ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ މެސެޖްގެ ސިޓީ އަކާއެކު ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަން ލިޒިން، މުއިއްޒު އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަންފުޅުގައި ފޮނުއްވި ތަހުނިޔާގެ ސިޓީ ރައްދުކުރައްވާފައެވެ. މި ސިޓީގައި ޗައިނާގެ ރައީސް ވަނީ ރައީސް މުއިއްޒަށް އިހްލާސްތެރިކަމާ އެކު ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކޮށް، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަގްބަލެއް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.
ޗައިނާގެ ސަފީރު މި ސިޓީ ރައްދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މި ސިޓީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އުފަން ދުވަހަކީ ވެސް މިއަދު ކަމަށް ވާތީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ މެސެޖް ރައްދުކޮށްދެއްވުން އެދި ޗައިނާގެ ސަފީރާ ހަވާލުކުރައްވާފައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަން ދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ޗައިނާއާ ދެ ގއުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކައިގައި، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.