ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް )އޭއައި( ބޭނުން ކޮށްގެން ހަބަރާއި ރިޕޯޓު އަދި އެކިއެކި ކުރެހުންތައް ތައްޔާރު ކުރަމުން އަންނަ އިރު އެއީ ނޫސްވެރިކަމުގައި ބޭނުން ކުރަން ކަމުދާ ޓެކްނޮލޮޖީއެއް ނޫންކަމަށް ސާވޭއަކުން ދައްކައިފިއެވެ.
ރޮއިޓާސް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ޖާނަލިޒަމް އިން ބުނީ, އެމެރިކާ އާއި އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވި ކުރި މީހުންގެ 63 ޕަސެންޓް މީހުން ބުނީ, ނޫސްވެރިކަމުގައި އޭއައި ބޭނުން ކޮށްގެން އުފައްދާފައި ހުންނަ ހަބަރާއި ރިޕޯޓުތައް ހުރުމަށް އެމީހުން ނޭދޭ ކަމަށެވެ. ނޫސްވެރިކަމުގައި އޭއައި އިން އުފައްދާ ހަބަރާއި ރިޕޯޓު ހުރުން އެންމެ ރަނގަޅު ކަމަށް ބުނެފައި ވަނީ އެމެރިކާގެ ސާވޭގައި ބައިވެރި ކުރި މީހުންގެ ތެރެއިން 23 ޕަސެންޓް އަދި އިނގިރޭސިވިލާތުގައި ބައިވެރި ކުރި މީހުންގެ ތެރެއިން 10 ޕަސެންޓެވެ. ހާއްސަކޮށް ސިޔާސީ ވާހަކަތަކާއި ޖިނާއީ ކުށްތަކާ ގުޅޭ ހަބަރުތައް އުފެއްދުމުގައި އޭއައި ބޭނުން ކުރުން އެއްގޮތަކަށް ކަމު ނުދާކަމަށް ސާވޭގެ ބައިވެރިން ބުނެފައި ވެއެވެ.
މިސާވޭގައި ބައިވެރި ވި މީހުންގެ ތެރެއިން 18 ޕޮސެންޓް މީހުން ބުނީ, އޭއައި ބޭނުން ކުރިޔަސް ނުކުރިޔަސް އެމީހުންނަށް ކަމު ނުދާ ކަމަށެވެ.
ރޮއިޓާސް އިން ބުނީ, ސާވޭގެ ނަތީޖާ އަށް ބަލާއިރު އާންމުންނާ ގުޅުން ހުންނަ ނުވަތަ އާންމުން އެ މައުލޫމާތަކަށް ޝައުގުވެރިވާ މައުލޫމާތު އޭއައި ބޭނުން ކޮށްގެން މުއްސަނދި ކުރުމަކީ ކިޔާ މީހުން ރުހޭ ކަމެއް ނޫން ކަމަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
ރޮއިޓާސް އިން މި ސާވޭ ހެދި ވަގުތަކީ ދުނިޔޭގެ ބޮޑެތި ނިއުސް ރޫމްތަކުގައި އޭއައި ބޭނުން ކުރަމުން އަންނަ ވަގުތެކެވެ. އެގޮތުން ނިއުސްކޯޕް އޮސްޓްރޭލިއާ އަކީ ފާހަގަ ކޮށްލެވޭ ނިއުސް އައުޓްލެޓަކަށް ވާ އިރު އެތާނގެ ސީއީއޯ މައިކަލް މިލާ ބުނެފައި ވަނީ މިދިޔަ އަހަރު އެކަނިވެސް އެމީހުން އޭއައި ބޭނުން ކޮށްގެން 3000 އާޓިކަލް އުފެއްދި ކަމަށެވެ.
ނިއުސްކޯޕްގެ އިތުރުން ޖަރުމަނުގެ ބިލްޑް ކުންފުނިން ވަނީ, އެމީހުންގެ ހަބަރާއި މައުލޫމާތު ތަކުގައި އޭއައި ބޭނުން ކުރުމަށް 107 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެއްވެސް އިއުލާން ކޮށްފައެވެ. އެ ކުންފުނިން ބުނީ, އޭއައި އާ އެކު މުވައްޒަފުންގެ އަދަދު މަދުކުރެވިގެން ދާނެ ކަމަށެވެ.
އޭއައި އަކީ މިއަދު ހުރިހާ ދާއިރާއެއްގައި ވެސް ބޭނުން ކުރަމުން އަންނަ ކުރިއަރާފައިވާ އިލްމެކެވެ. ފޮޓޯ އާއި ވީޑިއޯ އުފެއްދުމުގެ އިތުރުން ލިޔުންތަކާއި މަޒުމޫނުތައް ލިޔެ ތައްޔާރު ކޮށްލުމަކީ އޭއައި އަށް ފަސޭހަ ކަމެކެވެ. އަދި ބޭސްވެރިކަމުގެ ދާއިރާ އާއި ސްޕޭސް ޓެކްނޮލޮޖީއާއި އަސްކަރީ ދާއިރާގައިވެސް މިއަދު އޭއައި ވަނީ މަގުބޫލުކަން ހޯދާފައެވެ.