ހެނދުނު ހޭލައިގެން ތިޔަ ބޯ ކޮފީގައި ލާ ރަހަ ކަމުނުދޭހެއްޔެވެ؟ ނުވަތަ ތި ކޮފީގެ އެއްބައި ބޯލުމަށް ފަހު ބަދިގޭގެ ސިންކަށް ދެން ހުރި ކޮފީކޮޅު އަޅާލަނީ ހެއްޔެވެ؟

އަހަރެމެން ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއް ބުއިމަކީ ކޮފީއެވެ. ބައެއް މީހުންގެ ދުވަސް ފެށުން އޮންނަނީ ކޮފީ ޖޯޑަކުންނެވެ. އޮފީސް ބައްދަލުވުން ނުވަތަ ބްރޭކް ގަޑި ވެސް ދުއްވާލަނީ ކޮފީއަކުންނެވެ. ދެ މީހުން ދޭތެރޭ ކުނިކޮޅެއް ޖެހުނަސް އެ ކުނިކޮޅު ސާފުކޮށްލަން ވެސް އަރަނީ ކޮފީއަކަށެވެ. ގޭތެރޭގައި ކޮފީ ތަށްޓެއް ގިރާލައި ބެލްކަންޏަށް ޖައްސާލައި ކޮފީއެއް ބޯލުމަކީ ވެސް ބައެއް މީހުންގެ އާދައެކެވެ.

ކޮންމެއަކަސް ތިން ސައި ސަމުސާގެ ހިމުން ކޮފީ އާ އެކު ހޫނު ފެން ޖޯޑަކަށް އެއް ސައި ސަމުސާގެ ހަކުރުކޮޅެއް އަޅާލައި އެ ގިރާލާ ކޮފީ ބައެއް މީހުންނަށް ކަމުނުގޮސްފާނެއެވެ. ދެން އޮންނާނެ ގޮތަކީ ކައިރި ކެފޭއަކަށް ނުވަތަ ހޮޓަލަކަށް ނުވަތަ ކޮފީއަށް ހާއްސަ ކޮފީ ޝޮޕަކަށް ގޮސް ކޮފީ ތަށްޓެއް ބޯލުމެވެ.

ވަރަށް ފަސޭހައިން ގޭގައި އެހާމެ މީރު ކޮފީއެއް ތައްޔާރުކުރެވިދާނެ

އެކަމަކު ތިޔަ ދާ ކެފޭ ނުވަތަ ހޮޓަލުގައި ތައްޔާރުކުރާ ކޮފީއަށް ވުރެ އަމިއްލަ ގޭގައި ވަރަށް މީރުކޮށް ކޮފީ ތައްޔާރުކޮށްލެވޭނެ ގޮތެއް އެބައޮތެވެ. ބޭނުން ވާނީ މޯކާ ޕޮޓަކާއި ހިމުންކޮށްފަ ހުރި ކޮފީ ބީންސްގެ އިތުރުން، ހެޔޮވަރު ވަރުގެ އުނދުނެކެވެ. ގޭސް އުނދުނަކަސް ކަރަންޓު އުނދުނަކަސް ހެވެވެ.

ފުރަތަމަ ހަދާނެ ގޮތަކީ މޯކާ ޕޮޓްގެ ފެން އަޅަން ހާއްސަކޮށްފައިވާ ބަޔަށް ފެން އަޅާނީއެވެ. އެއީ ގާތްގަނޑަކަށް އާދައިގެ ބޮޑު ޖޯޑެއްގެ ފެނެވެ. އެއަށްފަހު ހިމުންކޮށްފައި ހުންނަ ކޮފީ ބީންސް ފުރައި ކޮފީ އަޅަން ހާއްސަ ބަޔަށް އަޅާލާނީއެވެ. ދެން މޯކާ ޕޮޓް ހެޔޮވަރު ވަރަކަށް ބާރުކުރުމަށް ފަހު އުނދުނުގައި އުދާނީއެވެ. ގޭސް އުނދުނެއް ނަމަ، ކުޑަ ނުވަތަ މެދު ގިންޏެއްގައި، ކަރަންޓު އުނދުނެއް ނަމަ ހެޔޮވަރު ހޫނުމިނެއްގައެވެ.

އިރުކޮޅެއް ފަހުން މޯކާ ޕޮޓްގައި ކޮފީ އުތުރި އަރާ މަންޒަރު ފެންނާނެއެވެ. ހުރިހާ ކޮފީއެއް އުތުރި އަރައި ނިމުމުން އުނދުނުން ބާލައި، މޯކާ ޕޮޓްގެ ބޭރަށް ފިނި ފެންފޮދެއް އަޅާލާނީއެވެ. އެއަށް ފަހު ޖޯޑަށް ކޮފީ އަޅައި އިންސާފުކޮށްލާނީއެވެ.

https://www.youtube.com/watch?v=QoLs_Zttmcg

ކޮފީ މެޝިނެއްގެ ބަދަލުގައި މޯކާ ޕޮޓެއް ހިޔާރުކުރަންވީ ކީއްވެ؟

ޒަމާނަށް އައި ބަދަލާ އެކީ ކޮފީ ތައްޔާރުކުރާ ގޮތަށް ވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން ފާހަގަކުރެވޭނެ އެއް ބަދަލަކީ ކޮފީ ތައްޔާރުކުރުމަށް މެޝިނެއް ބޭނުންކުރުމެވެ. އޭގެ ތެރޭގައި ކެޕްސޫލެއް ލައްވާލައިގެން ކޮފީ ތައްޔާރުކުރެވޭ މެޝިން ވެސް ހިމެނެއެވެ. އެ މެޝިންތަކުގައި ކޮފީ ކެޕްސޫލެއް ލައްވާލަން ތަނަކާއި ފެން އަޅާނެ ކުޑަ ކޮންޓެއިނަރެއް ހިމެނެއެވެ. އެ ކޮންޓެއިނަރަށް ފެން އަޅާލައި ކެޕްސޫލް ލައްވާލައި، ޖޯޑު ބަހައްޓަން ހާއްސަ އޭރިއާގައި ޖޯޑު ބަހައްޓައި ބަޓަނަށް އޮބާލުމުން ސިކުންތުކޮޅެއް ތެރޭ ކޮފީ ތަށްޓެއް ތައްޔާރުކޮށް ނިމޭނެއެވެ.

އެކަމަކު ހަރަދުގެ ގޮތުން ބަލައިފިނަމަ ކޮފީ މެޝިނެއް ގަތުމަށް ބޮޑު ހަރަދެއް ދާނެއެވެ. ކެޕްސޫލް ގަތުމަށް ވެސް ހަރަދު ދާނެއެވެ. ނުވިތާކަށް ކަރަންޓު ވެސް ބޭނުންވާނެއެވެ. އެކަމަކު ކޮފީ މެޝިނަކަށް ކުރާ ހަރަދަށް ވުރެ ކުޑަ ހަރަދެއް ކޮށްލައި، މޯކާ ޕޮޓަކުން ކޮފީ ފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ. ހަމަ އެހެންމެ ދަތުރު ދާއިރު ވެސް މޯކާ ޕޮޓު ގެންދިއުން މާ ފަސޭހަ ވާނެއެވެ.