ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތަކަށް ހައުސިން މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 11 ޖެހުމުގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތާ ގުޅިގެން ހައުސިން މިނިސްޓްރީއިން ބުނީ 1250 އަކަފޫޓުގެ 193 ގޯތި މީގެ ކުރިން އިއުލާން ކޮށްފައިވާ ކަމަށާއި މި ފަހަރު އިއުލާން ކޮށްފައިވަނީ 196 ގޯތި ކަމަށެވެ.

މީގެ ކުރިން 1650 އަކަފޫޓުގެ 663 ގޯތި އިއުލާން ކޮށްފައިވާއިރު މި ފަހަރު އިއުލާން ކޮށްފައިވަނީ 683 ގޯއްޗެވެ.

މީގެ ކުރިން ވެސް މި ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލިއިރު މުއްދަތް ހަމަވިއިރު 1913 މީހަކު ގޯތި ބަދަލުކުރަން ވަނީ އެދިފައެވެ.

އޭރު މިނިސްޓްރީއިން ބުނީ އިއުލާން ކުރެވުނު ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ބަލާއިރު 2،450 އަކަފޫޓު އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކަމަށެވެ.

ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ހުށަހަޅާފައި ވުމުން ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 1،250 އަދި 1،650 އަކަފޫޓުގެ ގޯތި ލިބިފައިވައިވާ ފަރާތްތަކުގެ މެދުގައި ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ ގުޅިފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށްވާތީ ކަމަށެވެ. އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.