ބައިބޯ ބަންގްލަދޭޝްގައި ވަޒީފާގެ ބާޒާރުގެ ކޯޓާ މިހާރު ހަމަޖައްސާފައި އޮންނަ ގޮތް އުވާލަން ގޮވާލައި ކުރި މުޒާހަރާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
ބަންގްލަދޭޝްގައި ރަނގަޅު މުސާރަ ލިބޭ ސިވިލްސާވިސް ވަޒީފާގެ ތެރެއިން ގިނަ އަދަދެއްގެ ވަޒީފާ ހާއްސަ ކޮށްފައި އޮންނަނީ, ޕާކިސްތާނުގެ އަތްދަށުން މިނިވަން ކުރުމަށް 1971 ގައި އެގައުމުން ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިން ނުވަތަ މީހުންގެ ދަރިންނަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ, މިކަން މިހެން އޮތުމާއެކު އެ ގްރޫޕުގައި ހިމެނޭ ގިނަ އާއިލާތަކަކީ މިހާރު ވެރިކަން ކުރާ ބޮޑުވަޒީރު ޝައިހު ހަސީނާގެ ސަޕޯޓަރުން ކަމަށާއި ވަޒީފާތައް ލިބެމުން ދަނީ އެ ހައިސިއްޔަތުން ކަމަށެވެ.
މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ, އެއީ ވަކި ބަޔަކަށް ވަޒީފާ ދިނުމަށް ރާވައިގެން ހިންގަމުން ދާ ކަމެއް ކަމަށާއި އެ ސިސްޓަން އެއްކޮށް އުވާ ނުލަނީސް މުޒާހަރާތައް ނުހުއްޓާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހުސްވި ހަފްތާގައި އެގައުމުގެ އެންމެ މަތީ ކޯޓުން ވަނީ މި ކޯޓާ ސިސްޓަމް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ކޮށްފައެވެ.
ފުލުހުން ބުނީ, މި މައްސަލައިގައި އުފެދުނު ހަމަނުޖެހުންތަކުގައި އިއްޔެ ޑާކާ ޔުނިވާސިޓީ ކެމްޕަސްގެ ގޯތި ތެރޭގައި ދަރިވަރުންނާއި އާންމުން [މުޒާހަރާގެ ބައިވެރިން[ އިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައި ވާ ކަމަށެވެ. އެ ކުރިމަތިލުންތަކުގައި އޮއްގަލާއި ލަޓިބުރިއާއި އަދި ދަގަނޑު ބުރިބުރިން އެކަކު އަނެކަކަށް ހަމަލާދީ ތަޅާފޮޅާފައި ވާކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ބައެއް މީހުން ކަތިވަޅިފަދަ ތޫނު ހަތިޔާރުވެސް ގެންގުޅުނު ކަމަށާއި އަނެއް ބަޔަކު ޕެޓްރޯލް ބޮން އުކާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިއްޔެގެ މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވި ނާހިދު އިސްލާމް އާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ, އެމީހުން ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް ސަރުކާރު ހިންގާ އަވާމީ ލީގް ޕާޓީއަށް ތާއީދު ކުރާ މީހުން ލަޓިބުރިއާއި, ދަގަނޑު ބުރިތަކާއި އޮއްގަލުން ހަމަލާ ދޭން ފެށީ ކަމަށާއި, އެ ހަމަލާތަކުގައި 150 އެއްހާ މީހުން ޒަހަމްވި އިރު ގިނައީ އަންހެނުން ކަމަށެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން 20 ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށް ބުނެއެވެ.