ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ދިމާކޮށް، ދަރިވަރުންނާ ޓީޗަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމް ކުރި ހެލްޕްލައިން އިފްތިތާހު ކޮށްފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި މި ހެލްޕްލައިން އިފުތިތާހު ކޮށްދެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމްކުރި ހެލްޕްލައިން 1484، މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެކަމަށެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެހީތެރިކަމާއި އެކު ގާއިމުކުރި މި ހެލްޕްލައިންގެ މަގްސަދަކީ، ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ނިޒާމްގެ ތެރެއިން، ދަރިވަރުންނާ، މުދައްރިސުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސިލިން ހިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއިން ކުރާ ގިނަ މަސައްކަތްތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންކަމަށާ، އެހެންކަމުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މިނިސްޓްރީއިން އިސްކަންދޭ ކަމެއްކަމަށެވެ. އަދި މި މި ހެލްޕްލައިން މެދުވެރިކޮށް، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހެލްޕްލައިންގެ ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ. މި ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންނަށްވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރާނީ އެކަމަށް ހާއްސަކޮށް ތަމްރީން ކޮށްފައިވާ ސްކޫލްތަކުގައި ކައުންސެލަރުންނެވެ. މި ކައުންސެލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ހިދުމަތް ފޯރުކޮށްދޭނެ އުސޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.