އިންޑިއާގެ ބިހާރުގައި ގިނަ އަދަދެއްގެ ބްރިޖްތަކެއް ވެއްޓުމާ ގުޅިގެން ފާޑުކިޔުންތައް އިތުރުވާން ފެށުމާއެކު ބިހާރުގެ ސަރުކާރުން ފިޔަވަޅު އަޅަން ފަށައިފިއެވެ.

އިންޑިއާގެ ހަބަރުތައް ބުނާގޮތުން ފާއިތުވި 19 ދުވަސް ތެރޭގައި ބިހާރުގެ 5 ބްރިޖެއް ވަނީ ވެއްޓިފައެވެ. ބައެއް ބްރިޖްތައް ބިންދައިގެން ގޮސްފައި ވާ އިރު އަނެއްބައި ބްރިޖްތައް ވަނީ ދެބުރިވެ ވެއްޓިފައެވެ.

ބްރިޖް ވެއްޓޭ މައްސަލަ ބޮޑުވެ ބިހާރުގެ ސަރުކާރުން ވަނީ ބްރިޖާއި އެނޫންވެސް އެބާވަތުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާ ބެހޭ އެކިއެކި ޑިޕާޓްމަންޓުތަކުން ކަން ހިނގާދިޔަ ގޮތް ބަލައި ރިޕޯޓު ތައްރާރު ކުރުމަށް ފަހު ހުށަހެޅުމަށް އަންގާފައެވެ.

ހަބަރުތައް ބުނާގޮތުން މިމައްސަލައިގައި ސަރުކާރުން މިހާރު ފަށާފައި ތަހުގީގުގައި ބިހާރުގައި ގާއިމު ކޮށްފައި އޮންނަ މިނިވަން އިންޖިނިއަރުންގެ ޖަމްއިއްޔާ, ބިހާރު އިންޖިނިއަރިން ސާވިސް އެސޯސިއޭޝަނާ ވެސް ސުވާލު ކުރާނެއެވެ. އަދި އިންޖިނިއަރިންގެ އެކި މަސައްކަތްތަކުގައި އެޖަމްއިއްޔާއަށް ނިސްބަތްވާ ފަރާތްތަކުން އަދާ ކުރާ ދައުރާ ގުޅޭގޮތުން ސުވާލު ކުރާނެ ކަމަށް ވެސް ބުނެއެވެ.

ބްރިޖް ވެއްޓުމުގެ ސިލްސިލާއެއް ބިހާރުގައި ހިނގަމުން އައި އިރު އެންމެ ފަހުން ވެއްޓުނީ ކޯސީ ކޯރުގެ މަތިން ދަތުރުކުރަން ހަދާފައި އޮތް 77 މީޓަރު (252 ފޫޓު) ގެ ބްރިޖެކެވެ.

2022 އިން ފެށިގެން މިހާތަނަށް އިންޑިއާގައި 13 ބްރިޖެއް ވެއްޓިފައި ވާ އިރު, އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހަދާފައިވާ 3.16 ކިލޯމީޓަރުގެ އަގަވާނީ ބްރިޖާއި އެއަށް ވުރެ ސައިޒުގެ ގޮތުން ކުދި ބްރިޖެތައް ހިމެނެއެވެ.

ރިޕޯޓުތައ ބުނާގޮތުން މިގޮތަށް ވެއްޓޭ ގިނަ ބްރިޖްތައް ހަދާފައި ހުންނަނީ ފަރުކާ ކުޑަކޮށް އަދި ދަށް ފެންވަރުގެ މެޓީރިއަލް ނުވަތަ ތަކެތި ބޭނުންކޮށްގެން ކޮލިޓީ ދަށްކޮށެވެ.

އިންޑިއާގައި ބްރިޖެ ވެއްޓުމުގެ ހާދިސާތަކުގައި 2022 އިން ފެށިގެން މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.