އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުން، ދެގައުމުގެ ގުޅުން ކުރިޔަށް ދަނީ ރަނގަޅު މިސްރާބަށްކަން ރަމްޒު ކޮށްދޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރާ، ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސް އަށް ދައުވަތު ދެއްވާ ފޮނުއްވި ސިޓީފުޅު އެ މަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީހީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ މިއީ ދެގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައެވެ.

އިންޑިއާގެ އާންމު އިންތިހާބު 2024 އަށް ފަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވަޒީރުންގެ މަޖިލީހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 09 202ގައެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ އަވަށްޓެރި ގައުމުތަކާ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލީޑަރުންނަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދައުވަތު އަރުވާފައިވެއެވެ.