ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ޕްރޮޑަކްޓު ރުޕޭ އަކީ މިހާރު ދުނިޔޭގެ 300 މިލިއަން އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކު ކަމަށާއި މި ކާޑު މިހާރު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ރީޓެއިލް ޑައިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑުގެ ހިދުމަތް ފެށިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރުޕޭގެ ސަބަބުން ފާހަގަކޮށްލަންޖެހޭފަދަ ބޮޑު ބަދަލެއް އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ނެޓްވޯކްގައި، ބޭންކް އޮފް މޯލްޑިވްސް އިން ރުޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމާއެކު ރުޕޭ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ
މޫސާ ނިމާލް

މީގެއިތުރުން ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރުޕޭ ކާޑާއެކު އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ރުޕޭ ކާޑާއެކު ދިވެހިރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށާއި، ވިޔަފާރީގެ މުއާމަލާތު ތަކުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް ރުޕޭ ކާޑަކީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދާފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ބަޔާނުގެ ކުރިން، ރާއްޖޭގައި ހެދި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ވަގުތުން ދައްކާލާފައިވެއެވެ.