އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެއްޖެއެވެ.

އެ ހެލިކޮޕްޓަރަކީ އީރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހެދި ޑޭމް އެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްއާއި ހާރިޖީ ވަޒީރު ހޮސައިން އަމްރު އަބްދުއްލޯހިޔާން އާއި ތަބްރީޒީ މިސްކިތުގެ އިމާމު އާޔަތުއްލޯ އަލްހާޝެމީ އާއި އަޒަރުބައިޖާންގެ އިރުމަތީ ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރެއްވި ހެލިކޮޕްޓަރެވެ.

އިއްޔެ ތިން ހެލިކޮޕްޓަރެއް އެކުއެކީގައި ދަތުރުކުރަމުން ދިޔައިރު މޫސުން ގޯސްވެ ބޯ ދުންފިންޏާ ހުރެ ދުރު ފެންނަ މިނަވްރު ނުސާފުވުމުން އިތުރަށް ދަތުރު ނުކުރެވިގެން އީރާނުގެ ހުޅަނގު އުތުރު ބިތުގައި އޮންނަ އުޒީ ވިލެޖާ ހިސާބުން ވަރްޒަގާން އަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ހެލިކޮޕްޓަރު ވެެއްޓުނު ކަމަށް އެ ގައުމުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފަވެއެވެ.

އީރާނުގެ ރެޑް ކްރެސެންޓުގެ އޮފިޝަލުން ބުނީ ހެލިކޮޕްޓަރު އޮތް ސަރަހައްދަށް ދެވުނު ނަމަވެސް ހެލިކޮޕްޓަރު ތެރެއިން ދިރިހުރި އެއްވެސް މީހެއްގެ ހިލަމެއް ނުވާ ކަމަށެވެ.

މެހެރް ނިއުސް އެޖެންސީގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހެލިކޮޕްޓަރުން ދަތުރުކުރެއްވި ހުރިހާ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.

އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި ގޮވާފައި

ޑްރޯން ފޯޓޮއެއް ކަމަށް ބުނެ އާންމުވެފައި ވާ ފޮޓޯއެއްގައި ފަރުބަދައެއްގެ މައްޗަށް ވެއްޓި ގޮވާފައި އޮންނަ ހެލިކޮޕްޓަރެއް ފެނެއެވެ. އެއީ އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށެއް ނުދެއެވެ.

އީރާނުގެ ރައީސް އަޒަރުބައިޖާނުން ފުރާވަޑައިގަތީ އީރާނުގެ އެއާފޯސްގައި ބޭނުން ކުރާ 'ބެލް 212' މަރުކާގެ ހެލިކޮޕްޓަރެކެވެ.