އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި މަހުގެ 8 އިން 11 އަށް ކުރެއްވި ރައީސްގެ މި ދަތުރުފުޅުގައި ރައީސްގެ ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތުކުޑަތަންވެފައިވަނިކޮށް ކަމަށްވުމާއެކު ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށެވެ. އެހެންކަމުން ޓްރާންސިޓް ކުރުމާއެކު ދަތުރުފުޅުމަތީ ކޮންމެ ފަހަރަކުވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވިކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި ދަތުރުފުޅުގެ ބޭނުމަކީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އަވައްޓެރި ގައުމަކަށްވުން ކަމަށާއި ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ރައީސުންނާއި އިސްވެރިން މިފަދަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފައިވާ އާދަ ހިފެހެއްޓުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އިންޑިއާ އަދި ދިވެހި ސަރުކާރާ ދެމެދު އަބަދު ވެސް އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާއި ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ރައީސް މުއިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވިކަން ރައީސް އޮފީހުން ފާހަގަ ކުރެއެވެ.
މީގެއިތުރުން ރައީސް ވަނީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި އެމަނިކުފާނާ ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ވަނީ އިންޑިއާގެ އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.