މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 7 ލައްކަ ގަސް އިންދުމަށް އެސްޑީއެމް ވެންޗާސް އިން ނިންމައިފިއެވެ.
މި ހަރަކާތުގައި އެސްޑީއެމް އިން ޖުމްލަ ހަތްލައްކަ ފަންސާސްހާސް ގަސް އިންދުމަށް އަމާޒުހިފާ ވަނީ ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކޮށްފައެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެކަން ރައީސް ފުރަތަމަ އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ. އެ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.
މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމް، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަށެވެ.