ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ބިދޭސީ މީހާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް، ޝަރުތުކޮށް އެމީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނީ، ހަމަނުޖެހުން ހިންގި މީހާގެ އަތުގައި އޮތީ އެމެރިކާގެ ޕާސްޕޯޓެއް ކަމަށާއި، އޭނާ ޗެކިން ކުރަން ހުރީ އިއްތިހާދު އެއާވޭސް އިން އަބޫދާބީއަށް ދާ ފްލައިޓަކަށް ކަމަށެވެ. ނަމަވެސް ލަގެޖް ކިރި އިރު ބަރު ވުމުން އިތުރަށް ފައިސާ ދައްކަން ޖެހުނީ ކަމަށާއި އޭނާ ހިތްހަމަ ނުޖެހި ހަމަނުޖެހުން ހިންގަން ދިމާވި ސަބަބަކީ އެއީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމު ވެފައި ވާ އިރު، ފެންނަނީ އެ ފަތުރުވެރިޔާ ރުޅިއައިސް ހުރެ އެއާލައިންގެ މުވައްޒަފަކާ ދިމާއަށް ގޮސް އޭނާގެ ބޮލުގައި ގޮއްމުއްކަވާ ޖަހާ ތަނެވެ. އެއިރު އިތުރު ސްޓާފުންނާއި ޗެކިން ވާން ގޮސް ތިބި އިތުރު ފަތުރުވެރިންވެސް ތިބި އިރު، އޭނާ ހަމަލާ ދިނުމާއެކު މުވައްޒަފު ވެއްޓޭތަން ފެނެއެވެ.

ހަމަ އެވަގުތު އެހެން މުވައްޒަފަކު ފަތުރުވެރިޔާގެ ފަހަތުން ގޮސް ގައިގައި ޖެހިގަންނަތަންވެސް ފެނެއެވެ. އެކަމާ ވެސް ފަތުރުވެރިޔާ ކުރިމަތިލައެވެ. އެނބުރި އެ މުވައްޒަފުގެ ފަހަތުން ގޮސް އޭނާ ކޮއްޕާލައެވެ.