓެއް ހެދުމަށްފަހު ވްލޮގް (އެ ދުވަހެއްގައި އެމީހަކު ކުރާ ކަންކަން ވީޑިއޯއެއްގެ ގޮތުގައި ގެނެސްދިނުން) ކުރަން ޖެހުނު ކަމަށެވެ.

އެއީ ކުރަން ވަރަށް އުނދަގޫވި ކަމެއް ނަމަވެސް އެއީ އެހެން ތަޖުރިބާއެއް ކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް އަމީ ބުންޏެވެ. އެއަށްފަހު ވާހަކަ ފޮތް ޕަބްލިޝް ކުރުމުން އެ މާކެޓް ކުރުމަށް އިތުރު ވީޑިއޯތައް ހަދަމުންދިޔަ ވަރަކަށް އެކަމަށް ހޭނުނު ކަމަށް ވެއެވެ.

https://www.tiktok.com/@amyosmanagic/video/7459723028591643922?_t=ZS-8uYGg08MhGh&_r=1

"ދެން ފަހުން ވިސްނުނީ، ގޭގަ މިހެން މަޑުން ހުރެގެން ފޮތެއް ލިޔެގެން ޕަބްލިޝް ކުރިއަސް ނޭނގޭނޭ. ވާހަކަ ފޮތް އިނގިރޭސިން ލިޔެ، އިންޓަނޭޝަނަލް އޯޑިއަންސްއަކަށާއި އެއްކޮށް ފޮތް ޕަބްލިޝްކުރީ. ދެން އެ ފޮތް އިޝްތިހާރުކޮށް، ޕާސަނަލް ބްރޭންޑަކަށް ހަދަން އަސްލު އިތުރު ވީޑިއޯތައް ހަދަން ފެށީ. ދެން އެކަމުގައި ގިނަ ބައެއް އެންކަރޭޖްކޮށް [ހިތްވަރުދީ] ހެދި" ކޮންޓެންޓް އުފައްދަން ފެށުނު ގޮތް ހިއްސާ ކުރަމުން އަމީ ކިޔާދިނެވެ.

ނެގެޓިވް ކޮމެންޓް ކުރާ މީހުންނަށް އަމީ ޖާގައެއް ނުދޭ

ކުރާ އެއްވެސް ކަމެއްގައި އެންމެން ހިތް ރުހޭނެ ފަދަ ގޮތަކަށް ކަންކަން ނުކުރެވޭނެކަން ފާހަގަކޮށް އަމީ ބުނީ، އެފަދަ އެތަކެއް މީހުންގެ ކިބައިން ނެގެޓިވް ކޮމެންޓްސް ލިބޭ ކަމަށެވެ.

އެފަދަ ކޮމެންޓްތަކަށް މީގެ ކުރިން ރައްދު ދީ އުޅުން ނަމަވެސް ފަހުން އެފަދަ މީހުންނަށް ރައްދު ދޭން ބޭނުން ނުވާ އަމީ ބުނީ އެފަދަ މީހުންނަށް ހަމަ ދެނީ ބީރު ކަންފަތެއް ކަމަށެވެ. އަދި މާ ގިނައިން އެކަކު އެފަދަ ކޮމެންޓްތައް ކުރާނަމަ އެފަދަ މީހަކަށް އަމީގެ ވީޑިއޯތައް ނުފެންނާނެހެން ބްލޮކް ކުރާ ކަމަށް ވެސް އަމީ ކިޔާދިނެވެ.

ނަމަވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ރީތި ގޮތުގައި ކިޔާ ދޭ މީހުންވެސް އުޅޭކަން ފާހަގަކޮށް އަމީ ބުނީ އެފަދަ ކޮމެންޓްތައް ބަލައިގަންނަނީ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ހިތުންނެވެ.

https://youtu.be/k0WixJZEWcM?si=uzMD_1diF32NNINP

އައްޑުއަށް ހާއްސަ ލޯތްބެއް ހިތުގައި އުފެދިފައިވާ އަމީ، ކިޔަވާ ނިންމުމަށްފަހު ވެސް ދިރިއުޅުން ބަދަލު ކުރަން ބޭނުން ވަނީ އައްޑުއަށެވެ. ގްރެޖުއޭޓް ވުމަށްފަހު މި އަހަރު އެނބުރި ރާއްޖެ އަންނަން އަޒުމް ކަނޑައަޅައިގެން އަމީ ހުރިއިރު އޭނާ މާލޭގައި ދިރިއުޅޭކަށް ބޭނުމެއް ނުވެއެވެ. ހަފްތާ ނޫންނަމަ ދެ ހަފްތާ ވަރު މާލޭގައި ހޭދަ ކޮށްލެވުނު ނަމަވެސް އަބަދުވެސް އަމީގެ ހިތް އޮންނަނީ އައްޑުގައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން އަމީ އެންމެ ދެކެން ބޭނުންވަނީ އެވޯޑެއް ލިބޭ ދުވަސް

ކުޑައިރުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަތުކުރި އޮޅާލައިގެން ހުރި އަމީ ނޫސްވެރިކަމުގެ ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ ދާއިރާއިން ބައިނަލްއަގްވާމީ އެވޯޑެއް ލިބޭނެ ދުވަހަކެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރެއާ ދުވާލު ބުރަ މަސައްކަތް ކުރަމުންދާ ކަމަށް އަމީ ބުންޏެވެ.

މީގެ އިތުރުންވެސް ވާހަކަ ފޮތް ލިޔުމުގެ ދާއިރާއިންވެސް ބައިނަލްއަގްވާމީ ހަރުފަތަކަށް އަމީގެ މަސައްކަތް ގެންދިއުމަކީ އޭނާ ކުރާ އުންމީދެކެވެ. އަދި މި ދެ މަސައްކަތަކީ ދޫކޮށްލާނެ މަސައްކަތެއް ނޫންކަން ފާހަގަކޮށް އަމީ ބުނީ މިއީ ކުރާ ހިތުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އަދި މި ހުވަފެން ހަގީގަތަށް ހެދުމަށް ކުރާ މަސައްކަތުގައި އާއިލާ މީހުންގެ ފަރާތުން ލިބޭ އެއްބާރު ލުމުގެ އިތުރުން ރައްޓެހިންގެ ފަރާތުން ވެސް ލިބޭ އެހީ އަމީ ފާހަގަކުރިއެވެ. އަދި ވަކިން ހާއްސަކޮށް ފިރިމީހާގެ ކިބައިން ލިބެމުންދާ އެއްބާރުލުމަށް އަމީ ޝުކުރުވެރިވެއެވެ.