ނޭޕާލްގެ ބޮޑު ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ކޭޕީ ޝަރްމާ އޮލީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ނޭޕަލް އަކީ ރައްޔިތުންނާ ގާތް ގުޅުން ބާއްވާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ދެމުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެކުގައި މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޭޕާލުގައި ބޮޑުވަޒީރުކަން ކުރެއްވި ކޭޕީ ޝަރްމާ އޮލީ އިސްކޮށް ހުންނަވައިގެން އާ ކޯލިޝަން ސަރުކާރެއް ގާއިމްކޮށްފައިވާއިރު، ސިޔާސީ ގޮތުން ހަމަ ނުޖެހުން ބޮޑު ގައުމެއްގެ ގޮތުގައި އޮތް، ނޭޕާލްގެ ބޮޑު ވަޒީރުކަމުން ޕުޝްޕާ ކަމާލް ދަހަލް ވަކިކޮށް، އޭނާގެ ސަރުކާރު ވައްޓާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ނޭޕާލުން 239 އަހަރުވީ ރަސްކަމުގެ ނިޒާމު 2008 ވަނަ އަހަރު އުވާލާފައިވާއިރު އެ ދުވަހުން ފެށިގެން އެ ގައުމު ހިންގަމުން އައީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އޮލީގެ އާ ސަރުކާރަކީ ނޭޕާލަށް އަންނަ 14 ވަނަ ސަރުކާރަށެވެ.