މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދިފައިވުމުން މާދަމާ މެންދުރު 12 ޖަހާއިރު ގުރުއަތުލުން ކުރިއަށް ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި ހަތަރު ކެޓަގަރީއަކުން ގޯތި ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ފުރުސަަތު ހުޅުވާލާފައެވެ. އެ ގޮތުން 1250، 1650، 2050 އަދި 2450 އަކަފޫޓުގެ ގޯތި ލިބިފައިވާ މީހުންނަށް މި ފުރުސަތު ހުޅުވާލާފައިވާ އިރު، ޖުމްލަ 1096 ފަރާތަކަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް މުއްދަތް ހަމަވި އިރު، ގޯތި ބަދަލު ކުރުމަށް އެދި ހުށަހަޅާފައި ވަނީ 2210 ފަރާތެކެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ ލިސްޓް:

  • 1250 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 1093 މީހުން
  • 1650 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 880 މީހުން
  • 2050 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 234 މީހުން
  • 2450 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 3 މީހުން

މިއަދު ހައުސިން މިނިސްތްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޖާން އަބްދުﷲ ވިދާޅުވީ، ގޯތި ބަދަލުކުރުމަށް 2 ފަހަރެއްގެ މަތިން ފުރުސަތު ހުޅުވާލި ކަމަށާއި އެންމެ ފުރަތަމަ ހުޅުވާލީ އޭޕްރީލް 7 އިން 14 އަށް ކަމަށެވެ. މުއްދަތު އިތުރުކޮށްދޭން އެތައް ބަޔަކު އެދުމުން 18 އޭޕްރިލް އާ ހަމަޔައް މުއްދަތު އިތުރު ކުރީކަމަށް ދިލްޝާން ވިދާޅުވިއެވެ. އެގޮތުން މާދަމާ ގުރުއަތު ލަނީ 1650 އާއި 1250 އަކަފޫޓުގެ ގޯއްޗައް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި 1250 އަކަފޫޓުގެ 196 ގޯއްޗައް ކުރިމަތިލި 1093 މީހުންނާއި 1650 އަކަފޫޓުގެ 683 ގޯއްޗައް ކުރިމަތިލި 880 މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެ ކެޓަގަރީން ގޯތި ބަދަލު ކުރަން ހުށަހަޅާފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާ ކުރިއަށް ގެންދަން ނިންމާފައި ވަނީ ދަރުބާރުގޭގައެވެ. އެގޮތުން މާދަމާ ހެނދުނު 9:00 އިން 10:00 އަށް ގޯތި ބަދަލު ކުރަން އެދުނު މީހުންނަށް އެ މީހުންގެ ގަނޑުކޮޅު އަމިއްލަ އަށް ފޮއްޓަށް ލުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިލްޝާން ވިދާޅުވިއެވެ. އަދި އެ ވަގުތު އެތަނަށް ހާޒިރު ނުވެވޭ ފަރާތްތަކުގެ ގަނޑުކޮޅު ފޮއްޓަށް އަޅާނީ މިނިސްޓްރީގެ މުވައްޒަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ގުރުއަތުލުން ފެށޭނީ 12 ޖަހާއިރު ކަމަށް ވެސް ދިލްޝާން ވިދާޅުވިއެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށް މި ސަރުކާރުން ބުނެއެވެ. އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.