އިޒްރޭލުން އީރާނުގެ އަސްކަރީ މަގާމުތަކަށް އަމާޒުކޮށް މިދިޔަ މަހު ދިން ހަމަލާތަކުގެ ބަދަލުގައި އިޒްރޭލާއި އެމެރިކާގެ ދަތްކޮޅު ފައިބާ ވަރުގެ ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި މީގެ ކުރިން ހުރި އެމެރިކާގެ އެމްބަސީ ހިފިތާ 45 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްބި ބައްދަލުވުމެއަގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ، އީރާނާއި ހަމާސް އައި ހިޒްބުއްލޯ އާ ދެކޮޅަށް ދުޝްމަނުން (އިޒްރޭލާއި އެމެރިކާ) ހިންގަމުން ގެންދާ އުދުވާނުތަކުގެ ބަދަލުގައި ވަރުގަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެކަން ދަންނަން ވާނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، އުދުވާނުތަކާ ދެކޮޅަށް އީރާނު ތައްޔާރު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ހަތިޔާރުގެ ގޮތުން ތައްޔާރުވުން ހިމެނޭ ކަމަށެވެ.

އީރާނުގެ ބަސްމަގު މިހެން ހުރި އިރު، އިޒްރޭލުން ބުނެފައި ވަނީ، އީރާނުން އިތުރު ހަމަލާއެއް އިޒްރޭލަށް ދީފި ނަމަ ވޭން ހުރި ހަމަލާއެއް ދޭނެ ކަމަށެވެ. އެމެރިކާއިން ވަނީ އީރާނަށް އިންޒާރު ދިނުމުގެ އިތުރުން އެމެރިކާގެ ބާރާއި ހައިބަތު ދެއްކުމުގެ އިތުރުން އީރާނު ބިރުގެންނެވުމަށްޓަކައި އެގައުމުގައި ހުރި އެންމެ ޒަމާނީ ހަތިޔާރުގެ ފްލީޓެއް މެދުއިރުމައްޗަށް ގެންދިޔުމަށް ނިންމާފައެވެ.

އަދި އިޒްރޭލަށް ހަމަލާއެއް ނުދިނުމަށް އިންޒާރު ދެމުން އެމެރިކާއިން ބުނެފައި ވަނީ، ހަމަލާއެއް ދީފި ނަމަ އެކަމުގެ އަގު އީރާނުން ދައްކަން ޖެހޭނެ ކަމަށާއި އެމެރިކާ އޮންނާނީ އިޒްރޭލާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ގަދަކޮށް ކަމަށެވެ.

އިޒްރޭލާއި އީރާނަކީ ޒަމާންވީ ދުޝްމަނުން ކަމަށް ވާ އިރު، ހަމާސް އާއި ހިޒްބުއްލޯ އަށް މަދަދު ދޭ ފަރާތަކީ އީރާނު ކަމުން، އެ ޖަމާއަތްތަކަށް ދޭ ކޮންމެ ގެއްލުމަކީ އީރާނަށް ލިބޭ ގެއްލުމެއް ކަމަށް މުރާސިލުން ބުނެއެވެ. ދާދި ފަހުން އިޒްރޭލުން ހަމާސް އާއި ހިޒްބުއްލޯގެ އިސް ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް އަވަހާރަ ކޮށްލާފައި ވާ އިރު، ހަމާސްގެ ލީޑަރު އަވަހާރަ ކޮށްލާފައި ވަނީ އޭނާ އީރާނުގައި ހުންނަވަނިކޮށެވެ.