ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވާގޮތުން، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާ ތަކަކީ:

  • ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
  • ހޯލްސޭލް ޓްރޭޑް - އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
  • ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
  • ޕޯސްޓަލް އަދި ކުރިއާ ސާވިސަސް
  • ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
  • ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
  • އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ހިދުމަތްތައް
  • ޓްރެވަލް އޭޖަންސީ، ޓުއާ އޮޕަރޭޓާސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
  • ލޭންޑްސްކޭޕިން މަސައްކަތް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
  • ޖެނެރަލް ޓިއުޝަން ކްލާސް އަދި ގުރުއާން ކްލާސް ހިންގުން
  • ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
  • ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
  • ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް
  • ގާނޫނީ ވަކީލުންގެ ހިދުމަތްތައް
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
  • ޕިކްނިކް އައިލެންޑް ތަރައްގީކުރުމާއި ހިންގުން
  • ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
  • ސުވެނިއާ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
  • ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
  • ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
  • ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
  • މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
  • މައިނިންގ އޮފް ސޭންޑް
  • ފޮރެސްޓްރީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މާލޭ މަޖީދީމަގުގައި ހުންނަ ހާފް ޕްރައިސް ކިޔާ ތަރުކާރީ ފިހާރައަށް ފުލުހުން ވަދެ ގަވާއިދާ ހިލާފަށް ފިޔަފާރިކުރަމުންދިޔަ 50 ބިދޭސީއަކު އިމިގްރޭޝަނާ ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ގައުމީ ހަރަކާތެއް މިދިޔަ މެއި މަހުގެ 2 ގައި ކ. ހިންމަފުށިން ވަނީ ފަށަފައެވެ. މެއި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންިދޔަ މި އޮަޕަރޭޝަންގައި ވަނީ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.

މި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.