އެކި ބާވަތުގެ ތަކެތި ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރުމަށް އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިނިސްޓްރީން ވަނީ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި މައުލޫމާތު ހިމެނުމަށް ބޭނުންވާ ފަރާތްތަކުން އޯގަސްޓް 15، 2024 ގެ ކުރިން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ދަފުތަރުގައި މައުލޫމާތު އެއްކުރުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތާ ވިޔަފާރި އުސޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތައް ދެނެގަތުންކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވައި، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަތުން ކަމަށެވެ.

އިތުރަށް މިނިސްޓްރީން ބުނީ މި ދަފްތަރުގެ ސަބަބުން އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކުގައި އެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުން ހިމެނޭކަމަށެވެ. އަދި، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ތަކެތި އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދައިދިނުމަށް އެހީތެރިވުން ހިމެނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.