ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ ދިވެއްސަކާއި ބިދޭސިއަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ދެ ހިދުމަތުން ބުނީ، މި މައްސަލައިގައި މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ ޕާކިސްތާނުގެ މީހެއް ކަމަށެވެ. އިތުރަށް ދެ ހިދުމަތުން ބުނީ:
- އެތެރެކުރެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ 2.12 މިލިއަން ރުފިޔާ ކަމަށް
- ފުރަތަމަ މަރުހަލާގައި އެ ތަކެތި ޓެސްޓްކުރުމުން ހެރޮއިނަށް ޕޮޒިޓިވް ކަމަށް
- ޕެކިން އާ އެކު އެ ތަކެތީގެ ބަރުދަނުގައި 2.12 ކިލޯގްރާމް ހުރި ކަމަށް ބުނި
މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓަރު އަދި ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަހްމަދު ވަހީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ މީހެއްގެ އިތުރުން، މި މައްސަލައިގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ތިން މީހުންގެ ބަންދަށް ވެސް ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ދެ ދިވެހިން ވެސް މަސްތުވާތަކެތީގެ މި މައްސަލައާ ގުޅުމެއްވާކަން ތަހްގީގަށް ފާހަގަކުރެވުނު ކަމަށެވެ.
މިކަމުގައި ބައިވެރިވާ އިތުރު ފަރާތްތަކެއްގެ ތަހްގީގު ވެސް ކުރެވެމުންދާ ކަމަށާއި، އިތުރު ބަޔަކު މި މައްސަލައިގައި ހިމެނޭކަން ފާހަގަކުރެވުނު ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލަ ތަހްގީގުކުރެވެމުން ދާތީ ފުލުހުން ވެސް ކަސްޓަމުން ވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ކަސްޓަމާއި ފުލުހުން އާންމުކުރި ބައެއް އަދަދުތައް:
- ފުރަތަމަ ހަ މަހު 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ
- 127 ބިދޭސީން އަނބުރާ ފޮނުވާލެވިފައިވޭ
- އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު: 130.97 މިލިއަން ރުފިޔާ
- ބަނގުރަލުގެ މަގުމަތީ އަގު 12.4 މިލިއަން ރުފިޔާ
- ޖުމްލަ: 143.37 މިލިއަން ރުފިޔާ