މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދިފައިވުމުން ނެގި ގުރުއަތުލުމުން ހޮވިފައިވާ ފަރާތްތަކުގެ ފޯނަށް އެކަން އަންގާ މެސެޖެއް ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި ހަތަރު ކެޓަގަރީއަކުން ގޯތި ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ފުރުސަަތު ހުޅުވާލާފައެވެ. އެ ގޮތުން 1250، 1650، 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބިފައިވާ މީހުންނަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ޖުމްލަ 1096 ފަރާތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް މުއްދަތް ހަމަވި އިރު، ގޯތި ބަދަލު ކުރުމަށް އެދި ހުށަހަޅާފައި ވަނީ 2210 ފަރާތެކެވެ.

ހައުސިން މިނިސްތްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޖާން އަބްދުﷲ ވިދާޅުވީ، ގޯތި ބަދަލުކުރުމަށް 2 ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލި ކަމަށާއި އެންމެ ފުރަތަމަ ހުޅުވާލީ އޭޕްރީލް 7 އިން 14 އަށް ކަމަށެވެ. މުއްދަތު އިތުރުކޮށްދޭން އެތައް ބަޔަކު އެދުމުން 18 އޭޕްރިލް އާ ހަމަޔައް މުއްދަތު އިތުރު ކުރީކަމަށް ދިލްޝާން ވިދާޅުވިއެވެ.

ހުޅުވާލި ފުރުސަތަށް ވުރެ ގިނައިން އެދިފައިވާ ކެޓަގަރީތަކަކީ 1250 އާއި 1650 އަކަފޫޓުގެ ގޯއްޗެވެ. މީގެ ތެރޭގައި 1250 އަކަފޫޓުގެ 196 ގޯއްޗައް ކުރިމަތިލި 1093 މީހުންނާއި 1650 އަކަފޫޓުގެ 683 ގޯއްޗައް ކުރިމަތިލި 880 މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފައި މި ވަނީ ދަރުބާރުގޭގައެވެ.

މި ދެ ކެޓަގަރީން ގޯތި ބަދަލު ކުރަން ހުށަހަޅާފައިވާ މީހުންގެ މެދުގައި މިއަދު ހެނދުނު 9:00 އިން 10:00 އަށް ގޯތި ބަދަލު ކުރަން އެދުނު މީހުންނަށް އެ މީހުންގެ ގަނޑުކޮޅު އަމިއްލަ އަށް ފޮއްޓަށް ލުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އެ ވަގުތު އެތަނަށް ހާޒިރު ނުވެވޭ ފަރާތްތަކުގެ ގަނޑުކޮޅު ފޮއްޓަށް ލާފައި ވަނީ މިނިސްޓްރީގެ މުވައްޒަފެކެވެ. އެއަށްފަހު ގުރުއަތުލުން ފެށާފައި ވަނީ މިއަދު މެންދުރު 12 ޖެހިއިރުއެވެ.

ގޯތި ބަދަލުކުރުމަށް ބޭނުންވެގެން ހުށަހެޅި ފަރާތެއް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އޭނާ އަށް ކުރިން ގުރުއަތުލައިގެން ގިރާވަރުފަޅުން ލިބުމުން ދެރަވި ކަމަށާއި ނަމަވެސް ޝުކުރުކޮށްލައިގެން ހުރީ ކަމަށެވެ. ގުޅިފަޅަކީ މާލެއަށް އެންމެ ދުރުގައި އޮތް ސަރަހައްދަށް ވުމުން އެކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަން އެނގޭތީ އަބަދުވެސް ބޭނުންވީ ގުޅިފަޅުން ނުވަތަ ހުޅުމާލެއިން ކަމަށް އެމީހާ ބުންޏެވެ.

ނަމަވެސް ފަހުން ގިރާވަޅުފަޅަށް ގޯތި ބަދަލު ކުރުމަށް ފުރުސަތު ދިނުން ވެގެން ދިޔައީ ވަރަށް އުފާވި ކަމެއް ކަމަށާއި މި ފަހަރު ގުރުއަތުން ގުޅިފަޅުން ގޯތި ލިބުމަކީ އެންމެ އުންމީދުކުރާ ގޮތް ކަމަށް އޭނާ ބުނެއެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށް މި ސަރުކާރުން ބުނެއެވެ. އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.