ކ. ގުޅިން ފެނުނީ ވަރިސެއްލާ ނިއުމޯނިއާ ކޭސްތަކެއް ނޫން ކަމަށާއި އެ ރަށުން ފެނުނީ ފާނަބަސަންދު ކޭސްތަކެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން މިހެން ބުނެފައި މި ވަނީ ކ. ގުޅިން ވަރެސެއްލާ ނިއުމޯނިއާގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މީގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އިތުރު ފަރުވާދެމުން ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށްފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެއެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެއެވެ.

ފާނަބަސަންދަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް ޖެހޭ ބައްޔަކަށް ވާއިރު ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ. އެހެންނަމަވެސް އެދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. ބަލިމީހާ ކެއްސާ، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.

މީގެ އިތުރުން ބަލިމީހާގެ ގައިގައި ބިހިނަގަން ފެށުމުން އޭނާގެ ގައިގައި އަތްލުމުންނާއި އޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި، ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހެއެވެ. ގައިގައި ހުންނަ ބިހިތަކުގައި ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ. އެއްފަހަރުވެސް މިބަލި ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑުއިރު، އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހެއެވެ. ބަލިމީހާގެ ގައިގައި ނަގާފައިވާ ބިހިތަކުގައި ކުރަމަގާލި ލައި ރަނގަޅު ނުވަނީން އޭނާވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ. ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށްވެސް ގޮސްގެން ނުވާނެއެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ، ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ. އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށް ވެސް ބޭނުން ކޮށްގެން ނުވާނެއެވެ.