ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ގަނޑުކޮށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުވަދޫ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގިނަ ރަށްތަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދަން މެދުވެރިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު ނުލިބުން ކަމަށެވެ.
އޭގެ ތެރެއިން އެކައްޗަކީ ބޮޑުހިލަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމްޓީސީސީއާ ހަވާލުކުރެވިގެން ފެށިފައި އޮތް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މެޓީރިއަލްގެ ތާށިކަމާ ހެދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައި އެ ހުރީ. މިގޮތަށް އެބަހުރި އެހެން ރަށްތަކުގައި ވެސް މަސައްކަތް މަޑުޖެހިފައި. އަޅުގަނޑުމެން ބޭނުންވަނީ މިހެން މަސައްކަތް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން، ބޮޑުހިލަ އެންމެ ބޮޑަށް. އެންމެ ގިނަ ރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑުހިލަ ނުލިބުން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ކަމާ ގުޅޭ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކު އެ ކަމަށް ހައްލެއް ހޯދުމަށް މިދިޔަ ހަފްތާގެ ތެރޭގައި މަޝްވަރާކުރައްވާފައިވާ ކަމަށާއި އެކަން ކުރަން ބޭނުންވާ ފައިސާ ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަތަފަންދޫގެ މަސައްކަތް ވެސް ފަށައި، މޫދަށް އެރޭ ސަރަަހައްދަކާ އެކު ބަނދަރު ހަދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާއިރު ރަށު ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދަކާއެކުގައި ތަރައްގީ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ތެރޭގައި ރަތަފަންދޫއަށް ބޭނުންވާ ގިނަ ކަންކަން ފެށޭނެ ކަމަށާއި އެކަންކަމަށް ސަރުކާރުން ވަރަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ރަތަފަންދޫއަކީ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައްޔިތެއް ދިރިއުޅުއްވާ ރަށެއް ކަމަށާއި ވަރަށް ރަނގަޅަށް ކިޔަވައިގެން ގައުމަށް ހިދުމަތް ކުރަމުންދާ އެތައް ދަރިންނެއް އުފައްދަވާފައިވާ ރަށެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.