އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު އެމެރިކާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޕްރިންސްޓަން ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑާޝިޕް ސީރީސް"ގައި ދެއްވި ތަގުރީރެއްގައެވެ.

ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްގީވަމުންދާ ގައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމައެއްގެ ގޮތުގައި ގައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަގުވާމީ މާލީ އާކިޓެކްޗާ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ އަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ.

އަދި މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިހްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވާސިޓީގެ ޕަބްލިކް އެންޑް އިންޓާނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވާޑްސް އެސް. ސެންފޯޑް ޕްރޮފެސާ އޮފް ޕޮލިޓިކްސް އެންޑް އިންޓާނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދައުވަތަކަށް، "ޑީންސް ލީޑާޝިޕް ސީރީޒް" ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލްއާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދު ވެސް އެމަނިކުފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ.