ރާއްޖޭގައި ބޭނުން ކުރެވޭ ލޭގެ 70 ޕަސެންޓް ބޭނުން ކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށް ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ހެލްތް މިނިސްޓްރީއިން ބުނީ މި ދުވަސް ދުނިޔޭގެ ފެންވަރުގަ ފާހަގަ ކުރުމުގެ ބޭނުމަކީ މީހުންގެ ތެރޭގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުން ކަމަށެވެ.
ހެލްތް މިނިސްޓްރީއިން ބުނީ ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރު ކަމަށެވެ. އެގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށްކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ.
އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އަންދާޒާ ކުރެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދިވެހިރާއްޖެއަށް މި ނިސްބަތް 3 އިންސައްތައަށް މަތިކޮށްފައެވެ.
ހެލްތް މިނިސްޓްރީއިން ބުނީ 2022 ވަނަ އަހަރުގެ ތެރޭގައި 53 ބްލަޑް ކޭމްޕް ބޭއްވިފައިވާއިރު 2023 ވަނަ އަހަރު 62 ބްލަޑް ކޭމްޕް ބޭއްވިފައިވާ ކަމަށެވެ. އަދި މިއީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 17 އިންސައްތަ އިތުރު އަދަދެއްކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ.
މި އަހަރަކީ މޯލްޑިވައަން ބްލަޑް ސާވިސަސްގައި ނެގޭ ބްލަޑް އިތުރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިން އަހަރަކަށްވުމާއެކު އަދި ހާއްސަކޮށް ލޭ އިތުރުކުރުމަށް ހިންގޭ ހަރަކާތް އިތުރުކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާތީ، މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެވުނު ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެގޮތުން ސިވިލް ސޮސައިޓީތަކާއި ޖަމާއަތްތަކާއި ކްލަބްތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މި އަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕް ބޭއްވިފައިވާކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި ބޭއްވިފައި ވަނީ 22 ބްލަޑް ކޭމްޕްއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރުގައި މި އަހަރު ބްލަޑް ބޭންކް ގާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރު ބައިނަލް އަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިއާރަކީ "ޝެއާ ލައިފް، ގިވް ބްލަޑް" (ދިރިއުޅުން ހިއްސާ ކުރާށެވެ، ލޭ ދޭށެވެ) އެވެ.