އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާއަށް ހަމަލާ ދެމުން އަންނަ އިރު ކޮންމެ 24 ގަޑިއިރަކުން ޝަހީދުވާ މީހުންނާއި ކުދިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 19 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ, ޑަބްލިއުއެޗްއޯ އިން ބުނީ, ސިއްހީ ހިދުމަތްތަކުން މަހުރޫމު ވެފައި ވާ ގާޒާގެ އެންމެހާ ރައްޔިތުންނަށް މިވަގުތަކީ ހައްސާސް ވަގުތެއް ކަމަށާއި ޕޯލިއޯގެ ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށް ވަގުތުން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ގާޒާގެ ހުރިހާ ކުދިންނަށް ޕޯލިއޯ ވެކްސިން ދެވޭކަން ޔަގީން ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގްރެޓް ހެރިސް ވިދާޅުވީ, ސިއްހީ އިދާރާތަކުގެ މަސައްކަތުން ޕޯލިއޯ ނައްތާލުމާ ކައިރިއަށް ދެވިފައި ވަނިކޮށް ހަނގުރާމަތަކާއި އެނޫންވެސް ގިނަ ދަތިތަކާ ހުރެ, ކުރިން ކުރަމުން އައި ހުރިހާ މަސައްކަތަކާއި ކުރިހާ ހޭދަ ބޭކާރުވެގެން ދާ ކަމަށެވެ.
ހިސާބުތަކުން ދައްކާގޮތުން 1988 އެއްގެ ފަހުން މިހާތަނަށް އައި އިރު މުޅި ދުނިޔޭގައި ޕޯލިއޯ އޮތް ނިސްބަތް ވަނީ 99 ޕަސެންޓަށް ދަށް ކުރެވިފައެވެ. އެކަން ހާސިލު ކުރެވުނީ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ވެކްސިން ޕްރޮގްރާމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ތެރެއިން ކަމަށެވެ.
ގާޒާގައި ޕޯލިއޯގެ ބަލިމަޑުކަން ފެތުރެމުން ދާކަން ގާޒާގެ ސިއްހީ ވުޒާރާއިން އިއުލާން ކޮށްފައި ވާ މިދަނޑިވަޅުގައި ޑަބްލިއުއެޗްއޯ އިން ބުނީ, ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި ގާޒާގެ އެންމެހާ ތުއްތު ކުދިންނަށް ވެކްސިން ދެވޭކަށް ޔަގީން ކުރުމަށް ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް ޑަބްލިއުއެޗްއޯއިން ގެންދަނީ ވެކްސިން ފޮނުވަމުން ކަމަށާއި މިހާތަނަށް މިލިއަނެއްހާ ވެކްސިން ޑޯޒް ފޮނުވިފައިވާ ކަމަށެވެ.
ޕޯލިއޯ އަކީ, އެނގިގެންނާއި ނޭނގިވެސް ވައިރަސް ހަށިގަނޑުގެ ތެރޭގައި ހުންނަ ބައްޔަކަށް ވާއިރު ޕޯލިއޯ ޖެހުމުން ވާގިނެތޭ ގޮތް މެދުވެރިވެއެވެ. ހުން އައިސް ބޯ އަނބުރާ, ހޮޑުލެވި, ކަރަށް ތަދުވެ ހުޅުހުޅުގައި ރިއްސުމަކީވެސް ޕޯލިއޯގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތި ކުރުމަށް ދެމުން ގެންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ ކުޑަކުދިންގެ ފުރާނަ ވަނީ ދުއްވާލާފައެވެ. 17 ހާހަށް ވުރެ ގިނަ ކުދިން މިއަދުވެސް ތިބީ މައިންބަފައިން ނެތި ޔަތީމް ވެ އަދި މިސްކީނު ވެފައެވެ.