މީގެ ހަތަރުވަރަކަށް ދުވަސް ކުރިން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް، އައްޔަންކުރި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު އެ މަގާމުން ވަކިކޮށްފިއެވެ.

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ޝިފާއު އެ މަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދީފައެވެ. އިތުރަށް ހީނާ ވިދާޅުވީ ޝިފާއު އެ މަގާމަށް ހަމަޖެއްސިއިރު، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ލިބިފައި ނުވާކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ބެކްގްރައުންޑް ބަލާކަން ހާމަކޮށް ހީނާ ވަނީ މިގޮތަށް ދިމާވުމުން، އިތުރަށް އެކަން ހަރުދަނާކޮށް ތަކުރާރު ނުވާނެ ގޮތަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރުގެ ކުންފުނި ތަކަށް ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކުރާ ކަމުގެ ތުހުމަތުގައި އޭޕްރިލް 28، 2023 ގައި ޝިފާއު ހައްޔަރުކުރި ނަމަވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އަދި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފައެވެ. އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާއިރު ފަހުން އޭނާ ވަނީ އަމިއްލައަށް ރާއްޖެއަށް އެބުރި އައިސްފައެވެ. އެންމެ ފަހުން އޭނާ ދޫކޮށްލީ ޕާސްޕޯޓު ހިފަހައްޓާ މާލެ ސަރަހައްދުގައި ރަށު ބަންދުގައި ހުރުމަށް ޝަރުތުކޮށްފައެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާ އުފުލައިފައެވެ.